މަސްތުވާތަކެތީގެ ވިޔަފާރީގެ ފައިސާ ބޭނުންކުރާނަމަ މަނީ ލޯންޑްރިންގެ ދައުވާކުރަނީ!

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ، އެހެން ކަންކަމަށް ބޭނުންކުރާނަމަ، މަނީ ލޯންޑްރިންގެ ދައުވާ ކުރަން ގާނޫނު ޖާގަދޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ، އެހެން ކަންކަމަށް ބޭނުންކުރާނަމަ، މަނީ ލޯންޑްރިންގެ ދައުވާ ކުރަން ގާނޫނު ޖާގަދޭ ކަމަށާއި ޕީޖީ އޮފީހުގެ ސިޔާސަތަކީ، އެމަގުން ދިއުން ކަމަށެވެ.
އަދި އެފައިސާއާއި، އެފައިސާއާ އެއްކޮށްފައިވާ އެހެން ފައިސާތައް ދައުލަތަށް ނެގުންކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ އެފަދަ ދައުވާތަކަށް ކުރާނީ މަނީ ލޯންޑްރިންގެ ދައުވާ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ، ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި އެކަމަކީ ހައްލުކުރަން އެންމެ ދަތި އެއް މައްސަލަ ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރަށް ޖަލުގެ އާބާދީގެ ބޮޑު ޕަސެންޓަކީ "ޓަރމިނޭޝަން" ހުކުމުގައި ތިބި މީހުން މަސްތުވާތަކެތި ބޭނުންކުރާ މީހުންކަން ފާހަގަކުރައްވާ ޝަމީމް ކުރެއްވި ޓްވީޓުގައި ވަނީ އެއާދަ ހިފެހެއްޓުމަށް ކުދި ކުދި ވައްކަން ކުރާ ކަމަށާއި އެ ހުރިހާ މައސަލައެއް ކޯޓަށް ހުށަހެޅުމުން ކޯޓުތައް ތާށިވެ، މައްސަލަ ލަސްވާ ކަމަށެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާ މީހުންގެ ފަހަތުން ދާންޖެހޭ ކަމަށާއި ފުލުހުންގެ ބުރަ މަސައްކަތުން ލައްކަ ގިނަ ނެޓްވޯރކްތައް ރޫޅާލެވިއްޖެ ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
އަދި ދެން އޮތް މަރުހަލާއަކީ، މިކަމުގައި އުޅޭ އަސްލު 'ވިޔަފާރިވެރިން' ފަހަތުން ދިއުން ކަމަށާއި މިބާވަތުގެ ފުރަތަމަ މައްސަލަ، މިމަހުގެ 18 ވަނަ ދުވަހުގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނޭ ކަމަށްވެސް ޕީޖީ ކުރެއްވި ޓްވީޓުގައިވެއެވެ.
އެގޮތުން ދައުވާ ކޮށްފައިވަނީ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތުއާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދުގެ އިތުރަށް، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއީލް ޝަރީފްއާއި، މއ.ހަސްލަތު، ޝަނިޔާ އިބްރާހީމް އަށެވެ.
އެ މީހުންނަށް ދައުވާ ކޮށްފައިވަނީ 12 ޖަނަވަރީ 2021 ވަނަ ދުވަހު އިތުރު ބަޔަކާ ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވިގެން މާލޭގެ 04 ގެއެއް ބަލައިފާސްކޮށް ފުލުހުން ހިނގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައެވެ.
އެމައްސަލައިގައި، އިސްމާއީލް ޝަރީފާއި، ޝާނިޔާ އިބްރާހީމާއި ހަސަން ރަޝީދުގެ އިތުރަށް ހަސަން ލޫތުގެ މައްޗަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައިވާކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ