ވޯޓު ނުދިނުން އެއީ ހައްލެއް ނޫން، ނުކުންނަވާ: ރައީސް ނަޝީދު

އިންތިހާބުގައި ވޯޓު ނުދިނުމަކީ ހައްލެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ގައުމެއް ބިނާކުރުމުގައި ރައްޔިތުންގެ ވޯޓު މުހިންމު ކަމަށާއި، ވޯޓަކީ ފަރުދުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން ކޮންމެސް އެއް ފަރާތަކަށް ވޯޓުދިނުމަށް ވީހާވެސް ގިނަ ރައްޔިތުން ނުކުމެ ވޯޓުދިނުމަށް ރައީސް ނަޝީދު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ޝަކުވާތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އުފާވެރި ދުވަހެއް ކަމަށެވެ. ރައީސް ނަޝީދު ގެންދަވަނީ ހެނދުނުން ފެށިގެން ވޯޓުލާ މަރުކަޒުތަކުގެ ކަންކަން ބައްލަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މެންދުރު ފަހަށް އެޅި ފަހުން ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުވާކަން ފާހަގަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ ފޮއްޓަކަށް މިހާރު 400 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ