ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ސަބަބުން 2.5 ބިލިއަން ރުފިޔާގެ ގެއްލުންވޭ: އޭސީސީ

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް މެލޭޝިއާގެ ނެކްސް ބިޒްއާ ހަވާލުކޮށްފައިވާ ގޮތުން 20 އަހަރުގެ ތެރޭގައި 2.5 ބިލިއަން ރުފިޔާގެ ގެއްލުން ދިވެހި ދައުލަތަށް ވަމުންދާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިއަދު ރައްޔިތުންގެ މަޖިލިހުގައި ބުނެފި އެވެ.
ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަޝްރޫއުގެ މައުލޫމާތު މާލިއްޔަތު ކޮމެޓީއާ ހިއްސާކުރައްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެމެރިކާ ސަރުކާރުން ހިލޭ އެ ސިސްޓަމް ރާއްޖޭގައި ބަހައްޓައި ދިނުމަށް ހުށަހެޅި ކަމަށެވެ. އެހެންވެ ހިލޭ ކުރެވެން އޮތް މަސައްކަތެއް ބޮޑު އަގު ދީފައި ކުރުމުން ދައުލަތަށް ބޮޑު ގެއްލުމެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މި ޕްރޮޖެކްޓަކީ ހިލޭ ކޮށްދެވެން އޮތް އެއްޗެއް. އިންޑިއާ ސަރުކާރުން ވެސް އެބައިން ބުނެފައި ހިލޭ މިކަން ކޮށްދެވިދާނެ ކަމަށް. ދެން އަނެއްކޮޅުން 2.3 މިލިއަން ޑޮލަރު- 2.5 މިލިއަން ޑޮލަރަށް ކުރެވެން އޮތް ކަމެއް މި ކަމަކީ. އެހެންވީމާ މިހާ ބޮޑު ހަރަދެއް ކޮށްގެން ކުރަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" އޭސީސީގެ ރައީސް ވިދާޅުވި އެވެ.
ނެކްސް ބިޒަށް މި މަޝްރޫއު ހަވާލުކުރީ ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ އަށެވެ.
މާލިއްޔަތު ކޮމެޓީ އަށް އޭސީސީން ހުށަހެޅި ޕްރެޒެންޓޭޝަންގައިވާ ގޮތުން ގިނަ ކަންތައްތަކެއް ވަނީ ހަމަޖެހިފައިވާ އުސޫލުތަކާ ހިލާފަށް ކޮށްފަ އެވެ. މަޝްރޫއު އަށް އިއުލާންކުރުމާއި އަދި އެ މަޝްރޫއު އިވެލުއޭޓް ކުރުމުގައި ވެސް އެތައް މައްސަލައެއް ނުކިއްސަރު ގޮތަށް ގޮސްފައިވާ ކަމަށް އޭސީސީގެ ޕްރެޒެންޓޭޝަންގައި ބުނެފައިވެ އެވެ. އެ ގޮތުން އެ މަޝްރޫއުގެ ޕްރޮޕޯޒަލް ތައްޔާރުކޮށް ބީލަމަށް ހުޅުވާލީ ނެޝަނަލް ޕްލޭނިން ކައުންސިލް (އެންސީޕީ) ން ކަނޑައެޅި އުސޫލުތަކާ ހިލާފަށެވެ. އަދި ބޯޑާ ކޮންޓްރޯލް ސިސްޓަމާ ގުޅޭ ދިރާސާއެއް ވެސް ސަރުކާރުން ހަދާފައި ނެތް ކަމަށް އޭސީސީން ބުންޏެވެ.
"ނެޝަނަލް ޕްލޭނިން ކައުންސިލްގެ އުސޫލީ މިންގަނޑަކީ ނެޝަނަލް ޕްލޭނިން ކައުންސިލުން ފާސްކުރާ އެއްވެސް ފާސްކުރުމެއް، އެއަށް އުނި އިތުރެއް އެކަމާ ގުޅުން ހުރި އެހެން އެއްވެސް ތާކުން ގެނެސްގެން ނުވާނެ ކަމާއި ނެޝަނަލް ޕްލޭނިން ކައުންސިލުން ފާސްކުރާ ފާސްކުރުމަށް ބަދަލުގެނެވޭނީ ހަމައެކަނި އެ ކައުސިލަށް ކަމަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ކަމަށް. އެހެން ނަމަވެސް މި ދެންނެވި ދެ ގޮތުން ކުރެ ގޮތަކަށް އަމަލު ނުކުރައްވައި އިމިގްރޭޝަނުން ވަނީ މި ދެންނެވި ޕްރޮޕޯޒަލަށް ވަރަށް ބޮޑެތި ބަދަލުތައް ގެނެސްފައި،" އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރު މުހައްމަދު ސޯދިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާ ސަރުކާރުން ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ރާއްޖޭގައި ހިލޭ ގާއިމްކޮށްދިނުމާ މެދު ޖޫން 2009 ގައި ރަސްމީކޮށް ދިވެހި ސަރުކާރާ ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އަމަލީ ގޮތުން މަސައްކަތްތަކެއް ނުކުރެވޭ ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީން ބުނީ ޒަމާނީ ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށްޓަކައި އިމިގްރޭޝަން ޑިޕާޓްމަންޓުން އެންސީޕީ އަށް ހުށަހެޅި ކަރުދާހުގައި 13 މޮޑިއުލެއް ހިމެނުނު ނަމަވެސް ފަހުން އެ ޕްރޮޕޯޒަލަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން ބީލަމަށް ހުޅުވާލިއިރު އޭގެ ތެރެއިން ހަ މޮޑިއުލެއް އުނިކޮށްފައިވާ ކަމަށް ވެސް އޭސީސީގެ ތަހުގީގަށް ފެނިފައިވެ އެވެ.
މީގެ އިތުރުން ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކޮށްދޭނެ ފަރާތެއް ހޯދުމުގެ ކަންކަން ބީލަމުގެ އުސޫލުން ކުރިއަށް ގެންދަން އެންޕީސީން ފިނޭންސް މިނިސްޓްރީއާ ހަވާލުކުރުމުން ބިޑް އިވެލުއޭޝަން ކޮމެޓީން ވެސް ކަންކަން ކޮށްފައިވަނީ ސުވާލު އުފެދޭ ގޮތަށް ކަމަށް ޕްރެޒެންޓޭޝަންގައިވެ އެވެ. އެ ގޮތުން އިވެލުއޭޓް ކުރަންވީ މިންގަނޑުތަކާއި ކްރައިޓީރިއާތަކަކީ ކޮބައިކަން ވެސް އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ. އަދި ބޯޑާ ސިސްޓަމް ގާއިމްކޮށްދިނުމަށް އެދި ހުށަހެޅި ހަތް ފަރާތުގެ ތެރެއިން ޝޯޓް ލިސްޓު ކުރުމުގައި ބަލާ އެންމެ ދަށް މިންގަނޑު ވެސް ސާފު ނޫން ކަމަށް ޕްރެޒެންޓޭޝަންގައިވެ އެވެ.
އޭސީސީން ބުނީ ނެކްސް ބިޒްގެ ބިޑުގެ ސައްހަކަން ދެމިއޮންނާނީ 90 ދުވަހަށް ކަމަށް ވާއިރު ޕްރައިޒް ޕްރޮޕޯޒަލްތައް ހުޅުވިއިރު އެ ކުންފުނީގެ ޕްރޮޕޯޒަލްތައް ވާނީ ބާތިލް އެއްޗަކަށް ކަމަށެވެ.
"އަޅުގަނޑު މި ހާލަތުގައި ބަލާލިން ނެކްސް ބިޒް އޮތްތޯ އެ ބޭފުޅުންގެ ޕްރޮޕޯޒަލް ނުވަތަ އެ ބޭފުޅުންގެ ބިޑްގެ މުއްދަތުގެ ސައްހަކަމުގެ މުއްދަތު އިތުރުކޮށްފައި. އަޅުގަނޑުމެންނަކަށް އެފަދަ އެއްވެސް ލިޔުމެއް ފެނިފައެއް ނެތް. އެހެންވީމާ މިހާ ހިސާބުން ވެސް ފާހަގަކުރެވެނީ ޕްރައިޒް ބިޑްތައް ހުޅުވިއިރުގައި ނެކްސް ބިޒްގެ ބިޑް ވާނީ ބާތިލް ބިޑެއްގެ ގޮތުގައި. އެހެން ނަމަވެސް ޕްރައިސް ބިޑް ހުޅުވައި ނެކްސް ބިޒްގެ ޕްރައިސް ބިޑަށް ވެސް މާކްސް ދީފައިވާކަން ފާހަގަކުރެވޭ،" ސޯދިގު ވިދާޅުވި އެވެ.
އޭސީސީން ބުނީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަޝްވަރާ ބައްދަލުވުމެއް ސަރުކާރުން ހުކުރު ދުވަހެއްގެ ހުކުރު ވަގުތު ބާއްވާފައިވާ ކަމަށް އެއް ޔައުމިއްޔާއަކުން އެނގޭ ކަމަށާއި އެހެންވެ އެ ޔައުމިއްޔާގެ ސައްހަކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. އެދުވަހަކީ އޮކްޓޫބަރު ،15 2010 އެވެ. ބައްދަލުވުން ބާއްވާފައި ވަނީ އެ ދުވަހުގެ ހެނދުނު 11 އިން މެންދުރު 2 އަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.
"ދިވެހި ރާއްޖެ އަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވާއިރު ހުކުރު ވަގުތުގައި ބައްދަލުވުމެއް ބާއްވަފާނެ ކަމާ މެދު ސުވާލު އުފެދޭ. އެހެންކަމުން މި ޔައުމިއްޔާތައް ތައްޔާރުކުރުމުގައި ވެސް އޮޅުވާލުންތަކެއް އޮތް ކަމަށް އަޅުގަނޑުމެންނަށް މިހާ ހިސާބުން ވެސް ފާހަގަކުރެވިގެން ދިޔަ،" ސޯދިގު ވިދާޅުވި އެވެ.
އޭސީސީން ބުނީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި އޮކްޓޫބަރު ،17 2010 ގައި ސޮއިކޮށްފައިވާއިރު ޓެކްސް ނެގުމަށް ނިންމާފައި ވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ. އެ ގޮތުން ރާއްޖެ އަންނަ އަދި ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން ދެ ޔޫއެސް ޑޮލަރު ނެގުމަށާއި ހަދާ ކޮންމެ ވިސާ ކާޑަކުން 15 ޔޫއެސް ޑޮލަރު ޗާޖް ކުރުމަށް ނިންމާފައި ވަނީ ގާނޫނު އަސާސީގެ 97 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވެސް ޕްރެޒެންޓޭޝަންގައިވެ އެވެ. އެ މާއްދާގައި ވާ ގޮތުން ދައުލަތަށް ޓެކްސް ނެގޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. އެކަމަކު އެފަދަ ގާނޫނެއް ފާސްކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ