މެންބަރުން ދެއްކީ ރޯގާއާއެކު އުޅެވޭނެ ގޮތުގެ މިސާލު: ނަޝީދު

ރާއްޖެ އަލުން ހުޅުވައިގެން ނިއު ނޯމަލްގެ ހަމަތަކާ އެކު ކޮވިޑް-19 ގެ ބައްޔާ އެކީގައި ދިރިއުޅެން އާދަ ކުރަން ޖެހިފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް އެކަމަށް މިސާލު ދައްކަވަން ތިއްބެވި ރައްޔިތުންގެ ލީޑަރުން ކަމަށް އެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރި ފަހުން ފުރަތަމަ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލި އެވެ. ދެން މާޗު މަހުގެ 31 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބޭއްވީ ވެބްކޮންފެރެންސް މެދުވެރިކޮށެވެ.
ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކު މަޖިލީހުގެ ތަޅުމަށް މެންބަރުން އެއްވެގެން މިއަދުގެ ޖަލްސާ ބޭއްވި އެވެ. ޖަލްސާގައި ތަޅުމުގައި އެއް ވަގުތެއްގައި ތިއްބެވީ ގިނަވެގެން 42 މެންބަރުންނެވެ. ގައިދުރުވުމުގެ ހަމަތަކުގެ މަތިން އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވަ އެވެ. މެންބަރުން ތިއްބެވީ މާސްކް އަޅައިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިފަދަ ބަލިމަޑުކަމުގެ ހާލަތެއްގައި ވެސް މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި ރާއްޖޭގެ ރައްޔިތުން އެކަން ބަލައިގަންނަ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ތަޅުމަށް މެންބަރުން އެއްވެގެން މަޖިލީހުގެ ޖަލްސާތައް ނުބޭއްވޭނަމަ ގާނޫނުތަކަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ކުރުމަށް އެތައް ދަތިތަކާ ކުރިމަތިވެގެން ދިޔައީސް ކަމަށެވެ. ރޯގާއާއެކު ނިއު ނޯމަލްގެ ހަމަތަކުގައި އުޅެން ޖެހިފައިވާއިރު ރައްޔިތުންނަށް މިސާލު ދައްކަވަން ތިއްބެވި އެންމެ މުހިއްމު އެއް ބަޔަކީ މަޖިލީހުގެ މެންބަރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ރާއްޖެ އަލުން އަނބުރާ ހުޅުވިގެން މި ރޯގާއާ އެކު އުޅެން ޖެހޭނެ ކަން އެބަ އެނގޭ. ރައްޔިތުންނަށް އެ މިސާލު ދައްކަން މި މަޖިލީހުގެ މެންބަރުންނަށް ވުރެ ވަކި މުހިއްމު ބައެއް ނެތް. މި މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ ވަކީލުން. ރައްޔިތުންގެ ފަރާތުން މި ތަނަށް ވަޑައިގަންނަވަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މެންބަރުން މާސްކް އަޅައިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނީ
-- ފޮޓޯ: މަޖިލީސް
މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަނުވަނީސް އާންމުކޮށް މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ޖަލްސާތައް ބާއްވަން ނިންމުމުން ގާނޫނީ ސުވާލުތަކެއް އުފެދިގެން ދިޔަ އެވެ. އެއީ އެޗްޕީއޭގެ ހުއްދަ ވެސް ނެތި ޖަލްސާ ބާއްވާތީ ކަމަށް ބުނެ އެވެ. ނަމަވެސް ފަހުން ޝަރުތުތުތަކާއެކު ޖަލްސާ ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދިނެވެ.
އެޗްޕީއޭގެ އިރުޝާދުތައް
ޖަލްސާއަށް ވަނުމުގެ ކުރިން ޓެމްޕަރޭޗާ ބަލައި، ހުން ނެތްކަން ކަށަވަރު ކުރުންއަލާމާތް ހުރި އެއްވެސް މީގަކު ޖަލްސާއަށް ނުވެއްދުންއެކަކު އަނެއްކަކާ ދެމެދު ތިން ފޫޓްގެ ދުރުމިން ބެހެއްޓުންސައިބޯނި ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުންމޭޒުމަތި، ތަޅު، ކީބޮޑު، މައުސް ފަދަ ތަކެތި ޑިސްއިންފެކްޓް ކުރުންކޮވިޑުން ރައްކާތެރިވުމުގެ އާންމު އިރުޝާތުތަކާ އެއްގޮތަށް އަމަލު ކުރުންމީހުން އެއްވެ އެއްތަނަކަށް ބާއްވަންޖެހޭ ޖަލްސާއެއް ނޫނީ މި ދުވަސްވަރު ނުބޭއްވުން
މިހާރު މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން އަންނަ ބުރާސްފަތި ދުވަހު ހަމަވާއިރު ލޮކްޑައުން އިތުރު ކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދޭނެ ލުއިތަކުގެ މާ ބޮޑު ތަފުސީލުތަކެއް އަދި އާންމެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ