ރައީސް ޔާމީން އެދިވަޑައިގަތީ މައްސަލަ ލައިވް ކުރަން، ޔޫސުފް ނައީމް އެކަމާ ދެކޮޅު

ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ލައިވް ކުރުމަށް އެދިވަޑައިގަތް ނަމަވެސް އެ މައްސަލައިގައި ދެން ދައުވާ ލިބޭ ޔޫސުފް ނައީމް އެކަމަށް އިންކާރުކޮށްފިއެވެ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ. މިއަދު ހެނދުނު 9:30 ގައި ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ އަޑުއެހުން ފެށުމާ އެކު ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ އެކަން ޝަރީއަތުގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން, އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން މީގެކުރިން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ބައެއް ޝަރީއަތްތައް ލައިވްކޮށްފައިވާކަން ފާހަގަކޮށް ޖަމީލް ވިދާޅުވީ, އޭނާގެ މުވައްކިލް ވެސް ބޭނުންފުޅުވެލައްވަނީ މި މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ދައުލަތުން ވެސް އެ މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އިއުތިރާޒްކޮށްފައެއް ނުވެއެވެ. އެއާ އެކު މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ, މައްސަލަ ލައިވް ކުރުމަށް ހުރަހެއް ނެތް ކަމަށެވެ. އެކަމަށް އިއުތިރާޒު ކުރީ ޔޫސުފް ނައީމްއެވެ. އޭނާގެ ވަކީލް ވިދާޅުވީ, ރައީސް ޔާމީންގެ ބައި ލައިވްކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް އޭނާގެ މުވައްކިލުގެ ބައި ލައިވްކޮށްގެން ގެންދިއުމަށް އިއުތިރާޒް ކުރާ ކަމަށެވެ. ނަމަވެސް ސަބަބެއް ވިދާޅެއް ނުވެއެވެ. މައްސަލަ ލައިވް ކުރުމަށް ޔޫސުފް ނައީމްގެ ވަކީލް އިއުތިރާޒު ކުރެއްވުމުން އެކަމަށް ޝަރީއަތުން ގޮތެއް ނިންމާނެ ކަމަށް އިސް ގާޒީ ޝަކީލް އިއުލާން ކުރެއްވިއެވެ. އަދި ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކަމަށް ގޮތެއް ނިންމައި ދެ ފަރާތަށާއި ދައުލަތަށް އެކަން އަންގަވާނެ ކަމަށެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ވަޑައިގަތުމަށް ރައީސް ޔާމީން ގެއިން ނުކުމެވަޑައިގަތް ކާރުކޮޅަށް އަރައިވަޑައިގަންނަވަނީ --- ސަން ފޮޓޯ: މުހައްމަދު ހައްޔާން އެއަށްފަހު މިއަދުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމައި ދައުލަތުން ދައުވާ އިއްވުމަށް ފުރުސަތު ދެއްވުމުން, އަނެއްކާވެސް ދިފާއީ ވަކީލް ޑރ. ޖަމީލް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން އަވަސް އަރުވާލައިގެން މިއަދު ދައުވާ އިއްވުމުގެ ބަދަލުގައި ލައިވް ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށްފަހު ކުރިއަށް ގެންދިއުމަށް އެދިވަޑައިގަތެވެ. ދިފާއުން އެކަން ފާހަގަކުރުމާ އެކު މިއަދު އަޑުއެހުން އިތުރަށް ކުރިއަށް ނުގެންދަން ގާޒީ ނިންމެވިއެވެ. އޭގެ ކުރިން ދެ ފަރާތަށް ލިޔެކިޔުންތައް ލިބިފައިވޭ ތޯ ގާޒީ ސުވާލު ކުރެއްވިއެވެ. ރައީސް ޔާމީންގެ ފަރާތުން ވިދާޅުވެފައިވަނީ ދައުލަތުން ހަވާލުކުރި ބައެއް ސީޑީތައް ނުހުޅުވޭ ކަމަށެވެ. ޔޫސުފް ނައީމްގެ ވަކީލު ވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. އަދި އެ މައްސަލައަށް ވަކީލުން އައްޔަނު ކޮށްފައިވަނީ މީގެ އެއް ދުވަސްކުރިން ކަން ފާހަގަކޮށް ޔޫސުފް ނައީމްގެ ވަކީލް ވިދާޅުވީ, ލިޔެކިޔުންތައް ދިރާސާކޮށް ތައްޔާރުވުމަށް އެއް މަސް ދުވަސް ދެއްވުމަށް އެދޭ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް ލިޔެކިޔުމެއް ނުލިބިވާނަމަ އެކަން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ކޯޓަށް އެންގުމަށް ދެ ފަރާތަށް ގާޒީ އެންގެވިއެވެ. އަދި މި މަހުގެ 27 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާނު ކުރެއްވިއެވެ. އެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީ ވާން ޖެހޭނެއެވެ. ރައީސް ޔާމީންގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ, ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ. މިހާތަނަށް ރައީސް ޔާމީންގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ. އެންމެ ފުރަތަމަ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ކުރި ހުކުމް، މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމު ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ