ނަޝީދު ހައްދަވަނީ އިތުރުފުޅެއް، ދަރަނީގެ އަދަދަކީ 1.52 ބިލިއަން ޑޮލަރު: ސަފީރު

ރާއްޖެ އޮތީ ވަރަށް ބޮޑަށް ޗައިނާއަށް ދަރާފައިކަމަށާ ޗައިނާ އިން ނެގި ލޯނުތަކަށް ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހިފައިވާކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ޗައިނާގެ ސަފީރު ޒަންގް ލިއޮން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ނިމިދިޔަ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ޗައިނާ އިން ނެގި ލޯނުތަކަށް ދަރަނީގެ ގޮތުގައި ރާއްޖެ އިން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދުގެ މި ވާހަކަތަކަށް ވަރަށް ބޮޑަށް ރައްދު ދެއްވަމުން ޗައިނާގެ ސަފީރު ޒަންގް ލިއޮން ވިދާޅުވީ ނަޝީދު ވިދާޅުވި އަދަދުތަކަކީ ހަގީގީ އަދަދުތަކެއް ނޫންކަމަށެވެ. ވަރަށް ތަފްސީލް މައުލޫމާތުތައް ހިއްސާކުރައްވާ ސަފީރު ވިދާޅުވީ ރާއްޖެ އިން ދަރަނީގެ ގޮތުގައި އެކި ގައުމުތަކަށް ދައްކަން ޖެހޭ 3.21 ބިލިއަން ޑޮލަރުގެ ތެރެއިން ޗައިނާ އަށް ދައްކަން ޖެހޭނީ 1.53 ބިލިއަން ޑޮލަރެވެ.
ސަފީރު ވިދާޅުވީ ރައީސް ނަޝީދަކީ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށެވެ. ނޫންނަމަ ރައީސް ނަޝީދު ދައްކަވާ ވާހަކަތަކުގައި އެހެން ކަންތައްތަކެއް އުޅޭކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.
ޗައިނާ ސަފީރު ވިދާޅުވީ ހަގީގަތެއްނެތް އެ ވާހަކަތައް ރައީސް ނަޝީދު ދެއްކެވުމަކީ ހައިރާންކަން ލިބިގެންދިޔަކަމެއްކަމަށެވެ.
އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ޗައިނާގެ ބޮޑެތި ލޯންތައް ނަގައިގެން، އެގައުމުތަކުގެ ކުންފުނިތަކުން ހިންގާފައިވާ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެ ޗައިނާއަށް ދަރާފައިވާކަމަށެވެ. އަދި ރާއްޖެ އިން 3.4 ބިލިއަން ޑޮލަރު ޗައިނާއަށް ދައްކަންޖެހިފައިވާއިރު، މި ފައިސާ ނުދެއްކިއްޖެނަަމަ ދިވެހިންގެ ބިމުން ބައެއް ގެއްލުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
ރައީސް ނަޝީދު ވަނީ ޗައިނާއިން މަސައްކަތް ކުރަމުންދަނީ މި ސަރަހައްދުގެ ގައުމުތައް އިގްތިސާދީގޮތުން އަޅުވެތިކުރުމަށްކަމަށްވެސް ވިދާޅުވެފައެވެ.
ނަޝީދުގެ ވާހަކަތަކާއި ގުޅިގެން މީގެ ކުރިންވެސް ޗައިނާ ސަރުކާރުން ވަނީ ރައީސް ނަޝީދަށް ރައްދުދީފައެވެ. އަދި ރައީސް ނަޝީދުގެ މިފަދަ ވާހަކަތަކަކީ އިންޑިއާ ރުއްސަން ދައްކާ ވާހަކަތަކެއްކަމަށްވެސް ބައެއް ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.
ރައީސް ޔާމީން ސަރުކާރުގެ އިސްވެރިންވެސް ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށާ ދިވެހި ގައުމު އޮތީ ޗައިނާއަށް ދަރާފައި ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ