ތޮއްޖެހިފައިވާ މާލޭގައި ޓްރެފިކް ލައިޓް ހަރުކުރާނަމަ ތަކުލީފުތައް އިތުރުވާނެ، ފަރުދީ ޒިންމާ އަދާކުރަން ޖެހޭ: ފުލުހުން

ތޮއްޖެހިފައިވާ މާލޭގައި ޓްރެފިކް ހައްލުކުރަން ޓްރެފިކް ލައިޓްތައް ހަރުކުރުމަކީ ތަކުލީފުތައް އިތުރުވާނެ ކަމެއް ކަމަށާއި ފަރުދީ ޒިންމާ އަދާކުރުން މުހިންމު ކަމަށް ފުލުހުން ބުނެފިއެވެ. މާލޭ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޓްރެފިކް މައްސަލައަށް އެދެވިގެންވާ ހައްލެއް ނުލިބުމެވެ. މީގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ހެޑް އޮފް ސޭފްޓީ އެވެއާނެސް ޕްރިވެންޝަން، ސްޕްރިންޓެންޑް އޮފް ޕޮލިސް އަޙްމަދު ފަސީހް ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރެފިކަށް ހައްލު ހޯދާ، ރައްޔިތުންނަށް މާލެ ސަރަހައްދުގެ މަގުތަކަކީ ފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށް އެތައް ބަދަލެއް ގެނެސް، އެ ބަދަލުތަކުގެ ނަތީޖާއަށް ބަލައި އިތުރު ބަދަލުތައް އަބަދު ވެސް ގެންނަމުން އަންނަ ކަމަށެވެ. މި ބަަދަލުތަކުގައި ހުޅުމާލެ ބޮޑެތި މަގުތަކާއި ބުރިޖް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ލައިޓް ހަރުކޮށް މޮނީޓާކުރަމުން ދާއިރު ވެސް އެކްސިޑެންޓްތައް ހިނގަނީ މަގުމަތި ބޭނުންކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ ފަރުދީ ޒިންމާ ހަނދާން ނައްތާލާތީ ކަމަށް ވިދާޅުވިއެވެ. އަދި، މަގުމަތި ބޭނުންކުރާ ފަރާތްތަކުން ޑިސިޕްލިން ނުވާތީ ކަމަށް ވެސް ވިދާޅުވިއެވެ. ކެޕްޝަން..ހައިވޭގައި ހިނގި އެކްސިޑެންޓެއް:ފޮޓޯ/އެމްވީ ކްރައިސަސް ހުޅުމާލެއާއި ހިލާފަށް ތޮއްޖެހިފައިވާ މާލޭގައި ޓްރެފިކް ލައިޓްތައް ހަރުކުރުމުން އާންމުންނަށް ލިބޭ ފަސޭހައަށްވުރެ، ތަކުލީފުތައް އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މާލޭގެ މިއަދުގެ ހާލަތަށް ބަލާއިރު މާލޭގެ މަގުތަކުގައި ޓްރެފިކް ލައިޓްތައް ޖަހައިފިނަމަ މާލޭގެ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހިގެންދާނެ. ގޯޅިތަކުން މަގުތަކަށް ވެހިކަލްތައް ނުނިކުމެވި ދާންވާ ތަންތަނަށް ގަޑިއަށް ނުދެވުންފަދަ ކަންކަން ވާނެ. ތޮއްޖެހިފައި އޮތް ތަނެއްގައި ޓްރެފިކް ލައިޓް ހަރުކުރުމަކީ ހައްލެއްނޫން. ފަސީހް ވިދާޅުވީ، ރައްޔިތުންނަށް ފަސޭހަވާނެ މަގުން ކަންކަން ބައްޓަން ކުރުމަށް އަބަދު ވެސް ފުލުހުން އިސްކަންދޭ ކަމަށެވެ. ހުޅުމާލޭގައި ޓްރެފިކް ބާރު ބޮޑުވާ މަގުތަކުގައި ލައިޓް ހަރުކުރުމުގެ ބަދަލުގައި ބުރު ހެދުމުން، އެ ސަރަހައްދުތަކުގައި އެކްސިޑެންޓް ހިނގާލެއް މަދު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ގެއްލެނީ، ހެދިފައި އޮންނަ ޤާނޫނުތަކަށް ބޯ ނުލެނބުމާއި، އަމިއްލަ ނަފުސު އިސްކޮށް އެކަކު އަނެކަކަށް އިހުތިރާމުނުކުރުމުން ކަމަށް ވިދާޅުވިއެވެ. https://sun.mv/213626 ހެޑްސެޓް ޖަހައިގެން ދުއްވާއިރު، މަގުމައްޗަށް ދޭންވާ ސަމާލުކަން ނުދެވޭނެ. ފޯނެއް ނަގާއިރު އެއްވެސް ފަރާތަކަށް ނޭނގޭނެ އެއީ ހިތާމަވެރި ޚަބަރެއް ނުވަތަ އުފާވެރި ޚަބަރެއްގެ ކޯލެއް ކަމެއް. މިއިން ކޮންމެ ކޯލެއްގެ ސަބަބުން ދުއްވާ މީހާއަށް އިހުތިޔާރަކާ ނުލާ ގެނެވޭ ރިއެކްޝަނެއްގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފާނެ. މަގުމަތީގެ ޤާނޫނުތަކާއި ޤަވައިދުތަކަށް އިހްތިރާމު ނުކުރުމުގެ ސަބަބުން އަދި އެކަކު އަނެކަމަށް އިޙްތިރާމް ކުޑަކުރުމުގެ ސަބަބުން ވަރަށް ހިތާމަވެރި ހާދިސާތައް ރާއްޖޭގައި، ޚާއްސަކޮށް މާލެ ސަރަހައްދުގައި އަންނަނީ ހިނގަމުންނެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރު މިހާތަނަށް 2794 އެކްސިޑެންޓް ވަނީ ރެކޯޑު ކުރެވިފައެވެ. މި އެކްސިޑެންޓް ތަކުގެ ތެރޭގައި، ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަށްވެ، ފުރާނަ ގެއްލިފައިވެއެވެ. މީގެ ތެރޭގައި މަގުމަތީގައި ހިނގާ ބިގާވެ އުޅޭ މީހުންނާއި، ލައިސަންސް ނެތި ސައިކަލް ދުއްވި ފާރާތްތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ