މަތީ ތައުލީމުގެ ލޯނަށްއެދި ހުށަހަޅާ ކުދިންނަށް 3 ދުވަސްތެރޭގައި ފޯމު ސައްހަކަން އަންގާނަން: މިނިސްޓަރ

މަތީ ތައުލީމުގެ ލޯނު އެހީއަށް އެދި، އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ތިން ދުވަސް ތެރޭގައި، އެ ފޯމު ފުރިހަމަކަން، ނުވަތަ ފުރިހަމަނޫންކަން އަންގާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަަވަމުން ޑރ.އިބްރާހީމް ހަސަން މިރޭ ވިދާޅުވީ، މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލާ ފަރާތްތަކަށް، ކުރީފަރަށްވުރެ ބޮޑެތި ލުއި ފަސޭހަތަކެއް މިފަހަރު ހަމަޖައްސާފައިވާނެ ކަމަށެވެ.
އެގޮތުން ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު ފުރިހަމަވެފައިވާކަން އެންގުމުގެ އިތުރުން ހުށަހަޅާ ލިއުންތަކުގައި ތައްގަނޑު ޖެހުމަށް ވެސް ފަސޭހަ ގޮތްތަކެއް ކަނޑައަޅާފައިވާނެ ކަމަށް މިނިސްތަރު ވިދާޅުވިއެވެ.
އެކަމަކު މިނިސްޓަރު ވިދާޅުވީ، ހުށަހަޅާ ފޯމު ފުރިހަމަކަން، ނުވަތަ ފުރިހަމަނޫންކަން ފޯމު ހުށަހަޅާ ފަރާތަށް އަންގާނީ ފޯމު ހުށަހަޅަން އޮންނަ ސުންގަޑިއަށްވުރެ ތިން ދުވަސްކުރިން ފޯމު ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށެވެ.
"މިފަހަރު ލޯނަށް ކުރިމަތިލާ ދަރިވަރުންގެ އެޕްލިކޭޝަން އޮންލައިން ކޮށް ޕޯޓަލް ތްރޫކޮށް ލީމަ އިރާދަ ކުރެއްވިއްޔާ ތިން ދުވަސްތެރޭގައި އަޅުގަނޑުމެން އެކުދިންނަށް އަންގާނަން އެޕްލިކޭޝަން ފުރިހަމަތޯ، ނޫންތޯ، އެކަމަކު މީ ލޯނުގެ ސުންގަޑި ހަމަވުމުމުގެ ތިން ދުވަސް ކުރިން ފޯމުލާ ކުދިންނަށް އަޅުގަނޑުމެންނަށް ދެވެންއޮތް ހިދުމަތެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރީފަހަރު 18 އަަހަރުން މަތީގެ ކުދިންނަށް ފުރުސަތު ހުޅުވާލާފައި އޮތް ނަމަވެސް މިފަހަރު، 16 އަަހަރުން މަތީގެ ކޮނބްމެ ކުއްޖަކަށްވެސް ފޯމަށް އެދި ހުށަހެޅޭނެއެވެ. އަދި ހުށަހަޅަންޖެހޭ ސެޓްފިކެޓް ތަކުގެ ތެރެއިން ރާއްޖޭގައި ހަދާފައިވާ ސާނަވީ އިމްތިހާނު ސެޓްފިކެޓްތަކުގެ ދެފުށް ހުށަހަޅަން ނުނެޖެހޭނެ ކަމަށާއި ދެފުއް ހުށަޅަންޖެހޭނީ ދެން ހުރި އެހެން ސެޓްފިކެޓްތަކުުގެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އަސްލާ އެއްގޮތް ތައްގަނޑު ސެޓްފިކެޓް ތަކުގައި ޖަހާއިރު ސޮއިކުރާ މީހާއަކީ ކޮން ތަނެއްގެ ކާކުކަން އެނގޭވަރުވުމުން ރަނގަޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން މިފަހަރު ކޮންމެ ގައުމަކަށް ކިޔަވާން ދިއުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ފުލް ލޯނު ލިބޭނީ ކަނޑައެޅިފައިވާ ގައުމުތަކަކަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރީފަހަރު ގިނަ ކުދިންތަކެއް ޑިސްކޮލިފައިވީ މީހުން ހީކުރި ގޮތާ ހިލާފަށް، ފޯމު ހުށަހެޅިއިރު ކަންތައް ގޮއްސަ އޮތް ގޮތުން ކަމަށެވެ.
އޭގެ ބައެއް ސަބަބުތައް ހާމަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ލޯނުގެ ފުރުސަތު ހުޅުވައިލީ ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަރތުތައް ދިނުމަށް ނަމަވެސް 106 ކުއްޖަކު ރާއްޖޭގައި ކިޔެވުމަށްއެދި ފޯމު ހުށަހެޅި ކަމަށެވެ. އަދި ވަކި ގައުމުތަކަކުން ކިޔެވުމަށް ކުރީފަހަރު ލޯނު ފުރުސަރު ހުޅުވާލިއިރު ލިސްޓުކުރި ގައުމުތަކުގެ ބޭރުން އެހެން ގައުމުތަކުގައި ކިޔަވަން 192 ދަރިވަރަކު ކުރިމަތިލި ކަމަށެވެ.
މީގެ އިތުރުން، ކުރިން ލޯނު ނަގައިގެން، ލޯނު ނުދެއްކުނު، ކުއްޖަކުވެސް ކުރިމަތިލި ކަމަށާއި، ރާއްޖޭން ބޭރުގައި ކިޔަވަންތިބި ކުދިންގެ ތެެރެއިން މެޑިސިން ހަދަން ބޭނުންވި 14 ކުއްޖަކު ލޯނަށް ހުށަހެޅިއިރު އެކުދިން ކިޔަވަނީ، މެޑީކަލް ކައުންސިލުން ގަބޫލު ކުރާ ޔުނުވާސިޓީއެއްގައިނޫން ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެ ކުދިންނަކީ އޮތަމެޓިކުން ޑިސްކޮލިފައިވި ކުދިން ކަމަށެވެ.
މަތީ ތައުލީމުގެ ލޯނު އެހީއަށް އެދުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފޯމު ހުށަހެޅުމުގެ ސުންގަޑިއަކަށް އެ މިނިސްޓްރީން ކަނޑައަޅާފައިވަނީ މިމަހު 24 ވާ ހޯމަ ދުވަހުގެ 13:30އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ