ޕީޖީ އޮފީހުން ދަތުރު ފައިސާ ހޭދަކުރި ގޮތް މާލިއްޔަތު ގަވައިދާ ހިލާފު

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ދަތުރުތަކަށް އެޑްވާންސް ފައިސާ ހޭދަކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި އެ އޮފީހުގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. އެ އޮފީހުން މިއަދު އާންމުކުރި ޕީޖީ އޮފީހުގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖަނަވަރީ 22، 2015 ގައި އެ އޮފީހުން ފިނޭންސަށް ފޮނުވި ސިޓީއެއްގައި 120،000 ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ނަގައި އެ ފައިސާ ދަތުރު ހަރަދުގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދައަކަށް އެދުނެވެ. އެހެން ނަމަވެސް، ފިނޭންސުން އޭރު ހުއްދަ ދީފައި އޮތީ ޕީޖީ އޮފީހުގެ ޕެޓީ ކޭޝްގެ އަދަދު 10،000 ރުފިޔާއިން 60،000 ރުފިޔާއަށް އިތުރުކޮށް އެ ފައިސާގެ ތެރެއިން ދަތުރު ހަރަދު ކުރުމަށް އަންގައިފަ އެވެ. އެހެން ނަމަވެސް، އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، މިދިޔަ އެޕްރީލްގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޕެޓީ ކޭޝްގެ ބޭރުން ޓްރެވަލް އެޑްވާންސްގެ ނަމުގައި ނަގުދު ފައިސާ ނަގައި އެ އޮފީހުގެ ދަތުރުތަކަށް ހަރަދު ކުރަމުން ގޮސްފައިވާ ކަމަށެވެ. މާލިއްޔަތު ގަވާއިދުގެ 6.24ގެ ށ އަށް ހަވާލާދީ އޮޑިޓް އޮފީހުން ފާހަގަ ކުރި ގޮތުގައި، އެއްވެސް ކަމަކަށް އެޑްވާންސް ފައިސާ ހަރަދު ކުރެވޭނީ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބެގެން އެވެ. އެހެން ނަމަވެސް ޕީޖީ އޮފީހުން ޓްރެވަލް އެޑްވާންސްގެ ގޮތުގައި ފައިސާ ހަރަދު ކުރީ، އެ ހުއްދަ ނުނަގާ ކަމަށް އޮޑިޓްގައިވެ އެވެ. "އެއީ މާލިއްޔަތު ގަވާއިދާ ހިލާފު އަމަލެކެވެ،" އޮޑިޓް ރިޕޯޓްގައި ފާހަގަ ކުރި އެވެ. އެކަމުގައި އޮޑިޓާ ޖެނެރަލް ލަފާދީފައި ވަނީ، މާލިއްޔަތު ގަވައިދުގައި ބުނާ ގޮތަށް، ފިނޭންސްގެ ހުއްދަ ލިޔުމަކުން ހޯދައިގެން އަދި އެ ލިޔުމުގައި އޮންނަ ގޮތަށް އަމަލު ކުރުމަށެވެ. މީގެ އިތުރުން އެ ރިޕޯޓްގައި ފާހަގަ ކުރި ގޮތުގައި، އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން އެ އޮފީހުން ކުރި ބައެއް މަސައްކަތްތަކަށް މާލިއްޔަތު ގަވާއިދުގައި ބުނާ ރިޓެންޝަން ފައިސާ އުނިނުކޮށް ވަނީ އެއްކޮށް ފައިސާ ދީފަ އެވެ. އޮޑިޓްގައި ފާހަގަކުރި ގޮތުގައ މާލިއްޔަތު ގަވައިދުގެ ދަށުން 250،000 ރުފިޔާއިން 2.5 މިލިއަން ރުފިޔާއާ ދެމެދުގެ ކޮންޓްރެކްޓްތަކުގެ ޖުމްލަ އަގުން ފަސް ޕަސެންޓް ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަން ޖެހެ އެވެ. އަދި ރިޓެންޝަންއަށް އުނިކުރި ފައިސާ ދެވޭނީ ހަ މަސް ފަހުން ކަމަށް ވެސް އޮޑިޓްގައި ފާހަގަ ކުރެ އެވެ. އެހެން ނަމަވެސް ހަތަރު ޕްރޮކިއުމަންޓް ޕްރޮޖެކްޓަކަށް 1.84 މިލިއަން ރުފިޔާ އެ އޮފީހުން ހޭދަކުރި ނަމަވެސް، ރިޓެންޝަން ފައިސާގެ ގޮތުގައި ބަހައްޓަން ޖެހޭ 92،019 ރުފިޔާ އުނިކޮށްފައެއް ނުވެ އެވެ. އެހެން ކަންތައްތައް ކުރުމުގެ ސަބަބުން ކޮންޓްރެކްޓަރު ކުރާ މަސައްކަތުގެ ސަބަބުން މައްސަލައެއް ދިމާވެއްޖެ ނަމަ، އެކަން ހައްލު ކުރަން އުނދަގޫވާނެ ކަމަށް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އޮޑިޓާ ޖެނެރަލް ލަފާދެއްވަނީ މާލިއްޔަތު އުސޫލާ އެއްގޮތަށް ކޮންޓްރެކްޓްތަކުގެ ދަށުން ފައިސާ ދޫކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ