ކިންގްސް ކަޕް: އަޝްރަފްގެ މޮޅު ކުޅުމާއެކު ކޮރާ ކޮރާއަށް މޮޅެއް، ސްޓެލްކޯއިން ބިނާރާ ބަލިކޮށް އެއްވަނައަށް

ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ ގްރޫޕް ސީގެ ފުރަތަމަ މެޗުތަކުން ރާބަދި ޗެލެންޖުގެ ޗެމްޕިއަން ކޮރާ ކޮރާ މޯލްޑިވްސް އާއި އޮފީސް ލީގުގެ ޗެމްޕިއަން ސްޓެލްކޯ ރެކްރިއޭޝަން މޮޅުވެއްޖެއެވެ. މި ފަހަރުގެ މުބާރާތަށް ކޯރާ ކޯރާ ކުރިމަތިލީ އެ ޓީމަށް ރާބަދި ޗެލެންޖު ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި މުހައްމަދު އީސާމް ނުލައެވެ. އީސާމް މި ފަހަރު ކްލަބް އެމްޓީސީސީއަށް ކުޅެމުންދާތީ އޭނާގެ މަގާމު ފޫބެއްދުމުގެ ބޮޑު ޒިންމާއެއް އުފުލަންޖެހުނީ، ދާދިފަހުން މާލެ ރީޖަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު އަޝްރަފް މަހްމޫދަށެވެ. އަޝްރަފް ވަނީ ރިސޯޓް ލީގުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް އަތުން 2-1 އިން ކޮރާ ކޮރާ މޮޅުކޮށްދިނުމުގައި ތަފާތު ދައްކާފައެވެ. ކިންގްސް ކަޕް 2026 ގައި ކޮންރެޑާއި ކޯރާ ކޯރާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ މި މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 16 ވަނަ މިނެޓުގައެވެ. އަޝްރަފް ނެގި ކޯނަރެއް ކޮންރެޑްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހި ބައިކޮޅަށް ވަދެގެން ކޮރާ ކޮރާ އަށް ލީޑު ލިބުނުއިރު، މެޗުގެ 25 ވަނަ މިނެޓުގައި އަޝްރަފް ވަނީ ހިތްގައިމު ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ކައުންޓަ އެޓޭކެއްގައި ބޯޅަ ހޯދުމަށްފަހު، ކޮންރެޑްގެ ހާފުގެ ތެރެއަށް ބޯޅަ ހިފައިގެން ވަދެ އޭނާ މި ލަނޑު ޖެހީ ފައިގެ ބޭރު ފުށުން ފޮނުވާލި ރީތި ހަމަލާއަކުންނެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މުހައްމަދު ޝަނާއު ވަނީ ކޮންރެޑަށް ލަނޑެއް ޖަހައިދީ އުންމީދެއް ހޯދައިދީފައެވެ. ނަމަވެސް ކޮރާ ކޮރާގެ ދިފާއު ފޫއަޅުވާލައި މެޗުގެ ނަތީޖާ ބަދަލުކޮށްލަން ކޮންރެޑަށް އިތުރު ފުރުސަތެއް ނުލިބުނެވެ. ގްރޫޕް ސީގެ ދެވަނަ މެޗުގައި އޮފީސް ލީގުގެ ޗެމްޕިއަން ސްޓެލްކޯއިން ވަނީ ކްލެސިކް 2025 ގެ ދެވަނަ ޓީމު ކަމަށްވާ ކްލަބް ބިނާރާގެ މައްޗަށް 4-1 ގެ ބޮޑު މޮޅެއް ހޯދާފައެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ސްޓެލްކޯ އިން ކުޅުނުއިރު، އޮފީސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް ރިމާހް ވަނީ މި މެޗުގައިވެސް ދެ ލަނޑު ޖަހައި އޭނާގެ މޮޅު ފޯމު ދަމަހައްޓާފައެވެ. ސްޓެލްކޯގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސިރުޚާން އާއި މުއާޒް އަލީއެވެ. ބިނާރާ އަށް ސްޓެލްކޯގެ ވަރުގަދަ އެޓޭކްތައް ހުއްޓުވަން އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނުއިރު، މި ނަތީޖާއާއެކު ގޯލުގެ ތަފާތުން ގްރޫޕް ސީގެ އެއްވަނަ މަގާމު ލިބެނީ ސްޓެލްކޯ އަށެވެ. އަދި ދެވަނައިގައި އޮތީ ކޮންރާޑް އަތުން ހަނި ގޮތަކަށް މޮޅުވި ކޮރާ ކޮރާއެވެ. މި މެޗުތަކާއެކު ކިންގްސް ކަޕު ދެން ފަށާނީ މިމަހުގެ 31 ވަނަ ދުވަހުގައެވެ. އެއީ ބޮޑު އީދު ބަންދަށްފަހުއެވެ. މުބާރާތުގެ ބްރޯޑްކާސްޓީން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ