ލަންޑަން (މެއި 24) - ފަހު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 އިން މޮޅުވެ، އާސެނަލުން 22 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި، ތަށި އުފުލާލިއިރު، ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާސް އިން 1-0 އިން އެވަޓަން ބަލިކޮށް ރެލިގޭޝަނުން ސަލާމަތްވެއްޖެ އެވެ.
މި މެޗަށް ނުކުތްއިރު ވެސް އާސެނަލަށް އޮތީ ލީގު ޗެމްޕިއަންކަން ޔަގީންވެފަ އެވެ. އާސެނަލަށް 2004 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީން އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ބޯންމައުތާ އެއްވަރުވުމުންނެވެ.
ސިޓީން މިރޭ ކުޅުނު މެޗުން ވަނީ އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެފަ އެވެ. އެއީ، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޓީމުގެ ކެޕްޓަން، ބެނާޑޯ ސިލްވާ އަށް އެ ކްލަބްގައި ފަހު މެޗެވެ.
ޕެލަސްގެ ސެލްހަސްޓް ޕާކުގައި ކުޅުނު މެޗަށް އާސެނަލުން ނުކުތީ ގިނަ ބަދަލުތަކާ އެކު އެެވެ. އެކަމަކު އެ ޓީމުން ވަނީ ރަނގަޅު ކުޅުމަކާ އެކު މެޗުން މޮޅުވެފަ އެވެ. އެ ގޮތުން، ގަބްރިއެލް މާޓިނެލީ ދިން ބޯޅައަކުން އާސެނަލުން ލީޑުނެގީ ގަބްރިއެލް ޖީސޫސް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ނޯނީ މަޑުއޭކޭގެ ގޯލުން އާސެނަލުން ލީޑުފުޅާކުރިއިރު، ޕެލަސް އަށް މެޗުގެ ލަނޑު ޖަހައިދިނީ ޖިއަން ފިލީޕް މަޓޭޓާ އެވެ.
ލީގު ޗެމްޕިއަން، އާސެނަލުން 85 ޕޮއިންޓް ހޯދި އެވެ. ސިޓީ އަށް ދެ ވަނަ ލިބުނީ 78 ޕޮއިންޓާ އެކު އެވެ. ތިން ވަނަ ހޯދި ޔުނައިޓެޑަށް 71 ޕޮއިންޓް އަދި ހަތަރެއްގައި ނިންމި ވިލާ އަށް 65 ޕޮއިންޓް އަދި ފަސް ވަނަ ހޯދި ލިވަޕޫލަށް ވަނީ 60 ޕޮއިންޓް ލިބިފަ އެވެ.
މިއީ، ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރި ފަހުން އާސެނަލްގެ ހަތަރު ވަނަ ތަށްޓެވެ. އަދި، ޖުމްލަ އެކު، އެ ޓިމުގެ 14 ވަނަ ލީގު ތަށްޓެވެ. މި ސީޒަނުގެ އިނގިރޭސި ލީގު ކަޕް ފައިނަލުން ބަލިވި އާސެނަލަށް މި ސީޒަނުގައި އަދި އެއް ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ އަތުން މޮޅުވެގެންނެެެވެ. މިއީ، އާސެނަލްގެ ތާރީހުގައި އެ ޓީމުން ފައިނަލުގައި ކުޅޭ ދެ ވަނަ ފަހަރެވެ. އެ ޓީމު ވަނީ މީގެ 20 އަަހަރު ކުރިން ކުޅުނު ފައިނަލުގައި ބާސެލޯނާ އަތުން ބަލިވެފަ އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ، 2019 ވަނަ އަހަރު އެ ޓީމާ ހަވާލުވެ، އެ ސީޒަނުގައި އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިނެވެ. އެކަމަކު، އޭގެ ފަހުން ތަށްޓެއް ނުލިބި ގިނަ ޕްރެޝަރުތަކާ ކުރިމަތިލުމަށް ފަހު، ލީގު ޗެމްޕިއަންކަން މި ހޯދީ ފާއިތުވި ސީޒަންތަކުގައި ލީގުގެ ދެ ވަނަ ހޯދުމަށް ފަހު އެވެ.
އިޓަލީގެ ކޯޗު ރޮބާޓޯ ޑި ޒާބީ، ޓޮޓެންހަމް ހޮޓްސްޕާސްއާ ހަވާލުވިއިރު، އެ ޓީމު 2026 ވަނަ އަހަރު ލީގު މެޗަކުން މޮޅުނުވެ އެވެ. އަދި، މިރޭ ފަހު މެޗަށް ނުކުތްއިރު، އެވަޓަން އަތުން ޓޮޓެންހަމް ބަލިވެގެން ނޫން ގޮތަކަށް އެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ ގޮތެއް ނެތެވެ.
ޓޮޓެންހަމް ހޮޓްސްޕާސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، އެ ޓީމު މޮޅުވި ގޯލު ޖަހައިދިނީ ފުރަތަމަ ހާފުގައި ކޯނަރަކުން ތަނަވަސްވި ފުރުސަތަކުން ޕޯޗުގީސް މިޑްފީލްޑަރު، ޖޮއާއޯ ޕަލީނިއާ އެވެ.
ރެލިގޭޝަނުން ސަލާމަތްވާން ޓޮޓެންހަމާ ވާދަކުރީ ވެސްޓް ހޭމް ޔުނައިޓެޑް އެވެ. ވެސްޓް ހޭމް އިން ވަނީ މިރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 3-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އެކަމަކު، ޓޮޓެންހަމް މޮޅުވުމާ އެކު، މި ސީޒަނުގައި ޕްރިމިއާ ލީގުން ރެލިގޭޓްވި ތިން ވަނަ ޓީމަކަށް ވެސްޓް ހޭމް ވީ އެވެ. ފަހު މެޗުތަކާ ކުރިމަތިލިއިރު ވެސް ވުލްވްސް އާއި ބާންލީ ވަނީ ރެލިގޭޓްވެފަ އެވެ.
ކުރިން ބްރައިޓަން އަށް ކޯޗުކޮށްދިން ޑި ޒާބީ ވަނީ ޓޮޓެންހަމާ ހަވާލުވެ، ނުކުތް ހަތް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ. ދެ މެޗުން ބަލިވިއިރު، ދެ މެޗު އެއްވަރުވި އެވެ. ޓޮޓެންހަމް އިން ސަލާމަތްވީ 41 ޕޮއިންޓް ހޯދައިގެންނެވެ. ވެސްޓް ހޭމް ރެލިގޭޓްވިއިރު، 39 ޕޮއިންޓް ލިބުނެވެ.
އާސެނަލް 22 އަހަރަށް ފަހު ލީގު ތަށި އުފުލާލިއިރު ޓޮޓެންހަމް ރެލިގޭޝަނުން ސަލާމަތްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ