އެއްވެސް އިރެއްގައި މަގާމެއްގެ ޝައުގެއް ނެތް، ކާރާއި ސެކިއުރިޓީއެއް ވެސް ބޭނުމެއް ނޫން: ސަލީމް

ދުވަހަކު ވެސް މަގާމަކަށް ދަހިވެތިވެފައި ނުވާނެކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމާއި ހަވާލުވެވަޑައިގަތީ ގައުމީ މަސްލަހަތާއި ޕާޓީގެ ހައްގުގައިކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީ މިރޭ ކުރިޔަށް ގެންދިޔަ ހަރުގެ ޖަލްސާގައި ސަލީމް ވިދާޅުވީ، ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކެއްގެ ސަބަބުންކަމަށާއި، ބަޔަކު ދައްކަމުން ދިޔަ ވާހަކަތައް ރައްޔިތުންނަށް ސާފުވެގެން ގޮސްފައިވާކަމަށެވެ. ސަލީމް ވިދާޅުވީ، މިނިސްޓަރުކަމުގެ މަގާމުން ޒަމީރު ދުރަށް ޖެހިވަޑައިގަތީ އިހުލާސްތެރިކަމާއެކު އައު ބޭފުޅުންނަށް ފުރުސަތު ދިނުމުގެ ރޫހެއްގައި ކަމަށެވެ.
ސަލީމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަކީ އަމިއްލައަށް ބޭނުންވެގެން އުޅުނު މަގާމެއް ނޫންކަމަށާއި، ނަމަވެސް ޕާޓީގެ މަސްލަހަތާއި ގައުމީ ހިދުމަތަށްޓަކައި އެ މަގާމާ ހަވާލުވެވަޑައިގަތީ ކަމަށެވެ.
އަޅުގަނޑަކީ ވެސް މިހާރު އުމުރުން ދުވަސްވެފައިވާ މީހެއް. އަޅުގަނޑަކީ ޅަ މީހެއް ނޫން. ސިޔާސީ ދާއިރާއިން ނުކުމެގެންދާއިރު ބޮލުގައި ހުރި ކަޅު އިސްތަށިތައް މިހާރު މިވަނީ ހުދުވެފައި
ސަލީމް ވިދާޅުވީ، މަޖިލީހުގެ އިދާރާއިން ކާރު ފޮނުވުމުން ވެސް އެ ކާރަށް އަރަން ބޭނުންނުވިކަމަށާއި، އޭނާއަކީ އަދިވެސް މީހުންގެ ސައިކަލު ފަހަތުގައި ދަތުރުކުރަން ބޭނުންވާ މީހެއް ކަމަށެވެ. އަދި ސެކިއުރިޓީއާ ގުޅޭގޮތުން ވިދާޅުވީ، ވަކި ބައެއްގެ ފަރާތުން ސެކުއުރިޓީއެއް ބޭނުން ނުވާކަމަށާއި އޭނާގެ މާ މަތީ ފެންވަރެއްގައި އުޅުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިއިރު ދައުލަތުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި މިހާރު އެ އަދަދު ހުރީ 150 ބިލިއަންގައި ކަމަށްވާއިރު، މި ސަރުކާރުން އިތުރުވީ 24 ބިލިއަން ރުފިޔާކަމަށް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރުން 60 ބިލިއަންގެ ދަރަނި ނަގާފައިވާކަމަށް ބުނާ ބުނުމަކީ ހަގީގަތާއި ވާހަކައެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ