އެޕިސޯޑް 2
ހޯމަ ދުވަހުގެ ބަޔާ ގުޅޭ
އޭގެ ނަތީޖާ ކިހާ ހިތިވާނެކަން ވިސްނާ ނުލަ އެވެ. އެ ފާރުގަނޑުގެ ރިހުން ކިހާ ގަދަވާނެކަން ވެސް އަހަރެންނަށް ނުވިސްނުނެވެ.
އަހަރެންގެ ހިޔާލާއި ވިސްނުމަކީ ރޫޝާއަށް އެއްވެސް އެއްޗެއް ނޫނެވެ. އަހަރެން ދޭ ނަސޭހަތަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އަހަރެން ހުރީ ބޯގޮވާ ވަރު ވެފަ އެވެ. ރޫޝާގެ އެ އުޅުމެއް އިސްލާހެއްް ނުކުރި އެވެ. ތާކުންތާކުނުޖެހޭ ރައްޓެހިންތަކެއް ހޯދައިގެން އަބަދުވެސް އުޅެނީ އެ މީހުންނާއެކުގަ އެވެ. ދުވަސްވީ ވަރަކަށް އަހަރެން އަތުން ލަގަން ދޫވަމުން ދިޔަ އެވެ. ދަރިފުޅު ކަމަށް ވާތީ ބުނަން ނުވާ ކަހަލަ ކިތަންމެ އެއްޗެއް ނުބުނެ އަހަރެން ކެތްކުރީމެވެ. އަހަރެންގެ މަންމަ އަހަރެންނަށް ދިން ތަރުބިއްޔަތު ރޫޝާއަށް ދެވޭތޯ ވަރަށް ހިތްވަރު ކުރީމެވެ. އޭނަ ކުރެއް ނުކުރި އެވެ. އެންމެ ފަހުން ރިޒޯޓަކަށް ދިޔަ އެވެ. އޭރު އުމުރުން 19 އަހަރު ފުރިއްޖެ އެވެ. އަހަރެން އޭރު ވެސް އުޅުނީ އެ ވަޒީފާގަ އެވެ. އަހަރެންނަށް ލިބުނު އެއްޗަކުން ރޫޝާގެ ހުރިހާ ބޭނުންތަކެއް ފުއްދާ ނުދެވޭ ކަމަށް އޭނާ ބުނެ އެވެ. އަހަރެން ހިތަށް ތަދުވާ ކިތަންމެ ތީރުތަކެއް ހިތާ ދިމާލަށް ފޮނުވާ ޒަހަމް ކޮށްލަ އެވެ. އެ ޒަހަމްތަކުގައި މަލަން އަޅަނީ އަހަރެންގެ ދެއަތުންނެވެ. ލޮލުން ފައިބާ ކަރުނަތައް ފުހެލަނީ ވެސް އެކަނިމާއެކަންޏެވެ. ދަރިއަކު ދުނިޔޭގައި ހުރި ނަމަވެސް ނެތް ފަދަ އެވެ. ނުވަތަ އޭނަ ވަނީ އަހަރެންގެ ބޮލުގެރިހުމަކަށް ބަދަލުވެފަ އެވެ. ނަމަވެސް ރޫޝާ ހިތުގައި ޖެހޭ ފަދަ ބަހެއް ވެސް އަހަރެން ނުބުނަމެވެ. އަބަދުވެސް ބަލަނީ ވަރަށް ރުއްސައިގެން އުޅެވޭތޯ އެވެ. ނަމަވެސް ރޫޝާ އެ ވަރެއް ނުދަތެވެ.
ރިޒޯޓަށް ދިޔަ ފަހުން ދެ މަސް ވީ އިރު އަހަރެންގެ ހާލު ވެސް ބަލާ ނުލަ އެވެ. އަހަރެން އުޅެނީ ކައިގެންތޯ ނުކައިތޯ ވެސް ބަލާނުލަ އެވެ. ދެން އިވުނީ އަޑުއަހަން ބޭނުންވާ ކަހަލަ ޚަބަރެއް ނޫނެވެ. އަހަރެންނަށް ހީވީ ކަންފަތަށް ހޮނު ގުގުރިއެއް ޖެހިހެންނެވެ. ޝަހުދާގެ ފަރާތުން އިވުނު އެ ޚަބަރުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަނެގެން ދިޔަ ކަހަލަ އެވެ. ބޯމަތީ ފެތުރުނު ކަޅު ވިލާގަނޑުން ވެހެން ފެށި ވާރޭގައި ލަނީ ހިތި ރަހަ އެވެ. ވަށައިގެންވާ ކަނޑުގެ ބިޔަ ރާޅުތައް އަހަރެން އޮޔާ ގެންދަން ފެށި އެވެ. ގައިން ވަރު ދޫވެގެން އެ ރާޅުތައް ތެރޭގައި އަހަރެން އޮތީ އެވެ. މަންޒިލެއް ހޯދައިގެން ހިކިފަސްތަނަކަށް އެރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަހަލަ އެވެ.
ރޫޝާ ވަނީ މަސްތީ ދުނިޔެއެއްގައި ރަނިކަން ކުރަން ފަށާފައެވެ. ޑްރަގުގެ އަވާގައި ޖެހި މީހާ ހަލާކުގެ ތެރެއަށް ވެއްޓިގަނެފަ އެވެ. ގެންގުޅުނު ރައްޓެހިންގެ ބަސް އަހައިގެން އެ މީހުން ބޭނުންވާ މަގުން ހިނގަން ފެށީ އަހަރެން ކޮށައިދިން މަގަށް ކުޅު ޖަހާފަ އެވެ. ހިތަށް ވަރަށް ތަދުވި އެވެ. ލިބިފައިވާ ހަމައެކަނި ދަރިފުޅު އެފަދަ ހާލަތަކަށް ވެއްޓެން މެދުވެރިވާނީ ކޮންމެވެސް ކަމެއް ވެގެންނެވެ. އަހަރެންގެ ތަރުބިއްޔަތުގައި ކޮންމެވެސް އުނިކަމެއް ހުރެގެންނެވެ. ނަމަވެސް ހިތަށް އަރަ އެވެ. ނުދެވެނީ ކޮން ނަސޭހަތެއް ހެއްޔެވެ؟
އޭގެ ދުވަސްކޮޅެއް ފަހުން ރޫޝާ ރަށަށް އަ އެވެ. ރޫޝާ ފެނުމުން އަހަރެން ހައިރާންވި އެވެ. ހޭވިފައިވާ ބޮލުގައި މިއިން ދުވަހަކު ފުނާ ޖައްސާލި ހެންނެއް ހިއެއް ނުވެ އެވެ. މޫނުމަތި ވަނީ މިލާފަ އެވެ. ވަޅުވަދެފައިވާ ދެލޮލުގެެ ކައިރި މަތީ ވަނީ ކަޅުވެފަ އެވެ. ހީވަނީ ނުނިދާތާ އެތަކެއް ރޭ ވެފައިވާ ހެންނެވެ. ހަށިގަނޑު ނިކަމެއްޗެވެ. ވަރުބަލިކަމުން މީހާއަށް ހިރުވާލެވެނީ ވެސް ކިރިޔާ އެވެ. ހީވަނީ މިހާރު ވެސް މަސްތު ވެފައި ހުރިހެންނެވެ. އަހަރެން ގޮސް ރޫޝާގެ ގައިގައި ބައްދާލީމެވެ. ވަގުތުން އަހަރެން ފޮޅުވާލި އެވެ. އަދި ނޭފަތް ދަމަމުން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އަހަރެން ވެސް ފަހަތުން ދިޔައީމެވެ. ވާހަކަ ދައްކަން އަނގަ ހުޅުވާލުމާއެކު އޭނަ އަތުގެ އިޝާރާތުން އަހަރެން ހުއްޓުވި އެވެ. އަހަރެންގެ "ލެކްޗަރު" އަޑުއަހަން ބޭނުން ނުވާ ކަމުގައި ބުންޏެވެ. އަދި އޭނާ ބުނަން ބޭނުންވާ ވާހަކައެއް އޮތްކަމުގައި ބުންޏެވެ. އެއީ ކައިވެންޏެއް ކުރުމެވެ. އަހަރެންގެ މޫނުމައްޗަށް އުފާވެރިކަން ގެނުވި އެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ހީވި އެވެ. މީހަކާ އިނުމުން އޭނަ އެ އުޅޭ ވިޔާނުދާ އުޅުން ދޫކޮށްލާނެ އެވެ. އިސްލާހު ވާނެއެވެ.
ރޫޝާ ކައިވެނި ކުރަން އުޅެނީ ރިޒޯޓުން ދިމާވި އަހުސަނުއާ އެވެ. އަހުސަނަކީ ރަށުގައި އުޅޭ ހަރީރާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ހަރީރާމެން އެ ކައިވެންޏާ ދޭތެރޭ އެއްގޮތަކަށްވެސް ގަބޫލެއް ނޫނެވެ. ވާނީ ވެސް އެހެންނެވެ. މީހަކަށް ރޫޝާ ކަމުދާން އޭނާގެ ކިބައިގައި ހުރީ ކޮން ސިފައެއް ހެއްޔެވެ؟ ހުސް ނައްސި ސިފަތަކެވެ. އެކަމަކު އަހުސަނަކީ ރަނގަޅު ކުއްޖެކެވެ. ކައިވެނިކޮށްގެ ދެ މީހުން ބަދަލުވީ ހަރީރާމެން ގެއަށެވެ. އަހަރެންނަށް ހިންދެމިލެވުނެވެ. ފުންނޭވައެއް ލެވުނެވެ. އެއީ ހަމަޖެހުމުގެ ނޭވައެއް ހެއްޔެވެ؟ ނުވަތަ ކަމެއްގެ ފެށުން ހެއްޔެވެ؟
ކައިވެންޏަށް ދެ މަސް ވެސް ނުވަނީސް ރޫޝާ އެނބުރި ގެއަށް އަ އެވެ. ފޮށި ވެސް ހިފައިގެންނެވެ. ކީއްވެތޯ ސުވާލުކޮށްކޮށް އެއްވެސް އެއްޗެއް ނުބުންޏެވެ. ދިޔައީ ކޮޓަރިއަށެވެ. އޭގެ ދެތިން ގަޑި އިރު ފަހުން އަހުސަނު އަ އެވެ. ބުނީ ރޫޝާ ބަލައި އައީ ކަމުގަ އެވެ. އަހުސަނުގެ ވާހަކައިން އެނގުނު ގޮތުގައި ރޫޝާގެ އުޅުމަށް އެއްވެސް ބަދަލެއް ނާދެ އެވެ. އުޅެނީ އެ ވިޔާނުދާ ގޮތަށެވެ. ރަށުގައި އުޅޭ ޑްރަގު ގްރޫޕުތަކާ ގުޅިގެން ރޭތައް ހޭދަ ކުރާ ކަމުގައި އަހުސަނު ބުންޏެވެ. ކިތަންމެ ވަރަކަށް ނަސޭހަތް ދިނަސް ދެނީ ބީރު ކަންފަތެއް ކަމުގައި ވެސް ބުންޏެވެ. އެންމެ ފަހުން ރޫޝާގެ ބޮލަށް އުނދަގޫ ވެގެން ގެއަށް އައީ ކަމުގައި ބުންޏެވެ. އަހުސަނުމެން ދައްކާ ވާހަކައަކީ ރޫޝާއަށް އެއްވެސް އެއްޗެއް ކަމުގައި ނުވެ އެވެ. އަހުސަނު ދުށް ގޮތުގައި ރޫޝާގެ އެ އުޅުން ރަނގަޅު ކުރާނެ ކަމަށް އުންމީދު ކުރެވުން އެއީ ކުރެވުނު ކުށްހީއެކެވެ. ނަމަވެސް އަދި އެއް ފުރުސަތު ދޭން އަހުސަނު ބޭނުންވެ އެވެ. ވުމާއެކު އާ އުންމީދަކާ އެކު ރޫޝާ ގެއަށް ގެންދިޔުމަށް ބޭނުންވީ އެވެ. އެތައް އިރަކު އަހުސަނު ގޮވުމުން ވެސް ރޫޝާ ދޮރެއް ނުހުޅުވި އެވެ. ކޮޓަރިއަށް ވަން ގޮތަށް ހަބަރެއް ނުވި އެވެ. ކަރުއެލުވާލައިގެން އަހުސަނު ނުކުމެގެން ދިޔައީ ފަހަތަށް އެނބުރި އެއް ފަހަރު ވެސް ބަލާނުލަ އެވެ.
ދުވަސްކޮޅެއް ނުވެ ރޫޝާއަށް ކޯޓަށް ދާން އަމުރު އަ އެވެ. އަހުސަނު ބޭނުންވީ ރޫޝާ ވަރިކުރާށެވެ. އެއީ ރޫޝާ ވެސް ބޭނުންވާ ގޮތެވެ. އެއްވެސް މާނައެއް ނެތް ގުޅުމެއްގައި ބަނދެވިގެން ހުންނާކަށް އޭނަ ބޭނުމެއް ނުވި އެވެ. ވަރިވުމަށް ފަހު ވެސް ރޫޝާގެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. އެންމެ ފަހުން ގެއިން ވައްކަން ކުރަން ފެށި އެވެ. އަހަރެން ބަހައްޓާފައި ހުންނަ އެކި އެއްޗެހި ގެއްލޭކަން އެނގުނީ ދުވަސްކޮޅެއް ފަހުންނެވެ. އޭނަ އެ ގަންނަން ބޭނުންވާ ތަކެތި ގަތުމަށް ފައިސާ އޮންނަނީ މަދުވެފަ އެވެ. މަޔަކު ބޯ ގޮވާ ނަމަ މިހާރު އަހަރެންގެ ބޯ ހުންނާނީ ގޮވާފަ އެވެ. އެންމެ ފަހުން އަހަރެން ބައެއް އެއްޗެހި ފޮރުވަން ފެށީމެވެ. އެކަމަކު ރޫޝާގެ ތޫނު ނަޒަރަކަށް އެ އެއްޗެހި ސިއްރެއް ނުކުރެވުނެވެ. ހޯދަހޯދައިގެން ޑްރަގުގެ މަސްތުގައި މީހާ ހަލާކުވެ ނިމިދާން ފެށި އެވެ.
އެއް ދުވަހެއްގެ މެންދުރުފަހެވެ. އޮފީހުން ނިމިގެން އަހަރެން ގެއަށް އައި އިރު ގޭތެރެއަށް ހީވަނީ ނަގޫރޯޅިއެއް އަރާފައި ހެންނެވެ. އެކި އެއްޗެހި އެކި ތަންތަނުގައި އޮތީ އުކާފަ އެވެ. ތަރުތީބެއްނެތި ހާވާފައިވާ ގޭތެރޭގެ އެތަންމިތަނަށް އަހަރެން ނަޒަރު ހިންގާލީމެވެ. ގޮނޑިއެއްގެ އެއްފަރާތަށް ވެއްޓިފައިވާ އަހަރެންގެ ދަރިފުޅު ފެނުމުން ސިއްސައިގެން ދިޔަ އެވެ. ދުވެފައި ގޮސް ރޫޝާ ނެގޭތޯ އުޅުނީމެވެ. ނަމަވެސް ނުނެގުނެވެ. މޫނުމަތީ ފެން އުނގުޅައި ގޮވައި ހެދުމުން ވެސް ރޫޝާ ހަރަކާތެއް ނުކުރި އެވެ. އަޑުން އަޑުނަގައި އަހަރެން ރޯން ފެށީމެވެ. އުނގުމަތީގައި ރޫޝާގެ ބޯ ބާއްވައިގެން އަހަރެން އިނީ ގޮތް ހުސްވެފަ އެވެ. ރޮއިރޮއި ގޮސް އަޑު ބެދޭ ގޮތްވި އެވެ. ރޫޝާގެ ފުރާނަ ނެތް ހަށިގަނޑުގައި ފިރުމާލެވުނެވެ. މައިވަންތަކަމުގެ ލޯބި އަހަރެންގެ ހިތުގައި ވޭ ހެއްޔެވެ؟
އަހަރެން ރޯ އަޑަށް އަވައްޓެރިން އަ އެވެ. ވެގެން އުޅޭ ގޮތް އޮޅުން ފިލުވުމުން ޕޮލިހަށް ގުޅި އެވެ. ރޫޝާގެ ހަށިގަނޑު ޕޮލިހުން ގެންދިޔަ އިރު އަހަރެންނަށް އެހެން ދިމާލެއް ނުބެލެ އެވެ. އަހަރެންގެ ހުރި ހަމައެކަނި މީހާ ވެސް މި ދުނިޔެއާ އަލްވަދާއު ކީ އެވެ. ޕޮލިހުން ތަހުގީގު ކުރި އެވެ. އެކި މީހުންނާ ސުވާލު ކުރި އެވެ. އަހަރެންނާ ވެސް ސުވާލު ކުރި އެވެ. ސުވާލުތަކަށް ޖަވާބު ދިނީ އަހަރެން ވަރަށް ވިސްނައިގެންނެވެ. ކިރިޔާ ވެސް ފުށުއެރުމެއް އަރައިފި ނަމަ ގޯހެއް ހިނގައިފާނެތީ އެވެ. ދަރިފުޅު ވަޅުލާފައި އައިސް އެ ސުވާލުތަކަށް ޖަވާބު ދިނުމަކީ އަހަރެންނަށް އުނދަގޫ ކަމަކަށްވި އެވެ.
ޕޮލިހުންނަށް އަހަރެން ކިޔައިދިނީ އޮފީހުން ގެއަށް އައި އިރު ވެފައި އޮތް ގޮތެވެ. އެކަން ޕޮލިހުން ގަބޫލު ކުރި އެވެ. އަވައްޓެރިންނާއި ރޫޝާގެ ރައްޓެހިން ގާތުގައި ވެސް އޭނަގެ ހަގީގަތް އެހި އެވެ. އެއީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ކުއްޖެއްކަން އެންމެންނަށް ވެސް އެނގެ އެވެ. ވުމާއެކު އަހަރެންނަށް ޕޮލިހުން އިތުބާރު ކުރި އެވެ. ނަމަވެސް އެއީ ހަގީގަތުގައި ކަން ހިނގައިދިޔަ ގޮތެއް ނޫނެވެ. އަހަރެން އޮފީހުން އައި އިރު ގޭތެރެ އޮތީ ކުރިން ވެސް އޮންނަ ގޮތަށް ހަމަހިމޭންކޮށެވެ. ތަރުތީބުކޮށެވެ. ކުރިން އަހަރެން ބުނި ފަދަ އެއްވެސް ކަމެއް އޭރަކު ނުހިނގަ އެވެ. އެކަމަކު އަހަރެންގެ އަތުގައި އިތުރު އެއްޗެއް އޮތެވެ. ކުރިން ނޯންނަ އެއްޗެއް އޮތެވެ. ދުވަހަކު ވެސް އޭގައި އަތް ނުލާ، ނުބެހޭ މަސްތުވާތަކެތި ހިފައިގެން އަހަރެން އައީ ވަކި ބޭނުމެއްގަ އެވެ. ބަނޑުއަޅައި ވިހޭ ދަރިފުޅު މަރާލާށެވެ. ރޫޝާ އޯވަޑޯޒްކޮށްލީ އަހަރެންނެވެ. އެއަށް ފަހު ގޭތެރޭގެ ތަރުތީބު ގެއްލުވައިލީމެވެ. އެންމެންނަށް ޔަގީން ކުރެވޭ ފަދަ ގޮތަކަށް މަންޒަރު ބަދަލުކޮށްލީމެވެ. އަހަރެންގެ ރޭވުން މި ދުނިޔޭގައި ކާމިޔާބުވި ނަމަވެސް އަނެއް ދުނިޔޭގައި އަހަރެންނަށް ހުރި ވޭން ބޮޑެވެ. ނަމަވެސް އެ ގޮތަށް އެކަން ކުރަން މަޖުބޫރު ކުރުވީ ރޫޝާ އެވެ. އަހަރެންގެ ހަށިގަނޑަށް ރޫޝާގެ ދެއަތުން އަނިޔާ ކުރަން ފެށި ދުވަހަކީ އަހަރެން ހަނދާން ނެތޭނެ ދުވަހެއް ނޫނެވެ. ފައިންނާއި އަތު ޖެހުނު އެއްޗަކުން އަހަރެންނަށް އަނިޔާ ކުރި އެވެ. ވޭނާއި ހިތްދަތިކަމާއި ހިތާމަ ދިނެވެ. އަހަރެން އޮތީ އެ ދުވަހު ގުޑި ވެސް ނުލެވިފަ އެވެ. އެ ދުވަހަށް ފަހު އަހަރެން ނިންމީ ރޫޝާގެ ވަސް ވެސް އަހަރެންގެ ހަޔާތުން ފުހެލުމަށެވެ.
އަހަރެން ގަބޫލު ކުރާ ގޮތުގައި ރޫޝާއަކަށް މި ދުނިޔެއެއް ހައްގެއް ނޫނެވެ. ނަމަވެސް ދުނިޔެ ހައްގީ ކާކަށްތޯ ނިންމަވާނީ މާތްﷲ އެވެ. އެކަން ވެސް އަހަރެން ގަބޫލު ކުރަމެވެ. އެހެނަސް އޭނަ ދުނިޔޭގައި ހުރި ނަމަ އަހަރެންނަށް އަނިޔާ ކުރުން ވާނީ އާންމު ކަމަކަށެވެ. ޖާހިލަކަށް ވުރެ ރޫޝާގެ އުނދަގޫ ބޮޑުވާނެ އެވެ. އެހެންކަމުން މި ފިޔަވަޅު އަޅަން އަހަރެންނަށް މަޖުބޫރު ކުރުވީ ރޫޝާ އެވެ.
-ނިމުނީ-
ވާހަކަ: މަޖުބޫރު - ފަހު ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ