ރައީސް ޔާމީން ވަނީ ސިފައިން މާޔޫސް ކޮށްލާފައި: ޑިފެންސް މިނިސްޓަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދުވަސްވަރު ސިފައިން ބޭނުން ކުރަމުން ގޮސްފައިވަނީ ގައުމީ ސަލާމަތާ ބެހޭ ކަންކަމަށް ވުރެ، އެކިއެކި ޕާކުތައް ފަދަ މަސައްކަތްތައް ކުރުމަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ކުރެއްވުމުން، މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެވެ.
މާރިޔާ މަޖިލީހަށް ހާޒިރު ކުރެއްވީ ދާދިފަހުން މާރިޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގައި އިންޑިއާގެ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ޑިފެންސް މިނިސްޓަރު މާރިޔާ ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
މާރިޔާ މަޖިލީހަށް ހާޒިރު ކުރެއްވީ އެސްއެންއައި އަށް ދެއްވި އިންޓަވިއުގައި، އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުން ނުގެންގުޅުނު ނަމަވެސް، އެ ގައުމުން ބޭނުންވެއްޖެ ނަމަ ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާތީ، އިދިކޮޅު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު ތޯރިގް މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހުށަހެޅުއްވުމުން ނެވެ.
އިންޑިއާ އަކީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ އަސްކަރިއްޔާއެއް އޮތް ގައުމެއް ކަމަށާއި ބޭނުން ނަމަ އިންޑިއާ އަށް ރާއްޖެ ހިފޭނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ނޫހަކަށް ދެއްވި އެ އިންޓަވިއާ ގުޅިގެން ނޭދެވޭ އެއްވެސް އަސަރެއް، އިހުސާސެއް ކުރެވިފައިވާނަމަ އެފަރާތްތަކުގެ ކިބައިން މާފަށް އެދިވަޑައި ގަންނަވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގެ ސިފައިންނަކީ ކިޔަވައިގެންތިބި ތަންދޮރު އޮޅުންފިލާފަތިބި، އިލްމީ ގާބިލް ބައެއް ކަމަށާއި މަގާމާ ހަވާލުވެ ފުރަތަމަ ކުރެއްވި މަސައްކަތަކީ އަސްކަރިއްޔާ އޮތްހާލަތު ދެނަގަތުން ކަމަށެވެ. އެގޮތުން، ސިފައިންގެ އަޒުމު ވަރުގަދަކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މާރިޔާ ވިދާޅުވީ ކުރި ދިރާސާގައި މިގައުމުގައި އަސްކަރިއްޔާ އޮތް ހާލު ފެނިވަޑައިގެން ހައިރާންވެވަޑައިގެންނެވި ކަމަށާއި، ކުރީގެ ސަރުކާރުން ސިފައިން ބޭނުން ކޮށްފައިވަނީ ނާޖާއިޒް ގޮތުގައި އެކިއެކި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އިންތިހާއަށް އެފަދަ ކަންކަމުގައި ސިފައިން ބޭނުން ކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
"އަސްކަރިއްޔާ އޮޕަރޭޝަނަލް ގާބިލްކަން ހަރުދަނާކޮށް ކުރިއަރުވައި ގައުމަށް ކުރިމަތިވެދާނެ ހަމަލާއަކުން ދިފާއު ކުރުމުގެ ގާބިލްކަން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައި ނެތްތަން އަޅުގަނޑަށް ފެނިގެންދިޔައީ." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ އަސްކަރިއްޔާގެ ބޭނުން ކުރަން ހުރި އާލާތްތަކުގެ ތެރެއިން ގިނަ އާލާތްތައް ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ ކަމަށެވެ.
މާރިޔާ ވިދާޅުވީ ސިފައިންގެ އެކިއެކި އޮފިސަރުންނާއި ސިފައިންގޭގައި ގާބިލް މަސައްކަތްތަކެއް ކުރެއްވި ބަޔަކު ސިފައިންގެ ވަޒީފާއިން ސިޔާސީ ބޭނުމަށް ވަކިކޮށްފައިވާތީ ސިފައިންގެ މެދުގައި އޮތް ނުތަނަވަސްކަން ވަރަށް ބޮޑު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން ސިފައިންނާމެދު ކަންކަން ކުރިގޮތުން، ސިފައިން ތިބީ މާޔޫސްވެ ނާއުންމީދު ވެފައި ކަމަށާއި، ވަޒީފާގެ އެއްވެސް ޔަގީންކަމެއް އެމީހުންގެ ނެތް ކަމަށެވެ.
މާރިޔާ ވިދާޅުވީ ސިފްކޯ ހިޔާގެ މަޝްރޫއިން ބޯހިޔާވަހިކަން ހޯދުމަށް ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއާ މެދު ވެސް ކަންބޮޑުވެފައި ތިބި ސިފައިން ގިނަ ކަމަށެވެ. ސިފައިންގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ ވެސް ހައްލުނުވެއޮތް ބޮޑު މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ރަނގަޅު އުސޫލުތަކެއް ކަނޑައަޅައި ކަންކަން ތަރުތީބު ކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން "ފައްސާލާ" ވާހަކަ ދެއްކުމަށްވުރެއް، އިންޑިއާ އާއި އަދި ދުނިޔޭގެ ގައުމުތަކާއި ގުޅުން ބާއްވައިގެން ކުރިއަށް ދިއުން މާބުއްދިވެރިކަމަށެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވަނީ އެމަނިކުފާނު ވެރިކަމުގައި ހުންނަވައި، ސިފައިންނާއި ފުލުހުން ކޮރަޕްޝަން އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު ވެސް ކުރައްވާފަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ސިފައިންގެ ބަޔަކަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ސިފައިންގެއިން ބަޔަކު ވަކިކޮށް، ޖަލަށް ވެސް ލާފަ އެވެ. އަދި ސިފައިންގެ އިސްވެރިންތަކެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ