އޭސީސީގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް، ދަފްތަރު ނަންބަރު 3654، އިބްރާހީމް ޝަކީލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ. އިބްރާހީމް ޝަކީލް އެންމެ ފަހުން ހުންނެވީ ދިރާގުގެ އިންޓާނަލް އޮޑިޓަރއެއްގެ ގޮތުގަ އެވެ. އޭގެ ކުރިން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ އޮފިސާ އިންޗާޖުގެ މަގާމާއި ދިރާގާއި އެމްއެމްއޭގެ އެކި މަގާމުތަކާއި ޔޫއެންޑީޕީގެ އެކި މަގާމުތައް ޝަކީލް ވަނީ ފުރުއްވައިފަ އެވެ. ޝަކީލް ވަނީ ކޮންޕިއުޓާ ސައިންސްގެ ދާއިރާއިން ލަންކާގެ، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ހާސިލްކުރައްވާފަ އެވެ. ޝަކީލް އޭސީސީއަށް މި ހަމަޖެއްސީ އެ ކޮމިޝަންގެ ރައީސްކަމަށް ހުންނެވި ހަސަން ލުތުފީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވާތީ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށެވެ. އޭސީސީގައި މިހާރު ތިއްބެވި ހުރިހާ މެންބަރުންގެ ދައުރުވެސް، އަންނަ ސެޕްޓެމްބަރު ނުވަ އަކަށް ހަމަވާނެ އެވެ. އޭސީސީއަށް އަލަށް އައްޔަން ކުރާ ނުވަ މެންބަރުންނަށް މަޖިލީހުން މިހާރު ރުހުންދީފައިވާ އިރު، މިއަދު އައްޔަން ކުރި ޝަކީލް އަކީ، ކޮމިޓީއިން އެންމެ މަތިން މާކްސް ލިބިގެން ރުހުން ލިބުނު ބޭފުޅާ އެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް އިބްރާހީމް ޝަކީލް އައްޔަން ކުރެއްވުމުގެ ކުރިން، އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅިމަތީގައި އޭނާ ވަނީ މިއަދު ކުރައްވައިފަ އެވެ. ޝަކީލަށް ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މިއަދު ވަނީ ޝަކީލްއާ ހަވާލުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ