ދެމަސް ތެރޭ ސެނެހިޔާ ހޮސްޕިޓަލަކަށް ތަރަގީކުރާނަން: ރައީސް

ސިފައިންނަށް ހާއްސަ، ސިއްހީ ފަރުވާ ފޯރުކޮށްދެމުން އަންނަ ސެނެހިޔާ، ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭ ހޮސްޕިޓަލަކަށް ތަރައްގީ ކުރެވޭނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ސެނެިޔާ ހޮސްޕިޓަލުގައި މިހާރު ސިއްހީ ހިދުމަތް ދެމުން އަންނަނީ ކްލިނިކް ފެންވަރުގައެވެ. ސިފައިގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައ މިރޭ ކަޅުތުއްކަލާ ކޮށީގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސެނެހިޔާ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް ކުރިއޮތް ދެމަހެއްހާ ދުވަސް ތެރޭ އެތަން ހޮސްޕީޓަލު ފެންވަރަށް ތަރައްގީކޮށް މުޅިން އާ ހިދުމަތްތަކެއް ދެވޭނެ ކަމަށެވެ. "ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ސެނަހިޔާވެސް، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކޮށް، މުޅިން އައު ހިދުމަތްތަކެއް ދޭން ފެށޭނެ،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލު ކަމެއް ދޭ ކަމަށެވެ. އެގޮތުން، ސިފައިންނަށް ދެމުން އައި ޗުއްޓީއާއި އެލަވަންސްތައް މިހާރު ކުރިއަށްވުރެ އިތުރު ކުރެވިފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއވެެ. އަދި ކުރިއަށް އޮތްތާގައި އަދި ސިފައިންނަށް ދެވޭ ޢިނާޔަތްތައްވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ދެމަސް ދުވަސް ތެރޭ، ސެނެހިޔާ ހޮސްޕިޓަލް ފެންވަރަށް ތަރައްގީ ކުރެވޭނެ ކަމަށް ރައީސް މިރޭ ވިދާޅުވިއިރު، މިދިޔަ ނޮވެމަބަރު މަސް ތެރޭ އެ ހޮސްޕިޓަލުގައި ވަނީ، އޮޕަރޭޝަން ތިއޭޓަރަކާއި ޖެނެރަލް ވޯޑެއް ހުޅުވާފައެވެ. އޭރު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައި ވަނީ، އޮޕަރޭޝަން ތިއޭޓަރާއި ޖެނެރަލް ވޯޑެއް އެތަނުގައި ހުޅުވިގެން ދިޔުމަކީ، ސެނަހިޔާ ފުރިހަމަ ހޮސްޕިޓަލަކަށް ހެދުމަށްކުރާ މަސައްކަތުގެ ބަޔެއް ކަމަށެވެ. ސިފައިންނަށް ހާއްސަވި ނަމަވެސް ސެނެހިޔާ އަކީ، އާންމުނަށް ވެސް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ