އިންތިޚާބާ ގުޅިގެން އެކި ފަރާތްތަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅަމުންދޭ

އާއްދީއްތަ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެކި ފަރާތްތަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 74 ވަނަ ނަންބަރުގެ 11 ގެ (ހ) ގެ ދަށުން އެއްވެސް އިންތިޚާބީ ޙައްޤެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ޙައްޤެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް މިފަދައިން އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެއެވެ.
އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާގޮތުން އެއްވެސް ފަރުދަކު އެއްވެސް ކަމެއް ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ. އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާގޮތުން އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކަށް ހުށަހަޅައިފިނަމަ، އެފަދަ ހުށަހެޅުމެއްގެ މައުލޫމާތު އެ ކޮމިޝަނަށް ފޯރުކޮށްދިނުމަކީ އިންތިޚާބުތަކާ ގުޅިގެން ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ފަރުދީ ފެންވަރުގައި ކުރެވޭނޭ އެންމެ މުހިންމު ކަންތައް ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
އޭގެ އިތުރުންވެސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިޚާބަށް ކެމްޕޭންކުރަމުންދާ ފަރާތްތަކުންއިންތިޚާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެފަދަގޮތަކަށް ކޮރަޕްޝަންގެ ޢަމަލެއް (ނާޖާއިޒުފައިދާ ހޯދުން ނުވަތަ ހޯދައިދިނުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުން، އަމިއްލަ ފައިދާ ލިބޭގޮތަށް ދައުލަތުގެ ތަކެތި ބޭނުންކުރުން)ހިނގާ/ހިނގަންއުޅޭ/ހިނގައިފި ކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެފަދަ ކަމެއްލަސްނުކޮށް މި ކޮމިޝަނަށް ރިޕޯޓްކޮށްދެއްވުމަށްވެސް އޭސީސީން އެދިފައިވެއެވެ.
އިންތިޚާބާ ގުޅިގެން ހިނގައިފާނެ ކޮރަޕްޝަން ޢަމަލަކަށް ފާރަވެރިވުމުގެ ގޮތުންނާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މި ކޮމިޝަނުން ދަނީ ފުޅާ ދާއިރާއެއްގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަމުން ކަމަށާއި، އިންތިޚާބާ ގުޅޭ ރިޝްވަތުގެ މައްސަލަތައް ހުއްޓުވުމަށާއި، އެކަންކަމަށް ޚާއްސަގޮތެއްގައި ފާރަވެރިވެ، އެފަދަ ޢަމަލުތައް ވިޔަ ނުދިނުމުގެ ގޮތުން ކޮމިޝަނުން މިހާރު ވާނީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީތެރިކަމަށް އެދިފައި ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ