ނަޝީދު ނެތި އެމްޑީޕީއެއް ނޯންނާނެ: ބޮންޑޭ

އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ނެތި އެ ޕާޓީއެއް ނޯންނާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫސް "އަވަސް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ބޮންޑޭ ވިދާޅުވީ ނަޝީދު ނެތި އެމްޑީޕީއެއް ނޯންނާނެ ކަމަށާއި އެއީ ޔަގީންކަމެއް ކަމަށެވެ. އަދި އެމްޑީޕީ އުފެދިގެން އައިސްފައިވަނީ އުއްމީދެއްގެ ތެރެއިން ކަމަށާއި އެގޮތުން ނަޝީދާއި ރައްޔިތުންނާއި ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެއް ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.
"މި އިތުބާރު މި ދަރަޖައިގައި އެއްވެސް ބޭފުޅެއް އަދި އަޅުގަނޑަށް ރާއްޖެއަކުން ނުފެނޭ" ބޮންޑޭ ވިދާޅުވިއެވެ.
އަދި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަޅާ ނުކިޔޭނެ ކަމަށާއި ރައީސް ސޯލިހަކީ ރައްޔިތުންނާއި އެހާ ގާތް ބޭފުޅެއް ނޫން ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.
"އެހެން ނަމަވެސް ޕާލިމަންޓްގައި އެހާ ޒަމާންވީމަ ކޮންމެވެސް ވަރަކަށް އޭގެތެރޭގައި އެތިބި މެންބަރުންނާއި ހުރިހާ ބޭފުޅުން ދެނެލައްވާނެ. އެހެން ނަމަވެސް މިއޮންނަ ގުޅުމަކީ އެހެން އެއްޗެއް. އެވަރެއް ނެތް" ބޮންޑޭ ވިދާޅުވިއެވެ.
މީގެއިތުރުން ވެރިކަމުގައި ދައުރު ނިމޭއިރު ވެސް ނަޝީދު ހުންނެވި ހިސާބަށް ރައީސް ސޯލިހަށް ނާދެވޭނެ ކަމަށާއި އެމްޑީޕީއޭ ބުނުމުން ކޮންމެ މީހަކަށް ވެސް ސިފަވާނީ ނަޝީދު ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ. އަދި ނަޝީދު ކުރެއްވި ކޮންމެ މަސައްކަތްޕުޅެއްގައި "ހިޔަންޏެއް" ހެން ހުންނެވީ ރައީސް ސޯލިހު ކަަމަށް ސިފަ ކުރުމަކީ ހަގީގަތެއް ނޫން ކަމަށާއި އެ މަސައްކަތުގައި އުޅުއްވީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ނަޝީދުގެ ނުފޫޒު އެމްޑީޕީން ކަނޑުވާނުލެވޭނެ ކަމަށާއި އެ އުއްމީދުގައި ތިބި ފަރާތްތައް އިތުރު 20 އަހަރު އަދި މަޑުކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ