ރައްޔިތުން ބޭނުންވި ނަމަވެސް އަދި 2023އަށް ތައްޔާރެއް ނޫން: ޔާމީން

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަދި ތައްޔާރު ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު މިނިވަންވުމުގެ މުނާބަސަތުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ ރައްޔިތުން އަދިވެސް ޔާމީނަށް އިންތިހާއަށް އިތުބާރުކުރާ ކަމަށާއި ގިނަ ކަންކަމެއް އެމަނިކުފާނުގެ އަރިހުން އެދެމުން އަންނަކަމަށެވެ. އެހެންނަމަވެސް ރައްޔިތުން ބޭނުންވި ނަމަވެސް އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުނޫން ކަމަށް ވެސް ޔާމީން ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސް ޔާމީން މިނިވަންވުމުގެ މުނާބަސަތުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: ޕީޕީއެމް މީޑިއާ
ރައްޔިތުން ޔާމީންގެ ފަރާތުން އެދޭ ކަންތައްތަކަކީ ވަރަށް ބޮޑު ޒިންމާއެއްކަމާއި އެންމެ މީހަކަށް ހައްލުކޮށްދެވޭ ވަރަށް ވުރެ މާ ގިނަ މައްސަލަތައް އެބަހުރިކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ މުޅި ދިވެހި ރާއްޖޭގައި ހުރި ހުރިހާ މައްސަލަތަކަކީ އެންމެ މީހެއްގެ ކޮނޑުގައި އެޅޭ ވަރަށް ވުރެ މާ ބުރަ އަދި ބޮޑެތި މަސްއޫލިއްޔަތުތަކެއް ކަމަށާއި އަދި ރާއްޖޭގައި އޮތް ކޮންމެ އިޖުތިމާއީ މައްސަލައަކަށް އިގްތިސާދީ ގޮތުން ފޫނުބެދިގެން މިދާ ޖަރީމާއަކަށް އެމަނިކުފާނަކީ ހަކީމެއް ނޫންކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ތި ކުރައްވާ އިތުބާރުގެ އިތުރަށް އެމަނިކުފާނަށް ތި ކުރިމަތިކުރައްވާ މަސްއޫލިއްޔަތުތަކަކީ އަދި ޒިންމާއަކީ ހާދަ ވަރުގަދަ އަމާނާތެއް ކަމެވެ.
މީގެ އިތުރުން ޔާމީން ވަނީ ރައީސްކަން ކުރުމަކީ މިހާ އަނިޔާވެރި ވާން ޖެހޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ އާއިލާއަށް އެތައް ހިތްދަތިކަމެއް ދީފައިވާ ކަމަށާއި އެހެންކަމުން މިކަމަށް އަދި ތައްޔާރު ނޫން ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ