މެކްސްކޮމް ކުންފުންޏަށް ޑެލްގެ ހާއްސަ އެވޯޑެއް ލިބިއްޖެ

އޭޝިއާގެ ގައުމުތަކުގެ ބައެއް ކުންފުނިތަކާ ވާދަކޮށް ރާއްޖޭގެ މެކްސްކޮމް ޓެކްނޮލޮޖީސްއަށް ޑެލް ކުންފުނީގެ ހާއްސަ އެވޯޑެއް ލިބިއްޖެ އެވެ.
މެކްސްކޮމްގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް އެވެ.
މެކްސްކޮމްއަށް މި އެވޯޑު ލިބިފައިވަނީ މި މަހުގެ 9 އިން 12 އަށް ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވި "ރިއަލް ޕާޓްނާޝިޕް އެވޯޑު" ހަފުލާގަ އެވެ.
މެކްސްކޮމް އަށް ލިބިފައިވަނީ ޑެލްގެ ޕްލެޓިނަމް ޕާޓްނަރުންނަށް ދޭ ޓޮޕް ޑޭޓާ ސެންޓަރު އަދި އެކޮމްޕިއުޓިން އެވޯޑެވެ.
މި އެވޯޑު މެކްސްކޮމް އަށް ލިބިފައިވަނީ ކޮމާޝަލް ޕްލެޓިނަމް ޕާޓްނަރުންގެ ބައިންނެވެ. މިއެވޯޑު ދެނީ ޑެލް ކުންފުނިން ގަބޫލުކުރާ ފެންވަރަށް ހިދުމަތްދީ އަދި ވިޔަފާރީގެ ގޮތުންވެސް ކަނޑައަޅާ ޓާގެޓް ތަކަށް ވާސިލްވާ ކުންފުނިތަކަށެވެ.
މެކްސްކޮމް އަށް މި އެވޯޑު ލިބުނީ ފިލިޕީންސް އާއި ތައިލެންޑް އަދި ވިއެޓްނާމް ފަދަ ބޮޑެތި ގައުމުތަކުގެ ކުންފުނިތަކާ ވާދަކޮށްގެންނެވެ.
މެކްސްކޮމް އަށް މީގެ ކުރިން ވެސް ވަނީ ޑެލްގެ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ. އެގޮތުން ޑެލް އިން ދޭ އެވޯޑު، 2012 ވަނަ އަހަރުން ފެށިގެން މެކްސްކޮމް އިން ދަނީ ހޯދަމުންނެވެ.
މިދިޔަ އަހަރު މެކްސްކޮމްގެ ސީނިއަ މެނޭޖަރ ކޯޕަރޭޓް ސޭލްސް މުހައްމަދު މުހުތާރަށް ވަނީ އައުޓްސްޓޭންޑިން ޕްރީ-ސެލްސް ޕާސަންގެ އެވޯޑު ވެސް ލިބިފަ އެވެ. މި އެވޯޑު ދެނީ ޑެލްގެ އުފެއްދުންތައް މާކެޓުކޮށް ވިއްކުމާއި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ވަކިވަކި ފަރުދުންނަށެވެ. މިއީ އެފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް ދޭ ހާއްސަ އެވޯޑެކެވެ.
މެކްސްކޮމް އިން ޑެލްގެ ބޮޑެތި ސާވާތަކާއި ސިސްޓަމްތައް ރާއްޖޭގައި ވިއްކަ އެވެ. އަދި މިތަކެތި މަރާމާތުކޮށް ބެލެހެއްޓުމުގެ ހިދުމަތް ވެސް އެކުންފުނިން ދެ އެވެ. އެ ކުންފުންޏަށް މީގެ ކުރިން ވަނީ މައިކްރޯސޮފްޓުގެ އެވޯޑު ތަކެއް ވެސް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ