10 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ބަޔަކު އަތުލައިގެންފި

ފުލުހުންނާއި ކަސްޓަމްސް އިން ހިންގަމުން އަންނަ އޮޕަރޭޝަނެއްގައި 10 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް ވިދާޅުވީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައި ވަނީ މާލެ އާއި އިންޑިއާއާ ދެމެދު ދަތުރުކުރާ ލަކުޑި ބޯޓަކުން ކަމަށެވެ. އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފިޔާ، އަލުވި އަދި ބިސް ބަރުކޮށްގެން އިއްޔެ ހެނދުނު ރާއްޖެ އައި "ސިލްވަ ކްލައުޑް" ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލާގައި މާލޭގެ ގެއެއް ވެސް ފާސްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކޮން ގެއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި ޑޮލަރު ފެނިފައިވާ ކަމަށް ހަނީފް ވިދާޅުވި އެވެ. 
އެ މައްސަލާގައި މީހުން ހައްޔަރުކޮށްފައި ވަނީ ބޯޓުތެރެއިންނާއި މާލެ އިން ކަން އެނގިފައިވެ އެވެ. މިހާތަނަށް ހަތަރު ދިވެހިންނާއި ހަތް ބިދޭސީއަކު ހައްޔަރުކޮށްފައި ތިބި ކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.
"އަދިވެސް އޮޕަރޭޝަން ދަނީ ކުރިއަށް،" ހަނީފް ވިދާޅުވި އެވެ. ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ހުސެއިން ވަހީދުގެ ޓުވީޓުގައި ވިދާޅުވީ މިހާތަނަށް އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގު 10 މިލިއަނަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ.
އެ އޮޕަރޭޝަނުގެ ތަފްސީލު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ