ކޮވިޑު ހާލަތުގައި ރައްޔިތުން ބަނޑަށް ނުޖެހި ތިބީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ވަރުގަދަވުމުން: އަހްމަދު

މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް19ގެ ހާލަތުގައި ވެސް ރާއްޖޭގެ ރައްޔިތުން ބަނޑަށް ނުޖެހި ހާލަތު ބޮއްސުންލައިގެން ދިޔުމުން ސަލާމަތްވީ ރާއްޖެއިން ގެންގުޅޭ ހާރީޖީ ގުޅުންތަކުގެ ސިޔާސަތު ވަރުގަދަވުމުންކަމަށް ވެރިކަންކުރާ މައި ޕާޓީއަށް ނިސްބަތްްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ޕްރޮގްރާމެއްްގައި ވާހަކަދައްކަވަމުން އަހްމަދު ވިދާޅުވީ ވިޔާފާރިއާއި އިގްތިސާދީ އެތައް ގުޅުމެއް ބޭރުގެ ގައުމުތަކާއެކު ވަރަށް ބޮޑަށް ބަދަހިކުރެވިފައިވާކަމަށެވެ. "މުޅި ދުނިޔޭގެ މަޝްހޫރު މާލީ އިދާރާތަކުން ތިބީ އަޅުގަނޑުމެންނާ އެއްކޮށް. އޭގެ ނަތީޖާއެއް ނޫންތޯ އަޅުގަނޑުމެންގެ ރާއްޖެ މިދިޔަ ދަތި ހާލަތުގައި މި ގޮތުގައި ރީތިކޮށް ބަނޑަށް ނުޖެހި އަޅުގަނޑުމެންގެ ރައްޔިތުންގެ ހާލަތު މާބޮޑަށް ގޯސް ނުވެ މިއޮތީ،" އަހްމަދު ވިދާޅުވިއެވެ. ހަމައެއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ތައުރީފްކުރައްވާ އޭނާ ވަނީ ވާހަކަދައްކަވާފައެވެ. "ރައީސް ސޯލިހުގެ ހަރުދަނާ ހާރިޖީ ސިޔާސަތާ އެއްކޮށް މިއަދު މި ރާއްޖެ މިވަނީ މި ވޭތުވެ ދިޔަ ތަނުގައި ދިވެހިރާއްޖެއަަށް ނުލިބޭހާ ކުރިއެރުން ނުވަތަ ނުލިބޭހާ މަގާމު ދު ނިޔޭގެ ގައުމުތަކުގެ ކުރިމަތީގައި ވަރަށް ބޮޑު ތަނުން ﷲގެ ރަހުމަތާއެކު ލިބިފައި،" އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިއަދު ރާއްޖެއިން މަސައްކަތްކުރަމުން އަންނަނީ ބޭރުގެ ގައުމުތަކަށް ވެސް ރާއްޖޭގެ އެންމެހާ ކަންކަން ފެންނާނެ ފަދައިން ދެ ފުށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި ރާއްޖެއިން ބައިނަލްއަގްވާމީ މައިދާނުގައި ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނެތްކަމަށެވެ. އަދި ނޫސްވެރިންނަށް މިއަދު ފުރިހަަމަ މިނިވަންކަން ރާއްޖޭގައި އެބައޮތްކަމަށެެވެ. " ޑިމަކުރަސީ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތާއި ނޫސްވެރިންނަށް ނޫސްވެރިންނަަށް ހުޅުވިފައި ހުރި ފުރުސަތުތަކާއި، ފާޑު ކިޔުމަށް އޮތް ޖާގައާ މިހުރިހާ އެއްޗެއް ވަރަށް ސާފު،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުގެ ފަސް އަހަރަކީ ނޫސްވެރިންނާއި އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް ރާއްޖޭގައި ހުރަސް އެޅުމަށް މަސައްކަތްކުރި ފަސް އަހަރުކަމަށެވެ. އަދި އެއާއެކު ހަގީގީ މިނިވަންކަން ބައިނަލްއަގްވާމީ މުޖުތަމައުގައި އެތައް ކަމެއް ފޮރުވުމަށް ވެސް މަސައްކަތްކޮށްފައިވާކަމަށެވެ. މި ސަރުކާރުގެ ހާރިޖީ ސިޔާސަަތަކީ ދުނިޔެ ބަލައިގެންފައިވާ ސިޔާސަތެއްކަމަށް ފޮރިން މިނިސްޓަރު އަދި އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ބައިނަލްއަގްވާމީ އެންމެ ބޮޑު ޖަމިއްޔާގެ ރިޔާސަތުން ޖާގަ ލިބުމަކީ ލިބުނު ބޮޑު ކުރިއެރުމަކާއި ފަހުރެއްގެ ގޮތުގައި ޝާހިދު ވެސް ވަނީ ސިފަކުރައްވާފައެވެ. ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ