ރައީސް ޔާމީނާ އެއްވަރަށް ތާއީދު އޮތް ބޭފުޅަކު ރާއްޖޭގައި ނެތް: އަދުރޭ

ރައީސް ޔާމީނާ އެއްވަރަށް ތާއީދު އޮތް ބޭފުޅެއް ރާއްޖޭގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ވަގުތީ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، މިއަދު ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގައި ހުރި އެންމެ ތާއީދު ބޮޑު ލީޑަރު ކަމަށާއި އެކަން ނިމިގެންދިޔަ ރިޔާސީ އިންތިޚާބުން ފެނިގެން ދިޔަ ކަމަށެވެ. ރައީސް ޔާމީނު އެކަނިމާއެކަނި ވާދަކުރައްވައިގެން 96،000 ވޯޓު ނެގި އިރު، ދެން ތިބި ހުރިހާ ލީޑަރުން އެކުވެގެން ލިބުނީ އެއްލައްކަ ތިރީސް ނުވަހާސް ވޯޓުކަމަށް އަދުރޭ ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީގެ އެއްވެސް އިސްބޭފުޅެއްގެ ހިތްހަމަ ނުޖެހުމެއް ރައީސް ޔާމީނަކަށް ނޯންނާނެ ކަމަށާއި ނަމަވެސް ވަކިވަކި ފަރުދުންގެ މެދުގައި ރައީސް ޔާމީންއާ މެދު ހިތްހަމަ ނުޖެހުން އޮވެދާނެ ކަމަށެވެ.
އަދި ޕީޕީއެމްއާއި ޕީއެންސީގެ ކުރިމަގު އޮތީ ރައީސް ޔާމީންއާ އެކުގައި ކަމަށް ދެ ޕާޓީންވެސް ގަބޫލު ކުރާ ކަމަށާއި އެބޭފުޅުން ކުރިއަށް ދާނީ ރައީސް ޔާމީނުގެ ލަފާފުޅާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހި ރައްޔުތުންނަށް ޒިންމާދާރު އިދިކޮޅު ކޯލިޝަނެއް ދައްކައިދާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ