އަޅުގަނޑު މަސައްކަތް ކުރަނީ މައުމޫންގެ ހިޔަނީގައެއް ނޫން: ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމަކީ "މައުމޫންގެ ހިޔަނީ"ގައި މަސައްކަތް ކުރެއްވުން ނޫން ކަމަށް އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ޕީއޭގެ ކުރީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ "ހަބަރުތެރެއިން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔާމީން މިރޭ ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވަނީ "މައުމޫންގެ ހިޔަނީ"ގައި ނޫން ކަމަށެވެ. އަދި މައުމޫންގެ ޕާޓީގައި މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ ފަލްސަފާ ގަބޫލުކުރައްވާތީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"މިއަދު އެންމެ ގިނަ މީހުންގެ ޝައުގުވެރިކަން އޮންނަ ބޭފުޅަކަށް ވާނީ މައުމޫން. އެހެންވީމަ މައުމޫން ސިޔާސީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވާ ޕާޓީއެއްގައި އުޅުމަކީ ކޮންމެހެން މައުމޫންގެ ހިޔަނީގައި މަސައްކަތް ކުރުމެއް ނޫން. އެއީ އެކަމަކު މައުމޫންގެ ފަލްސަފާ އާއި މިޕާޓީ އުފައްދަން ޖެހޭ ސަބަބު ގަބޫލު ކޮށްގެން މަސައްކަތް ކުރުން،" ޔާމީން ވިދާޅުވި އެވެ.
~
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ޔާމީނަށް މައުމޫންގެ ތާއީދާ ނުލައި އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ދެކެވަޑައިގަންނަވަންތޯ ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ، މައުމޫންގެ ތާއީދު އޮތަސް، އިންތިހާބުގައި ވޯޓު ދޭނެ ބަޔަކު ރައްޔިތުން ކަނޑައަޅާނީ ކެންޑިޑޭޓެއްގެ އަމިއްލަ ސިފަތަކާއި ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރާ މަސައްކަތްތަކަށް ބަލައިގެން ކަމަށެވެ.
"ރައީސް މައުމޫންގެ ތާއީދާއެކުވެސް މިކަހަލަ ކޮންމެ ކެންޑިޑޭޓެއްގެ ޕާސަނަލް އެތައް ބައިވެރި ސިފަތަކެއް އެބަހުރިކަންނޭގޭ ދެއްތޯ؟ އެ [އަމިއްލަ ސިފަތަކަށް] ނުބަލާ އަޅުގަނޑުމެން ގައުމުގެ ރައީސް ކަމަށް މިހާރު ގެންނަން އުޅެން [ގައުމު] މިއޮތް ހާލަތުގައި އެއީ ކަމުދާވަރު ކަމަކަށްވާނެ ހެން ހީއެއް ނުވޭ،" ޔާމީން ވިދާޅުވި އެވެ.
އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށާއި އެ ޕްރައިމަރީގައި ވާދަކޮށްގެން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި ޕްރައިމަރީން މޮޅުވާ ކެންޑިޑޭޓަކަށް މައުމޫންގެ ތާއީދު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މައުމޫން ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރައްވާނެ ކަމަށް އިއުލާންކުރައްވާފައި ނުވަނީ، އެމަނިކުފާނު އިންތިހާބުގައި ވާދަކުރައްވާނެތީ ކަމަށް އެކި ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، އެ ގޮތަށް ދެކެވަޑައި ނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މައުމޫން އެކަމާ ވަކި ގޮތެއް ނިންމަވަން ޖެހޭ ހިސާބަކަށް ނާންނަ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު މިދަންނަވާ ވާހަކައަކީ ރައީސް މައުމޫން ތިވަރު ކަމެއް ނިންމަވާނީ ޕާޓީގެ މެމްބަރުން ފުރިހަމަވެ، ޕާޓީ ރަޖިސްޓާ ކުރެވި ޕާޓީގެ މެމްބަރުންގެ ފަރާތުން އެކަމަށް އެދޭތޯ ބަލައިފަ، އެއީ އެންމެ ޑިމޮކްރެޓިކް އަދި އެންމެ ރަނގަޅަށް ކުރެވޭނެ ކަމެއް ކަމަށްވަންޏާ މައުމޫނަށް އެފުރުސަތު އޮވެދާނެ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ، ޕީޕީއެމްއަކީ އާއިލީ ޕާޓީއެއް ކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔާތީ އެކަމަށް ވެސް ރައްދު ދެއްވައިފަ އެވެ. އެގޮތުން އެ ޕާޓީ އާއިލީ ޕާޓީއަކަށް ވާނަމަ އެގޮތަށް ބެލޭނީ، ރައީސް މުހައްމަދު ނަޝީދުގެ އާއިލާ ބޭފުޅުން އެމްޑީޕީގައި އަދި ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ އާއިލީ ބޭފުޅުން އެ ޕާޓީތަކުގައި އުޅުއްވާ ބީދައިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ