ސީނަކުން ނުގެއްލޭ، މިހިރީ ރައީސް މުއިއްޒުއާއެކު ގަދަކޮށް: ޒަމީރު

ޕާޓީގެ ފިކުރު ބަދަލުނުވާ ކަމަށާއި އަދިވެސް ހުންނެވީ ރައީސް މުހައްމަދު މުއިއްޒުއާ އެކު ގަދަކޮށް ކަމަށް، ފިނޭންސް މިނިސްޓަރުގެ މަގާމުގެ އިއްޔެ އިސްތިއުފާ ދެއްވި މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ޕީއެންސީއިން މިރޭ ބޭއްވި ޖަލްސާއެއްގައި ޒަމީރު ވަނީ، ގިނަ ދުވަސްތަކަކަށް ފަހު ސިޔާސީ ޕޯޑިއަމްއެއްގައި ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަލްސާއަށް ވަޑައިގެންނެވީ، އިސްތިއުފާ ދެއްވުމާ ގުޅިގެން އެކި ރަށްރަށުންނާއި ތަންތަނުން މީހުން ގުޅައި އޭގެ ސަބަބާ ގުޅޭގޮތުން ސުވާލު ކުރައްވާތީ އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުންނެވެ. އެ ހާލަތުގައި، މަގާމުގައި ބަގުޑި ބައްދައިގެން ހުރެގެން ނުވާނެ ކަމަށާއި އެއީ ޕާޓީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މަގާމަށް ވަރަށް ގާބިލް ބޭފުޅުން އެބަތިބި. އެ ބޭފުޅުންނަށް ޖާގަދީ، އެއް ފަރާތަކަށް ޖެހިލަން ޖެހޭ. އަޅުގަނޑަކީ ބޭނުން ވުމުން އަބަދުވެސް އެނބުރި އަންނަ މީހެއް،" ޒަމީރު ވިދާޅުވި އެވެ.
"އަޅުގަނޑު ސީނަކުން ނުގެއްލެން. މިހިރީ ރައީސް މުއިއްޒާ އެކު ގަދަކޮށް."
ޒަމީރު ދެން ދެއްކެވީ، އިގްތިސޯދީ ގޮތުން ރައީސް މުއިއްޒު ގައުމަށް ގެންނެވި ކުރިއެރުންތަކުގެ ވާހަކަ އެވެ. އެގޮތުން ވެރިކަމުގެ ވަރަށް ކުރީކޮޅު، ގައުމު 'ބަނގުރޫޓު ވަނީ، ބަނގުރޫޓު ވަނީ' ކަމުގެ ރަނގަބީލު އަޅަމުން ދިޔައިރު، މާލީ ގޮތުން ގައުމު ހަމައަކަށް އެޅުއްވީ ވަރަށް ވިސްނުންތެރިކަމާ އެކުގައި ކަމަށް ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި:
ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި 1.2 ބިލިއަން ޑޮލަރުގެ ދަރަންޏެއް ދެއްކުމަކީ އެއްވެސް ސަރުކާރަކަށް ކުރެވުނު ކަމެއް ނޫން. އެކަމަކު ރައީސް މުއިއްޒު އެކަން ކުރެއްވި
އައިއެމްއެފްގެ ޕްރޮގްރާމަކަށް ބަދަލުނުކޮށް، ދަރަނި ދެއްކި. އަދި ފިޗުގެ ރޭޓް މަތިކުރި
ޒަމީރު ވިދާޅުވީ އޭނާ ހުންނެވި މަގާމަށް ދެން ރައީސް އައްޔަން ކުރެއްވި، ކުރީގެ ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރަކީ ވެސް ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އަދި އޭނާއާ އެކު އިގްތިސޯދީ ގޮތުން ރަނގަޅު މިސްރާބަކަށް ދާނެ ކަމުގެ އިޝާރާތް ކުރެއްވި އެވެ.
ފާހަގަކޮށްލެވޭ - ޒަމީރުގެ ވަޒީރުކަމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިފަހުގެ ތާރީހެއްގައި ރާއްޖެއިން ދައްކަން ޖެހުނު އެންމެ ބޮޑު ބޭރުގެ ދަރަނި، 500 މިލިއަން ޑޮލަރުގެ ސުކޫކް، ދައްކާ ހަލާސްކުރުމެވެ.
އެކަމާ ވިދިގެން، މާލީ ހާލަތު ވަޒަންކުރާ ބައިނަލްއަގުވާމީ ރޭޓިން ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ސީސީ އިން ސީސީސީމައިނަސް އަށް މިދިޔަ ހަފްތާ މަތިކޮށްފަ އެވެ. އޭގެ ސަބަބަކީ ރާއްޖެއިން ބޮޑު ދަރަންޏެއް ދައްކައި ދުނިޔޭގެ މާލީ ބާޒާރުގެ އިތުބާރު ހޯދާފައިވުންކަން ފިޗުން ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ