މި އަހަރުގެ ފުރަތަމަ ތިން މަހު ޖީއެމްއާރުން ރޯޔަލްޓީ އާއި އެއާޕޯޓް ސާވިސް ޗާޖު ނުދައްކާ!

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭ މާލެ އިންޓަނޭޝަނަލް އެއާޕޯޓުން ރީއެކްސްޕޯޓް ކުރި ޖެޓް ފިއުލް އިން ދިވެހި ސަރުކާރަށް ދައްކަން ޖެހޭ ރޯޔަލްޓީގެ އިތުރުން އެއާޕޯޓް ސާވިސްޗާޖު، އިދާރީ މައްސަލައަކާ ގުޅިގެން އޮތީ ނުދެއްކި ކަމަށް އެއާޕޯޓް އޮޕަރޭޓްކުރަމުންދާ އިންޑިއާގެ ޖީއެމްއާރު ކުންފުނިން މިއަދު ބުނެފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އިން އިއްޔެ އާއްމުކުރި ދައުލަތުގެ ފުރަތަމަ ތިން މަސް ދުވަހުގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތުތެރޭ އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 5.7 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ މިހާތަނަށް އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބެ އެވެ.
އަދި ރީއެކްސްޕޯޓް ކުރާ ފިއުލްގެ ރޯޔަލްޓީ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރަށް ލިބުނު، 6.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބުނީ އެންމެ 834601ރ. ރުފިޔާ އެވެ. މިއީ 87 ޕަސަންޓުގެ ދަށްވުމެކެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި، ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި އެއްވެސް އާމްދަނީއެއް މި އަހަރުގެ މިހާތަނަށް ލިބިފައިނުވަނީ އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އެތެރެވެ، އަދި ބޭރުވާ މާލެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ހިންގުމާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވި އިންޑިއާގެ ޖީއެމްއާރުން އެއާޕޯޓް ސާވިސް ޗާޖު ނުދައްކާތީ އެވެ. މިކަން ޖީއެމްއާރާއި މީރާ އިން ވެސް ކަށަވަރުކޮށްދެ އެވެ.
މީރާގެ ޑައިރެކްޓާ ޖެނެރަލް އޮފް ސާވިސަސް، ފަތުހުﷲ ޖަމީލު މިއަދު ވިދާޅުވީ، އެއާޕޯޓް ސާވިސް ޗާޖު ނުދައްކާ މައްސަލައިގައި ޖީއެމްއާރާ އެކު މިދިޔަ ހަފްތާގައި ބައްދަލުކޮށްފައިވާ ކަމަށާއި އެ ފައިސާ އަންނަ ހަފްތާތެރޭ ދައްކާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަދި ޖީއެމްއާރުން ނެރުނު ބަޔާނެއްގައި ބުނަނީ، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ ބަދަލުގައި މީރާގެ އެކައުންޓަށް ޖަމާކުރަން ޖެހޭކަން އެންގީ އޭޕްރީލް 19 ވަނަ ދުވަހު ކަމަށާއި އެ ފައިސާ މިހާރު މީރާގެ އެކައުންޓަށް ޖަމާކުރުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެއާޕޯޓް ސާވިސް ޗާޖު ފިނޭންސް މިނިސްޓްރީ އަށް ދައްކަން ޖެހޭ ގޮތަށް އޮތްއިރު ވެސް ޖީއެމްއާރުން އެ ފައިސާ ނުދައްކާ ކަމަށްވެ އެވެ.
ރޯޔަލްޓީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު އަދަދު 87 ޕަސަންޓް ދަށްވެފައި ވަނީ ވެސް މާލެ އިންޓަނޭޝަނަލް އެއާޕޯޓުން ރީއެކްސްޕޯޓް ކުރި ޖެޓް ފިއުލް އިން ދިވެހި ސަރުކާރަށް ދައްކަން ޖެހޭ ރޯޔަލްޓީ ޖީއެމްއާރުން ނުދައްކާތީ ކަމަށް ބެލެވެ އެވެ.
މީރާގެ ފަރާތުން ވާހަކަ ދެއްކެވި ފަތުހުﷲ ޖަމީލު ވިދާޅުވީ، އެހެން ގޮތަކަށް ކަނޑައެޅިފައި ނޯންނަހާ ހިނދަކު ޑިއުޓީ ނުދައްކާ ގޮތަށް އެއާޕޯޓުން ބޭރުކުރާ ހުރިހާ މުދަލުން ސަރުކާރަށް ރޯޔަލްޓީ ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތުން މާލެ އެއާޕޯޓް ކުރިން ހިންގި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ )އެމްއޭސީއެލް( އިން ރޯޔަލްޓީ ދައްކަމުންދިޔަ ނަމަވެސް، ޖީއެމްއާރުން އެއާޕޯޓާ ނޮވެމްބަރު 25، 2010 ގައި ހަވާލުވުމަށް ފަހު ރޯޔަލްޓީ ނުދައްކާ ކަމަށް މީރާ އިން ބުންޏެވެ.
އެހެންކަމުން، އެ ރޯޔަލްޓީ ދެއްކުމަކީ ޖީއެމްއާރާ އެކު ސަރުކާރުން ހަދައިފައިވާ އެގްރިމެންޓުގެ ދަށުން ލާޒިމް ކަމެއްތޯ ކަށަވަރުކުރުމަށް ފަހު، އެކަން ކުރުމަށް ޖީއެމްއާރަށް އަންގާނެ ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރުމުގެ ކުރިން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ނޮވެމްބަރުގެ ނިޔަލަށް ރޯޔަލްޓީގެ ގޮތުގައި އެމްއޭސީއެލް އިން ވަނީ 18.2 މިލިއަން ރުފިޔާ ސަރުކާރަށް ދައްކައިފަ އެވެ.
ރޯޔަލްޓީ ނުދައްކާ މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން ޖީއެމްއާރުން ބުނަނީ، "އިދާރީ މައްސަލައަކާ ހުރެ އެކަން]ރޯޔަލްޓީ ދެއްކުން[ ނުވެ އޮތީ" ކަމަށެވެ. ނަމަވެސް، އެ މައްސަލަ ހައްލުކުރުމަށް ލީގަލް ޓީމުން މަސައްކަތްކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
އިދިކޮޅު ޕާޓީ، ޕީޕަލްސް އެލައަންސް )ޕީއޭ( އިން މިހާރު ވަނީ ޖީއެމްއާރުން ރޯޔަލްޓީ ނުދައްކާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އަށް ވެސް ހުށަހަޅައިފަ އެވެ. ޕީއޭން ބުނަނީ، އެއާޕޯޓުން ރީއެކްސްޕޯޓް ކުރާ ޖެޓް ފިއުލް އިން ދިވެހި ސަރުކާރަށް ރޯޔަލްޓީ ދެއްކުމުގެ އެއްބަސްވުމަށް އިންޑިޔާގެ ޖީއެމްއާރު ކުންފުނިން ހުރުމަތްތެރިކޮށް ނުހިތާ ކަމަށެވެ.
ޕީއޭން ބުނަނީ، އެއާޕޯޓް ހިންގުމާ ޖީއެމްއާރުން ހަވާލުވި އިރު، ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ ހުރިހާ އެއްބަސްވުންތަކަށް އިހުތިރާމް ކުރުމަށް ޖީއެމްއާރުން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ރީއެކްސްޕޯޓް ކުރާ ޖެޓް ފިއުލް އިން ސަރުކާރަށް ރޯޔަލްޓީ ދެއްކުމާ ގުޅޭ ގޮތުން އޮކްޓޫބަރު 7، 2007ގައި ދެ ފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމަށް ޖީއެމްއާރުން އަމަލުކުރުން ހުއްޓާލާފައިވާ ކަމުގައި ޕީއޭން ބުނެ އެވެ.
އަދި އެ ފައިސާ ހޯދުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ޕީއޭން ތުހުމަތުކުރެ އެވެ.
"މި ފައިސާ ދެއްކުން ހުއްޓާލާފައިވީ ކަމުގައި ވިޔަސް، މި ފައިސާ ހޯދުމަށްޓަކައި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމީ ވެސް ފެންނަން އޮތް ހަގީގަތަކެވެ. މިކަމުން ވެސް ދޭހަކޮށްދެނީ ސަރުކާރާއި ޖީއެމްއާރު އާއި ދެމެދު ސިއްރު ގުޅުންތަކެއް ވާ ކަމެވެ،" ޕީއޭ އިން އޭސީސީ އަށް ފޮނުވި ސިޓީގައިވެ އެވެ.
އޭގެ އިތުރުން، ހަނިމާދޫ އެއާޕޯޓް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ޖީއެމްއާރު އާއި ދިވެހި ސަރުކާރާ ދެމެދު އެއްވެސް އެއްބަސްވުމެއް އަދި މިހާތަނަށް ގާއިމް ކުރެވިފައި ނުވާއިރު، ޖީއެމްއާރުގެ ފަރާތުން މުޅި ދުނިޔެ އަށް އާންމުކުރާ ރަސްމީ ލިޔެކިޔުންތަކުގައި، ހަނިމާދޫ އެއާޕޯޓަކީ އެ ކުންފުނީގެ އެއާޕޯޓެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ޕީއޭ އިން ބުނެ އެވެ. އެއީ ދިވެހި ސަރުކާރުގެ "ބޮޑުންނާއި" ޖީއެމްއާރާ ދެމެދު އެކަމަށް އެއްބަސްވެފައިވާތީ ކަމަށް ވެސް އެ ޕާޓީން ތުހުމަތު ކުރެ އެވެ.
"މިއީ ސަރުކާރުގެ މިފަދަ މުއާމަލާތްތައް ހިނގަނީ ދެފުށް ފެންނަ އަދި އަޑި އެނގޭ ގޮތަށް ނޫންކަން ހާމަކޮށްދޭ ކަމެކެވެ. އަދި ހަމަ އެހެންމެ ދިވެހި ސަރުކާރާއި ޖީއެމްއާރު އާއި ދެމެދު ހާއްސަ ގުޅުންތަކެއް އޮންނަކަން ދޭހަކޮށްދޭ ކަމެކެވެ." ޕީއޭގެ ސިޓީގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ