ޔޫއޭއީގެ ގައުމީ ދުވަސް ފާހަގަކުރަން ޚާއްސަ ހަފްލާއެއް ބާއްވައިފި

ޔުނިއިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ 51ވަނަ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކުރަން މާލޭގައި ހުންނަ އެ ގައުމުގެ އެމްބަސީއިން ރޭ ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ. ހޮޓެލް ޖެންގައި އޮތް އެ ހަފްލާގައި ޔޫއޭއީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު އަބްދުއްރަހްމާން މުހައްމަދު ހަމަދު ސައީދުވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ ހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ. ހަމައެއާއެކު ސަރުކާރުގެ ބައެއް ވަޒީރުންނާއި މިނިސްޓްރީތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. ހަފްލާގައިވަނީ ޔޫއޭއީގެ ކުރިއެރުން ދައްކުވައިދޭ ވީޑިއޯއެއް ވަނީ ދައްކައިފައެވެ. އަދި ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޭކު ވެސް ވަނީ ފަޅައިފައެވެ. އެ ހަފްލާގައި ވާހަކަދައްކަވަމުން އެމްބެސެޑަރު ހަމަދު ސައީދު ވިދާޅުވީ ރާއްޖެއާ ޔޫއޭއީގެ ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ސަރުކާރުގެ އެކުވެރިކަމާ އެއްބާރުލުން ދިނުމުގެ މައްޗަށްކަމަށެވެ. އެގޮތުން އިގްތިސާދާއި ވިޔަފާރިއާއި، މޫސުމީ ބަދަލުތަކުގެ ދާއިރާއާ ގުޅޭގޮތުން ވެސް އެކުގައި މަސައްކަތްކުރުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޔޫއޭއީ ގައުމީ ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައި ޔޫއޭއީ އެމްބެސެޑަރު ހަމަދު ސައީދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން "ރާއްޖެއަކީ ޔޫއޭއީގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއް. ފާއިތުވި އަހަރު ތެރޭ ޔޫއޭއީގެ ވަރަށް ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަން އަޅުގަނޑު ވަރަށް އުފަލާއެކު ފަހަގަކުރަން،" ހަމަދު ސައީދު ވިދާޅުވިއެވެ. ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވެސް ވަނީ ރާއްޖެއާ ޔޫއޭއީގެ ގުޅުމުގެ މައްޗަށް އަލި އަަޅުއްވައިލައްވައިފައެވެ. އެގޮތުން ދެ ގައުމުގެ ސަރުކާރުގެ ވެރިން ދެ ގައުމުގެ ދެމެދުގައި ކުރާ ރަސްމީ ދަތުރުތަކަކީ ވެސް އެކުވެރިކަން ބަދަހިކަމުގެ ރަމްޒެއްކަމަށް ވިދާޅުވިއެވެ. ޔޫއޭއީ ގައުމީ ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައި މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން "ރާއްޖެއާއީ ޔޫއޭއީއަކީ 40 އަހަރަށްވުރެ ގިނަ ދުވަސްވީ އެކުވެރިކަމުގެ ގުޅުމެއް ހިއްސާކުރަމުން އަންނަ ދެ ގައުމު. ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ ކަންތައްތަކުގެ މައްޗަށް. އިސްލާމްދީނާއި، ސަގާފަތާއި އާދަކާދަތަކުގެ މައްޗަށް. ދިވެހީންގެ ހިތްތަކުގައި އަބަދު ވެސް ޔޫއޭއީއަށް ޙާއްސަ ގަދަރެއްވަނީ ދެވިފައި،" ޝައުނާ ވިދާޅުވިއެވެ. ޔޫއޭއީގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވީ މި އަހަރުގެ މޭ މަހުގެ ތެރޭއެވެ. އެއީ އެ ގައުމުގެ ތަރައްގީއާއި ކުރިއެރުމާއި މިހާރުގެ ތަސައްވުރުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ