އަސާސީ ހައްގުތަކާއި މިނިވަންކަމުން ރައްޔިތުން މަހުރޫމުވާ އެންމެ ހިނދުކޮޅެއް ވެސް މިގައުމަށް ކުރިމަތިވެގެން ނުވާނެ: ރައީސް

ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި އެ ހައްގުތަކާ ގުޅިފައިވާ މިނިވަންކަމުން ރައްޔިތުން މަހުރޫމުވާ އެންމެ ހިނދުކޮޅެއް ވެސް މިގައުމަށް ކުރިމަތިވެގެންވާނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިޠާބުގައި ވިދާޅުވީ މިނިވަންކަމަކީ ކޮންމެ މީހެއްގެ ވެސް އިންސާނީވަންތަކަން ރަމްޒުކޮށްދޭ އެންމެ މަތިވެރި ސިފަ ކަމަށާއި އެއީ އިންސާނީ ހައްގުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ހައްގުވެސް ކަމަށެވެ. އަދި އެއީ ކޮންމެ މީހަކު އުފަންވާ ހިނދުން ފެށިގެން ކޮންމެ މީހަކާ އެކުގައިވާ، އަދި އެއްވެސް މީހެއްގެ ކިބައިން ހިނދުކޮޅަކަށް ވެސް ނިގުޅައިގަނެވިގެން ނުވާނެ އިންސާނީ ޝަރަފެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި އެ ހައްގުތަކާ ގުޅިފައިވާ މިނިވަންކަމުން ރައްޔިތުން މަހުރޫމުވާ އެންމެ ހިނދުކޮޅެއް ވެސް މިގައުމަށް ކުރިމަތިވެގެންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ގައުމެއްގެ ކީރިތި ކަމާއި މޫރިތިކަން ބިނާވެފައިވަނީ އެގައުމެއްގެ ވަކިވަކި ފަރުދުންނަށް މިނިވަންކަން އިހުސާސްކުރެވޭ މިންވަރެއްގެ މައްޗަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުރިހަމަ މިނިވަންކަމެއް އިހުސާސްކުރެވޭނީ މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ އަގީދާއާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ހިޔާވަހިކަމުގެ ދަށުގައި ތިބެ، ހާސިލުކުރަން އެދޭ ކޮންމެ ކަމެއް ހަގީގަތަކަށް ހެދޭނެކަމުގެ ޔަގީންކަން ލިބިގެންވާ މާހައުލެއް މި ރާއްޖޭގައި އުފެދިގެން ކަމަށާއި އެފަދަ މާހައުލެއް އުފެއްދުމަކީ އެންމެންގެ މަސްއޫލިއްޔަތެއް އަދި ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް ކަމަށެވެ.
"ކަނޑިބަޑިއާއި ސިލޭހައިގެ ހަނގުރާމަ، ފިކުރީ އޮއިވަރަށް މިއަދު ފުރޮޅިއްޖެ. ތަފާތު ހަރުކަށި ވިސްނުންތަކާއި ހައްދުފަހަނައަޅާ ދިއުމުގެ ކަޅު ވިލާތައް ބޯމަތިވެއްޖެ. މިއަދުގެ ކަންބޮޑުވުންތައް ތަފާތު. އެއީ އަނެކާގެ ވިސްނުމާއި ފިކުރަށް އިހުތިރާމް ނުކުރުމުގެ ސަގާފަތް. ތަހައްމަލު ކުރުން ނެތި ގޮސް، ކެތްތެރިކަން ކޮޅުންލުން. ތިމާގެ ގޮތް ނޫން ގޮތަކީ ނެތް ގޮތެއް ކަމަށް ގަބޫލުކުރުން. ނަމަވެސް ހައްދުފަހަނައަޅާ ދިއުމަކަށް އަޅުގަނޑުމެން ނުރުހެން. ނިރުބަވެރިކަމާ ދެކޮޅަށް އަޅުގަނޑުމެން މިތިބީ ބައިނަލްއަގުވާމީ ގުޅުންތަކުން ބަނދެވިގެން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިނިވަން ދުވަހުގެ އުފާވެރި އިހުސާސްތަކާ ބައްދަލުކުރާ އިރު، އިއްޔެ މިނިވަންކަން ލިބިފައި އޮތް މިންވަރާއި މިއަދު އެ މިނިވަންކަމުގެ ބޭނުން ހިފަމުންދާ ގޮތާއި މާދަމާ އެ މިނިވަންކަން އޮންނާން އެދޭ ގޮތާ މެދު ވިސްނާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ހަމަގައިމުވެސް މި ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ފަހުން، އެ މިނިވަންކަން މުޅިން ގެއްލިގެން ދިޔަ ދުވަހެއް ރާއްޖެ ދެކެފައި ނުވާ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފަރުދީ އަދި ޒާތީ މިނިވަންކަން، އޭގެ ފުރިހަމަ ގޮތުގައި ހިމާޔަތްކުރެވި ރައްކާތެރި ކުރެވިފައިވޭތޯ، އެއީ މިއަދު ދިވެހިންގެ ހިތުގައި އުފެދޭނެ ސުވާލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ