ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެ ގެނައި ލަންކާ މީހަކު ހައްޔަރުކޮށްފި

ސޫޓު ކޭހެއްގައި ޑަބަލް ފޫ އަޅައިގެން ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅުނު ސްރީލަންކާގެ މީހަކު ކަސްޓަމްސް އިން އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފި އެވެ.
ނޫސްވެރިންނަށް މަޢޫލޫމާތު ދެމުން ކަސްޓަމްސް އިން ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 8:00 އެހާކަންހާއިރު ސްރީ ލަންކާއިން ރާއްޖެ އައި މުހައްމަދު އަރަފާތު މޮހިއްދީން 32، ގެ ފޮށިތަންމަތި ބަލައި ފާސް ކުރި ކުރިއިރު އޭނާ ހިފައިގެން އައި ސޫޓުކޭހެއްގައި ޑަބަލް ފޫ އަޅައި، އެބައިގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކަމަށެވެ.
ސޫޓު ކޭހުގެ ޑަބަލް ފޫ އެޅި ބައިގައި ހުރި ތަކެތި ތަހުލީލު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން މިއަދު ބުންޏެވެ. އަދި އެތަކެތީގެ ބަރުދަނުގައި ޕެކިނާއެކު 515 ގްރާމް ހުރި އިރު އެ އެއްޗެހީގެ މަގުމަތީ އަގު 800،000ރ. އަށް އަރާނެ ކަމަށް ވެސް ބުންޏެވެ.
ޓޫރިސްޓު ވިސާގައި ރާއްޖެ އެތެރެވި އެމީހާގެ ޓިކެޓްގެ ކަންތައްތައް ހަމަޖައްސައިދީފައި ވަނީ ވެސް ސްރީ ލަންކާ މީހެކެވެ. އެއީ ކޮން ނަމެއް ކިޔާ މީހެއް ކަމެއް ނުބުނެ އެވެ.
ކަސްޓަމްސް އިން މިމައްސަލަ ފުލުހުންނަށް ހަވާލު ކުރުމުން ފުލުހުން ދަނީ މައްސަލަ ލަންކާ ސިފައިންނާ ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކަސްޓަމްސް އިން ވަނީ އެމީހާ އަތުލައިގަތް ދުވަހު 100 ޕެކެޓް މަސްތުވާތަކެތި ދިރުވާލައިގެން، ދޯހާއިން ރާއްޖެ އައި ޕާކިސްތާނުގެ އަރުޝަދު ޚާން 23، އަތުލައިގެންފަ އެވެ. އަރުޝަދުގެ ހަށިހަނޑުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ޕެކިނާ އެކު 797.235 ގުރާމަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އަދި ބުނީ ޕާކިސްތާނު މީހާ އަތުން ފެނުނު ކޮންމެ ބުލެޓެއްގައި ދެ އިންޗި ހުރި ކަމަށާއި އެ އެއްޗެހީގެ މަގުމަތީ އަގު 1.8 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ