ޖީއެސްޓީ ބޮޑުކުރަން ފާސްވީ ހަނި އަޣްލައްބިޔަތަކުން ކަން ގަބޫލުކުރަން ޖެހޭ: ރައީސް ނަޝީދު

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްވީ ވަރަށް ހަނި އަޣްލަބިއްޔަތަކުން ކަން ސަރުކާރުން ދަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑުކުރުމަށް ހުށަހެޅި ބިލް ފާސްކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހެޅި ގޮތަށް އެ ބިލް ފާސްވި ނަމަވެސް، އެކަންވީ ވަރަށް ހަނި އަޣްލަބިއްޔަތަކުން ކަމަށެވެ. "މި ބާވަތުގެ ގާނޫނުތަކަށް ބިލުތަކަށް ގާނޫނުއަސާސީ އެބަ ލާޒިމުކުރޭ ވަރަށް ބޮޑު އަޣްލަބިއްޔަތެއް. މިއަދު ސަރުކާރުން ހުށަހެޅި ގޮތަށް މި ބިލު މިވަނީ ފާސްވެފަ. އެކަމަކާ އެއްވެސް ބޭފުޅަކު ޝައްކެއް ނުކުރާނެ. އެހެންނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން ބައްލަވާނެ މި ފާސްވި ހަނި އަޣްލަބިއްޔަތު،" ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ޓެކްސް ބޮޑުކުރަން ބޭނުންނުވި މެންބަރުން ފާހަގަކުރެއްވި ނުކުތާތަކަށް ބައްލަވައި، އެ ބިލަށް އަމަލުކުރުމުގައި ވިސްނުންތެރިކަމާއެކު ސަރުކާރުން އަމަލުކުރާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މިއަދުގެ ޖަލްސާގައި 88 މެމްބަރުން ބައިވެރިވިއިރު، ޓެކްސް ބޮޑުކުރަން ފެންނަކަމަށް 55 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ. ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދެއްވިއެވެ. ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ، ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. މި ބިލް ފާސްކޮށްފައި މިވަނީ މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް ދެ ދުވަހެއްގެ މަތިން ތާވަލް ކުރުމަށް ފަހުއެވެ. ވޯޓަށް އެހި ވަގުތު އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވަނީ އިހުތިޖާޖު ކުރައްވާފައެވެ. އެމްޑީޕީގެ މެމްބަރުންނަށް ބަލާއިރު، އިސްލާހު ފާސްކުރަން ވޯޓު ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ފެކްޝަން މަޖިލީސް މެމްބަރުންނެވެ. ދެކޮޅަށް ވޯޓުދެއްވީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ މެމްބަރުންނާއި ނަޝީދު ފެކްޝަންގެ މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ