ޝިޔާމަށް އަނިޔާކުރުން ކުށްވެރިކޮށް ނައިފަރު ރައްޔިތުން އިހުތިޖާޖުކޮށްފި

ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރު އަޙްމަދު ޝިޔާމަށް ރައްޔިތުން މަޖިލިސް ޖަލްސާގައި ހަމަލާދިނުމުން އެކަން ކުށްވެރިކޮށް ނައިފަރު ރައްޔިތުން މުޒާހަރާއެއް ބާއްވައިފިއެވެ. ނައިފަރު ރައްޔިތުން މާސްކާއެކު ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބުނެފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަކީ އެރަށުގެ ރައްޔިތުން ނުހަނު ލޯބިވާ ބޭފުޅެއް ކަމުގައެވެ. އަދި އޭނާއަށް މަޖިލިސް ތަޅުމުގައި އަނިޔާކުރި ކަން ހަނދާން ނައްތައިނުލާނެ ކަމަށްވެސް ރައްޔިތުން ބުނެފައިވެއެވެ. އޭގެ އިތުރަށް އެތަނުގައި ޖަމާވެ ތިބި ފަރާތްތަކުން އުފުލާފައިވާ ބޯޑުތަކުގައި ޝިޔާމަށް އެރައްޔިތުންގެ ހިތްތަކުގައި އޮތް ލޯބި ފާޅުކުރުމުގެ އިތުރަށް އިދިކޮޅު ލީޑަރު ރައީސް ޔާމިން ޖަލުން މިނިވަންކުރުމަށްވެސް ގޮވާލާފައިވެއެވެ. އަދި އެބޯޑުތަކުގައި ރައީސް ނަޝީދު އިސްވެ ހުންނަވައި ހިންގެވި ޢަމަލަކީ ނައިފަރު ރައްޔިތުން ހަނދާން ނުނެތޭނެ ކަމެއް ކަމުގައި ލިޔެފައިވެއެވެ. ރައްޔިތުން މަޖިލިހުގެ ތަޅުމުގައި މިމަހު އެއްވަނަ ދުވަހު ދަންވަރު ބޭއްވި ޖަލްސާގައި ޝިޔާމު ނިޒާމީ ނުކުތާއެއް ނެންގެވުމުން ނިޒާމީ ނުކުތާއަށް ވާހަކަދެއްކެވުމަށް ފުރުޞަތު ނުދެއްވައި ޝިޔާމުގެ ނަންވެސް ޤަވާޢިދާ ޚިލާފަށް ރައީސް ނަޝީދު އިއްވެވިއެވެ. އަދި މަޖިލިހުގެ އެމްޑީޕީ މެންބަރުންނަށް އަންގަވައިގެން ޝިޔާމު ތަޅުމުން ބޭރުކުރެއްވީވެސް ނަޝީދު ކަމަށް އިދިކޮޅުން ބުނެފައިވެއެވެ. މަޖިލިހުގެ ތަޅުމުގައި އެވަގުތު ހުންނެވި އިދިކޮޅު މެންބަރަކު މަޢުލޫމާތު ދެއްވި ގޮތުގައި އިދިކޮޅު މެންބަރުންނާ އެރޭ ރައީސް ނަޝީދު މުޚާޠަބުކުރެއްވީވެސް ވަރަށް ހުތު ޢިބާރާތްތަކުންނެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ