އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން އެތައްކަމެއް ހާސިލުވާނެ: ރައީސް ނަޝީދު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން އެތައްކަމެއް ހާސިލުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނިމިގެންދިޔަ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން އެންމެ ބޮޑަށް ރައްޔިތުންނަށްވެފައިވާ ވައުދަކީ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ގާނޫނުގައި ކަނޑައެޅުމެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
ރައީސް ނަޝީދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ސިޔާސަތުން ކާމިޔާބުވާނީ އެންމެ މަގުސަދެއް ނޫންކަމަށެވެ. ނަޝީދު ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ބިދޭސީ މަސައްކަތްތެރިން އަގުބޮޑުވެ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާނެކަމަށެވެ.
އަދި ސަރުކާރުގެ ވަޒީފާއަށް އެދޭ މީހުންގެ އަދަދު މަދުކުރެވި، މުވައްޒިފުންނަށް ދައުލަތުން ކުރަންޖެހޭ ޚަރަދުތައް ކުޑަކުރެވިގެންދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން އެހެން ސަރަހައްދުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުުރުވެ، މާލެއަށް ތޮއްޖެހުން ކުޑަކުރެވިގެންދާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އުފައްދަވާފައެވެ.
ފަސް މެންބަރުން ހިމެނޭ މިބޯޑުގައި ސިނާއަތްތަކާއި މަސައްކަތްތެރިން ތަމްސީލް ކުރުމަށް ޖުމްލަ ހަތަރު ބޭފުޅަކާއި ސަރުކާރު ތަމްސީލް ކުރުމަށް އެއް ބޭފުޅަކު އިންނަވަ އެވެ. އެގޮތުން ބޯޑުގައި ތިއްބަވާ ފަސް ބޭފުޅުންނަކީ ގ. ސިލްވަރުގެ މަރްޔަމް ޚާލިދާ އާއި، މއ. މާންދޫގެ އިބްރާހީމް ނޫރައްދީނާއި، ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހާއި، ހއ. ހޯރަފުށި ޗާންދަނީގެ، އަލީ އާދަމްގެ އިތުރުން ބ. ކެންދޫ، ދާއިރާ، މައުރޫފް ޒާކިރު އެވެ.
އެމްޑީޕީން މަޖިލިސް އިންތިހާބުގައި ރައްޔިތުންނަށް ގެނެސްދިން އެޖެންޑާ 19 ގައި ވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ވައުދެއްގެ ގޮތުގައި ހިމަނާފައިވާއިރު، ރާއްޖޭގައި މަސައްކަތް ކުރާ މުއައްޒަފަކަށް އެންމެ ކުޑަ މުސާރައިގެ ގޮތުގައި ދުވާލަކަށް 200 ރުފިޔާ ލިބޭ ގޮތަށް މިސިޔާސަތު އެކުލަވާލުމަށް ވަނީ ހިމަނާފަ އެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސްކޮށްދިނުމަށް އެންމެ ބޮޑަށް ވަކާލާތުކުރަމުން ދަނީ ފަތުރުވެެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ