80ގެ ލަވަ ކިޔުންތެރިޔާ އައިރީން މަރުވެއްޖެ

އަށްޑިހައިގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އައިރީން ކެރާ މަރުވެއްޖެއެވެ. އަމިއްލައަށް ލަވަ ލިޔެ އަދި ކިޔައިގެން ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދި އައިރީން މަރުވިއިރު އޭނާގެ އުމުރަކީ 63 އަހަރެވެ. ލަވަކިޔުމުގެ އިތުރުން ހޮލީވުޑްގެ ބޮޑެތި އެކްޓަރުންނާއެކު ފިލްމުތައް ވެސް ކުޅެފައިވާ އައިރީން މަރުވިކަން ވަނީ އޭނާގެ ޕަބަލިސިސްޓް ކަށަވަރު ކޮށްދީފައެވެ. އޭނާ މަރުވިއިރު އޭނާ ހުރީ ފްލޮރިޑާގައި ހުންނަ ގޭގައި ކަމަށް ޕަބްލިސިސްޓް ހާމަކޮށްފައިވެއެވެ. ނަމަވެސް އޭނާ މަރުވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ކިއުބަން އެމެރިކަން އައިރީން މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަރަށް ޅަ އުމުރުގައި ވަނެވެ. އެގޮތުން ސްޕެނިޝް ޓީވީ ޝޯތަކުގައި އޭނާ ވަރަށް ކުޑައިރު ވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެއަށްފަހު ބްރޯޑްވޭގައިވެސް އޭނާ މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އޭނާއަށް ބޮޑު ބްރޭކެއް ލިބިފައިވަނީ 1980 ގައި ނެރުނު ފިލްމެއް ކަމަށްވާ "ފޭމް" އަށް ލިޔުނު ލަވައަކުންނެވެ. އެ ލަވައިގެ ޕަފޯމެންސް އަށް ގޯލްޑެން ގްލޯބްސްގެ ނޯމިނޭޝަނެއް ހޯދާފައެވެ. އައިރީންގެ ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީ ލިބިފައިވަނީ 1983 ވަނަ އަހަރުގައެވެ. އޭނާ ލިޔެފައިވާ ލަވަ "ފްލެޝް ޑޭންސް... ވަޓް އަ ފީލިން" އަށް އައިރީން ވަނީ އޮސްކާ އަކާއި ގްރެމީ އެވޯޑެއް ހޯދާފައެވެ. ފްލެޝްޑޭންސް ނަމަކަށް ކިޔާ ފިލްމަކަށް އޭނާ ލިޔުނު ލަވައަށް ބޮޑު ކާމިޔާބީއެއް ލިބުނު އިރު އެ ފިލްމުވެސް ވަނީ ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. އެގޮތުން އެ ފިލްމަކީ 1983 ވަނަ އަހަރު ތިންވަނައަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ