ލިސާން 38
"އަނެއްކާ... އަނެއްކާ ނަމީރު..." އިންޖާބަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. ނޫނެކެވެ. އެއީ ނަމީރަކަށް ނުވާނެއެވެ. އޭނައަށް ނަމީރުގެ މޫނުމަތިން ފެނުނު އަސަރުތައްވެސް އެކަމަށް ހެކިދެއެވެ. މިހުރިހާ ދުވަހު އެތަނުގައި އެ ތަޅުދަނޑި އޮތްކަން އެނގި އޭގެ ބޭނުން ނުކުރި ނަމީރު ހަމަ ހުރެހުރެފައި ރައާބިލް މިނިވަނެއް ނުކުރާނެއެވެ. އަދި އަމްދުން އޭނަޔާ ދެކޮޅު ވުމުގެ ހިތްވަރެއް ނަމީރުގެ ނުހުންނާނެއެވެ. މިހާ ދުވަހު ނުކުރި ކަމެއް ދެން ވެސް އޭނަ ނުކުރާނެއެވެ. އެއީ މިހާރު ކުރީގެ ނަމީރެއް ނޫނެވެ. ޒިންމާދާރުކަމަށް ބެލި ނަމަވެސް އެތަކެއް ގޮތަކުން އޭނަ ތަފާތެވެ. ގަނޑުވަރާ ރަސްކަމުގެ ތެރެއިން ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް ނަމީރު އަދާކުރެއެވެ. ވީއިރު އެފަދަ ސުވާލެއް އުފެއްދުމުގެ ބޭނުމެއް ނެތެވެ. ނަމީރަށް ޝައްކުކުރުމަށް އިންޖާބުގެ ސިކުނޑި ދެކޮޅު ހަދަމުން ދިޔައީ އެފަދަ އެތަކެއް ސަބަބުތަކަކާ ހެދިއެވެ. މިފާއިތުގެ ދިޔަ ފަންސަވީސް އަހަރުގެ ތެރޭގައި، ނަމީރު ވަނީ އޭނަގެ އިތުބާރު ހޯދާފައެވެ. އޭނަ ނުހުރޭ ގޮތަކަށް ކަންތައް ކޮށްފައެއް ނުވެއެވެ. އަދި އޭނަގެ އަބުރަށް ހުތުރުވެ އިއްޒަތަށް އުނިކަމެއް އަންނާނެ ފަދަ ގޮތަކަށް ވެސް އަމަލު ކޮށްފައެއް ނުވެއެވެ. އެކަން ކުރީ ނަމީރު ނޫންނަމަ ދެން އެފަދަ ކަމެއް ކުރާނީ ކާކު ހެއްޔެވެ؟ ގަނޑުވަރުގެ ޚާދިމުންނަށް އޭނައާ ދެކޮޅަށް ކަމެއް ކުރާކަށް ނުކެރޭނެއެވެ. ދެން ހުރީ ބަތީލާއާ ޝައިސްތާއާ ނާވީއެވެ. އެ ތިން މީހުން ކުރެ އެކަކަށްވެސް އެތަނަށް ވަދެ އޭނަގެ ސާމާނުތަކާ ބެހޭކަށް ނުކެރޭނެއެވެ. އެހެން ނޫނަސް އެމީހުންނަކީ ވަގުންނެއް ނޫނެވެ. ވިސްނި ވަރަކަށް އިންޖާބުގެ ސިކުނޑި ހާސްވުން ނޫންކަމެއް ނުވިއެވެ. އިންޖާބު އެތަނުން ނުކުމެގެން ދިޔައީ ބިންގަރާހާ ދިމާލަށެވެ. ގަނޑުވަރުން ނުކުތުމާއެކު އޭނަގެ ފަހަތުން ގަނޑުވަރުގެ ބައެއް ސިފައިންނާ ފާރަވެރިންވެސް ވެސް އުދުހިގަތެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އިންޖާބު މަޑުޖެހިލިއެވެ. އޭނަގެ ފަހަތުގައި ހުރި އިސް ސިފައިންގެ މީހާ ދެން ތިބި މީހުންނަށް މަޑުކުރުމަށް އަތުން އިޝާރާތްކޮށްލުމާއެކު، އެމީހުންވެސް މަޑުޖެހިލިއެވެ. އިންޖާބު އޭނަގެ މިސްރާބު ބަދަލުކޮށްލުމުން އެމީހުންނަށްވެސް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެހެންނަމަވެސް ސުވާލެއް ކޮށްލުމުގެ ހިތްވަރެއް އެއިން އެކަކަށްވެސް ނުލިބުނެވެ. އިންޖާބާއެކު އެމީހުން އެންމެން ވެސް އެ ދިމާލަށް މިސްރާބު އަނބުރައިލީއެވެ. ***** ބިންގަރާހުގެ ސިފައިންނާއެކު ނަމީރު ގޮސް ތިރިކޮށްލީ ސަމްރާމެން ރަށުގެ ތުނޑިއަށެވެ. ރައާބިލް ހޯދުމަށްޓަކައި ނަމީރު އެކި ބައިބަޔަށް މީހުން ބަހައިލިއެވެ. އެއަށްފަހު ޚަބަރު ހޯދުމަށްޓަކައި ރަށު ތެރެއަށް އެމީހުން ފޮނުވިއެވެ. ނަމީރު މޫދުގެ ލޮނުގަނޑަށް ނަޒަރު ހުއްޓައިލުމަށްފަހު، ދުރު ބަލައިލިއެވެ. އޭގެ ތެރެއިން އެކަކަށް ވެސް ރައާބިލް ނުފެންނާނެކަން ނަމީރަށް އެނގެއެވެ. ސަބަބަކީ ސަމްރާ މެން މިހާރު އުޅެނީ އެ ރަށުގައި ނޫންކަމުގައި ވާތީއެވެ. އޭނަ ވެސް އެންމެ ފުރަތަމަ ރައާބިލްގެ އެދުމަށް ސަމްރާމެންގެ ޚަބަރު ހޯދުމަށް އައި ރަށަކީ އެއީއެވެ. ވިހެއުމަށްފަހު ސަމްރާއާއި އެ އާއިލާ އެ ރަށް ދޫކޮށްލާފައި އެހެން ރަށަކަށް ހިޖުރަ ކުރިކަން އޭނައަށް އެނގުނީ އޭރުއެވެ. އޭނައަށް މިހާރު ސަމްރާމެން އުޅޭ ރަށަކީ ކޮބައިކަން އެނގުނީ އޭރު އެ ރަށު މުސްކުޅި އުމުރެއްގެ މީހެއްގެ ފުށުންނެވެ. އޭނައަށް އެންމެ ފުރަތަމަ ނާވީއާއި ރަނީމް ފެނުނީ، އެ މުސްކުޅި މީހާ ބުނި ބުނުމަށް ސަމްރާމެން މިހާރު އުޅޭ ރަށަށް ދިޔަ ފުރަތަމަ ރެއެވެ. މި ރަށުގެ ގިނަ މީހުންނަށްވެސް އެ އާއިލާއާ ބެހޭގޮތުން މާ ގިނަ ކަންތައްތަކެއް ނޭނގެއެވެ. ކުއްލިއަކަށް ނަމީރުގެ ސަމާލުކަން އަތުލީ ފެނުނު ފެހިނޫ އަލިގުޅައިންނެވެ. އެ އަލިގުޅަ ގޮސް ވެއްޓުނީ އޭނަގެ ފަހަތަށެވެ. އެއީ އިންޖާބުކަން ދެނެގަނެވުމާއެކު، ނަމީރުގެ ހިތް ތެޅިލިއެވެ. އިންޖާބު އައުމުން ހިންދިރުވައިލެވުނެވެ. ސަބަބަކީ ވަރަށް ބޮޑުކަމެއް ވެގެން ނޫނީ އިންޖާބު ނާންނާނެކަން އޭނައަށް އެނގޭތީއެވެ. އަލިކަން އެކީ ހިނދެމުން ދިޔަވަރަކަށް އިންޖާބާ، އޭނަގެ ސިފައިންގެ ސޫރަސިފަވިއެވެ. "ބައްޕާ...." ނަމީރު ކުރިއަށް ޖެހިލިއެވެ. "އެއީ ނަމީރުގެ ކަމެއްތަ؟" އިންޖާބު އެންމެ ފުރަތަމަ ވެސް ކޮށްލީ ސުވާލެކެވެ. ހަމަ އެ ހަރުކަށިކަމާއެކުގައެވެ. "ނޫން ނޫން ބައްޕާ..." ނަމީރަށް އަވަސް އަވަހަށް ބުނެވުނެވެ. "ދެން އެ ތަޅުދަނޑި ނެގީ ކާކު؟" އިންޖާބު ދެވަނަ ސުވާލެއް އަމާޒުކޮށްލިއެވެ. "ނޭނ.. ނޭނގެ ބައްޕާ... ހަމަ ހުވާ އަޅުގަނޑެއް ނުނަގަން. ބައްޕައަށް ހީވޭތަ މިހުރިހާ ދުވަހު ނުކުރި ކަމެއް އަޅުގަނޑު ކުރާނެހެން." ބާރުބާރަށް ތެޅެމުން ދިޔަ ހިތް ހަމައަކަށް އަޅުވަން މަސައްކަތްކުރި ނަމީރު ވާހަކަ ދެއްކިއެވެ. ނަމީރުގެ އަޑުގައިވަނީ ތެދުވެރިކަމެވެ. އޭނަ ޖެހިލުންވެފައި ހުރި ނަމަވެސް، މަކަރުވެރިކަމެއް ނުވެއެވެ. "ޤަބޫލުކުރޭ ބައްޕާ. މީގެ ކުރިން ވެސް ރައާބިލް މިނިވަން ކުރަން އަޅުގަނޑަށް ފުރުސަތު ލިބުނު. އޭނަގެ އެތަކެއް އާދޭސްތަކަކަށްފަހު، ވެސް ނުކުރި ކަމެއް މިއަދު އަޅުގަނޑު ކުރަންވީ ކީއްވެ؟ އަލުން އަނިޔާވެރިކަމުގެ ތެރެއަށް ނަފްސު ހުށައަޅަންވީ ކީއްވެ؟" އިންޖާބުގެ ހިމޭންކަމުގެ ފައިދާ ނެގުމަށްފަހު، ނަމީރު އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ބައްޕައަށް ޔަޤީންކަން ދޭން އޭނަ ބޭނުންވިއެވެ. "ނަމީރު...ކޮބާ ރައާބިލް؟." އިންޖާބު ފުންނޭވާއެއްލަމުން އަހައިލިއެވެ. އޭނަގެ ދެބުމަ އޭރުވެސް ހުރީ ގޮށް ޖެހިފައެވެ. ދެލޯ ހުރީ ދިއްލިފައެވެ. "ބައްޕާ... އަޅުގަނޑަށް... އަޅުގަނޑަށް ހީވަނީ އެމީހުން ދުނިޔޭގައި ނެތީހެން. އެގެ... އެގެ ހުރީ ފަޅަށް." ނަމީރު ބުންޏެވެ. ހަޤީޤަތް ހާމަކުރަން ނަމީރު ބޭނުމެއް ނޫނެވެ. އެހިތްވަރެއް ވެސް އޭނަގެ ނެތެވެ. ރައާބިލްއާއި ނާވި އެ އުޅެނީ އެއްކޮށެވެ. ވީއިރު ރައާބިލް ހުރިތަން ބުނާނީ ކިހިނެއް ހެއްޔެވެ؟ ބައްޕަގެ ރުޅިގަނޑު އެވަނީ ފަޅައިގެން ގޮސްފައެވެ. "ރައާބިލް އެމީހުން ގޮވައިގެން ފިލީކަމަށް ވާނީ. އޭނަ ހީކުރަނީ ކީކޭކަމަށްތަ؟ އެހާ އަވަހަށް ސަމާމަތް ވެވޭނެކަމަށްތަ؟" އިންޖާބު ހަޅޭއްލަވައިގަތެވެ. އެއާއެކު ޖެހިލި ބާރު ވައިރޯޅިޔާއެކު، އެހިސާބުގެ ގަސްތައްވެސް ނަށައިގަތެވެ. ކޮންމެވެސް ވަރަކަށް ހިކި ފަތްތައް ވެސް އުދުހިގެން ދިޔަ މަންޒަރު ފެނުނެވެ. "ނޫން ބައްޕާ. އެގެ ހުރީ ފަޅަށް. މީހަކު ނޫޅޭ..." ނަމީރު ޔަޤީންކަން ދޭން ބޭނުންވިއެވެ. އިންޖާބަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ނަމީރު ފޮނުވި ޖިންނިތައް އަތުވެއްޖެއެވެ. އިންޖާބު ފެނުމާއެކު، އެމީހުން އިޚްތިރާމް އަދާކުރިއެވެ. ތަފްސީލް ބޭނުންވާ ފަދައަކުން އިންޖާބު ބަލައިލުނާއެކު އިސްކޮށް ހުރި ބިންގަރާހުގެ ޖިންނިއަކު، ކުރިއަށް ޖެހިލިއެވެ. އޭނަ ޔަޤީންކޮށްދިނީ ނަމީރު ބުނި ވާހަކަތަކެވެ. އެގެ ހުރީ ފަޅަށެވެ. ގޯތިތެރެ ވެސް ވަނީ ފަޅުވެ ގަސްފަޅާފައެވެ. ގޭގެ ފުރާޅުވެސް ވަނީ ވަޔާ އެއްލާލާފައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ވީރާނާކަމެވެ. "އަދި އޭނަ މިރަށަށް ނާންނަކަމުގައި ވެސް ވެދާނެ. ކަލޭމެންގެ ތެރެއިން ކޮންމެވެސް އެއްބަޔަކު މިރަށުގައި މަޑުކުރޭ. އޭނައަށް ފާރަވެރިވޭ...އަދި އޭނާ ފެނިއްޖެނަމަ ވަގުތުން ހައްޔަރުކޮށްގެން އަހަންނާ ހިސާބަށް ގެނޭ... " އިންޖާބު އަމުރު ކުރިއެވެ. އެމީހުން ކިޔަމަންތެރިކަމާއެކު ބޯ ޖަހައިލިއެވެ. މިވަގުތު އިންޖާބު އެންމެ އިސްކަމެއް ދެނީ ރައާބިލް އަތުލައިގަތުމަށްކަން އެމީހުން އެންމެންނަށްވެސް އެނގުނެވެ. އެއަށްފަހު ކަންތައްވާނެ ގޮތަކާ މެދު އެމީހުން ތިބީ ހާސްވެފައެވެ. އިންޖާބު ނަމީރަށް ބަލައިލުމާއެކު ނަމީރު އަވަސްވެގަތީ އިންޖާބާއެކު ދިޔުމަށެވެ. ***** ރައާބިލް އިނީ ސަމްރާގެ އަތުގައި ހިފައްޓާލައިގެންނެވެ. ސަމްރާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ރައާބިލްއަށް ބަލަހައްޓައިގެން އޮތް ސަމްރާގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ދެންމެ އިވުނު ވާހަކަތަކުން އޭނަގެ އެތެރެ ހަށީގައި ވަނީ ވަރުގަދަ ތޫފާނެއް އުފެދިފައެވެ. ރައާބިލް އޭނަގެ ގާތުގައި އިންނަމަވެސް ރަނީމްއަށް ކަމެއް ވެދާނެތީ ހިތުގައިވި ނުތަނަވަސްކަމަށް ބަދަލެއް ނާދެއެވެ. "ނޫން... ނޫން... އަހަރެންގެ... ރަނީމް..." ނާވީއަކީ ނަމީރުގެ ދަރިކަން އެނގުމާއެކު، ސަމްރާގެ ދުލުން ހަމައެކަނި ބޭރުކުރެވެމުން ދިޔަބަސްތަކަކީ އެއީއެވެ. "ހަމަޖެހޭ ސަމްރާ. ރަނީމްއަކަށް އިރާދުކުރެއްވިއްޔާ އެއްވެސް ގޮތެއް ނުވާނެ. އަހަރެން މިހުރީނު. އަހަރެން ރަނީމް ރައްކާތެރިކޮށްދޭނަން." ރައާބިލް ބުނެލިއެވެ. "ނޫން...." ސަމްރާއަށް ރޮވެނީއެވެ. "ނަމީރު... އެމީހުން..." ސަމްރާގެ ދެލޯ ބޮޑުވެ ނޭވާ ފުންވާން ފެށިއެވެ. ރައާބިލް އޭނަ ހަމައަކަށް އެޅުވުމުގެ ގޮތުން ވާހަކަ ދެއްކިއެވެ. "އަހަންނަށް އިތުބާރުކުރޭ. ނާވީ އަކީ ނަމީރުގެ ދަރިއަކަށް ވިޔަސް އޭނައަކީ ނަމީރު ފަދަ އަނިޔާވެރިއެއް ނޫން. އޭނަ ރަނީމްދެކެ ވާ ލޯބި އަހަންނަށް ފެނޭ. ދުވަހަކުވެސް އޭނަ ރަނީމްއަކަށް ބާރެއް ނުފޯރުވާ. ނާވީއަކީ ރަނގަޅު ޒުވާނެއް. އޭނަ އަހަންނަށް އެހީނުވި ނަމަ ދުވަހަކުވެސް ސަމްރާ އާއި ދަރިފުޅު ފެނުމުގެ ނަސީބެއް ނުލިބުނީސް." ރައާބިލް ސަމްރާއަށް ވިސްނައިދޭން، މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މާޒީގެ ހިތިކަން ހަނދާންވުމާއެކު، ސަމްރާގެ ހިތުގައި އުފެދެނީ ގިލަންވެރިކަމެކެވެ. އެކަމުގެ ސަބަބުން، އޭނައަށް ހަމަޖެހުން ވީ އުނދަގޫ ކަމަކަށެވެ. އޭނަގެ ހަށިގަނޑުގައިވި ތުރުތުރު އެޅުމަކަށް ބަދަލެއް ނައެވެ. ހީވަނީ އަނެއްކާވެސް އެ އަނިޔާވެރިން އައިސް ދަރިފުޅަށް ގެއްލުން ދީފާނެހެންނެވެ. އޭނަގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން އިތުރުވަމުން ދިޔަނަމަވެސް، ތެދުވަން ވެގެން ހަށިގަނޑަށް ބާރުލެވޭތޯ ސަމްރާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ހަރަކާތްކުރެވެނީ ހަމައެކަނި އެންމެ އަތެކެވެ. އެންމެފަހުން ރައާބިލްއަށް ޖެހުނީ ބާރުގެ ބޭނުން ކޮށްގެން ސަމްރާހަމައަކަށް އަޅުވާށެވެ. ސަމްރާއަށް ވަމުން ދިޔަ ގޮތުން ޚުދު އޭނަގެ ހިތަށްވެސް ދިޔައީ އަސަރުކުރަމުންނެވެ. އެންމެފަހުން ރައާބިލް ރަނީމްއެކޭ އެއްގޮތަށް ސަމްރާވެސް ނިންދަވައިލީއެވެ. އެއަށްފަހު އޭނަ ނާވީއަށް ބަލައިލިއެވެ. ނާވީ ހުރީ މާޔޫސްވެފައެވެ. "ކަންބޮޑުނުވޭ. ސަމްރާ ހޭލާއިރު އޭނަ ހުންނާނީ ހަމައަކަށް އެޅިފަ." ރައާބިލް މަޑުމަޑުން ބުނެލިއެވެ. ނާވީ ބޯ ޖަހައިލިއެވެ. އަދި ރަނީމްއަށްއަށް ބަލައިލިއެވެ. ނާވީގެ އެ ނަޒަރުން އެކަނިވެސް އޭނަ ރަނީމް ދެކެވާ ލޯބި ރައާބިލްއަށް އަންދާޒާކޮށްލެވުނެވެ. އޭނަގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ރައާބިލްވެސް އޭނަގެ ދަރިފުޅަށް ބަލައިލިއެވެ. ސަމްރާއަށް ހޭލެވުނުއިރު ބޮލުގައި ބަރުކަމެއް ހުއްޓެވެ. ފެނުނު ހުވަފެނާމެދު އޭނައަށް ވިސްނައިލެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ހަޤީޤަތާ ކުރިމަތިލާން މަޖުބޫރުވީ ރައާބިލް ފެނުމުންނެވެ. އެއީ އޭނައަށް ފެންނަ ހުވަފަނެއް ނޫންކަން ސަމްރާއަށް ޔަޤީންވުމާއެކު، ދެލޮލުން ކަރުނަ ނީރައިލިއެވެ. އެހެންނަމަވެސް، މިހާރު އޭނަ ހުރީ ހަމަޖެހިފައެވެ. ނާވީ ފެނުމުން ހިނިތުންވުން ފަނޑުވި ނަމަވެސް، ކުރިން ވީ ފަދަ ގޮތްތަކެއް ސަމްރާއަކަށް ނުވެއެވެ. ރައާބިލް އޭނާ ދިޔުމުގެ ހުއްދައަށް ސަމްރާގެ ކައިރިން އެދުނެވެ. ސަމްރާ ދެފަރާތަށް ބޯ ހޫރައިލިއެވެ. "ސަމްރާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އަހަރެން ސަމްރާގެ ގާތަށް އަންނާނަމޭ. އެކަމަކު އަދި އަހަންނަށް މިތަނުގައި އަބަދަކު ނުހުރެވޭނެއެއްނު." ރައާބިލް ބަލައިލީ ރަނީމްއަށެވެ. އޭރުވެސް ރަނީމް އޮތީ ފުންކޮށް ނިދާލާފައެވެ. "ރަނީމްއަށް އެއްވެސް ކަމެއް އަދި ކިޔައި ނުދެއްޗޭ." ރައާބިލްގެ އެދުމަށް ސަމްރާ ބޯ ޖަހައިލިއެވެ. އޭނަ އެހެން ބުނާނީ ސަބަބެއް އޮވެގެންކަން ސަމްރާއަށް އެނގުނެވެ. މާ ގިނަ ސުވާލުތަކެއް ނުކުރި ސަބަބަކީވެސް އެއީއެވެ. ނާވީއާ ރައާބިލްއާ އެތަނުން ނުކުތުމާއެކު، ރަނީމްގެ ކައިރީ ވައިގެތެރޭގައި ހަރަކާތްތެރިވަމުން ދިޔަ އަލިކޮޅުތައް ގެއްލިއްޖެއެވެ. އެއާއެކު މޯޅިއަކަށް ދެމިލަމުން ރަނީމްއަށް ލޯ ހުޅުވައިލެވުނެވެ. އޭނާ ފޯނު ނަގާ ގަޑި ބަލައިލުމާއެކު، ފުންމައިގެން ތެދުވެއްޖެއެވެ. އޭރު މެންދުރު ނަމާދަށް ގޮވަން ކައިރިވެއްޖެއެވެ. އޭނައަށް އެހާވަރަށް ނިދުމުން ޚުދު ރަނީމްވެސް ހައިރާންވިއެވެ. މަންމަވެސް އޮންނާނީ ނުކައިކަން ހަނދާންވުމާއެކު، ފުންމައިގެން ތެދުވެވުނެވެ. ސަމްރާއަށް ބަލައިލުމަށްފަހު، ކަންބޮޑުވުމާއެކު ރަނީމް ވާހަކަ ދެއްކިއެވެ. "މަންމާ... އައެމް ސޯ ސޮރީ... ނޭނގެ ކިހިނެއްކަމެއް ނިދުނީ... މޫނުދޮވެލައިގެން މިހާރު މިދަނީ ކާއެއްޗެއް ތައްޔާރުކޮށްލަން... ބޭސް ވެސް ކާން ޖެހޭނެއެއްނު. މަންމަވެސް ގޮވައިލި ނަމަ..." ރަނީމް ތެދުވެގެން ހިނގައިގަތީ ފާޚާނާއަށެވެ. އޭނަ ވިސްނައިލިއެވެ. އެއްފަހަރަކު ކުޑަކޮށް ހޭލެވުނުވެސް މެއެވެ. އެހެންނަމަވެސް އެކީ ހަމަހޭވެރިކަން ނުވަނީސް އޭނައަށް އަނެއްކާ ނިދުނީއެވެ. ފާޚާނާއިން ނުކުތްތަނާ ފޯނު ރިންގްވެއްޖެއެވެ. ގުޅީ އެންމެ އެކުވެރި ހައިފާއެވެ. ސަމްރާގެ ކައިރީގައި އެބަ އަންނަމޭ ބުނެފައި ރަނީމް ދިޔައީ ބަދިގެ ފަރާތަށެވެ. އޭނަ މަސައްކަތް ފަށަމުން ހައިފާއާ ވާހަކަ ދައްކަން ފެށިއެވެ. "ކީކޭ ހައި؟" ރަނީމް ބުނެލިއެވެ. "ބޮސް އައިސް މިއަދުވެސް ރަނީމް ހޯދި. އަހަރެން ބުނިން ރަނީމް މަންމަ ބަލިވެ އުޅޭތީ، ތަންކޮޅެއް ގިނަ ދުވަހަށް ޗުއްޓީއެއް ނަގައިގެންނޭ އުޅެނީ." ހައިފާ ބުނެލިއެވެ. "ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން އެ އުޅެނީ. އަހަރެންގެ އެއްވެސް ޝައުޤެއް ނެތޭ ބުނީމަވެސް، ޕިސް ޕިސް..." ރަނީމް ވާހަކަ ދެއްކިއެވެ. "މިހާރު ވަރަށް ފާޅުގަ އޭނަ އުޅެނީވެސް. އެނގޭތަ؟ އަހަރެން ގާތު ބުނީ އޭނަ ރަނީމް ގާތުން ފުރުސަތަކަށް އެހީމަ ބަހަނާ ދައްކަނީކަމަށްވެސް ވެދާނެޔޯ.." ހައިފާ ބުނެލިއެވެ. "އޭނައަށް ހަމަ ރަނގަޅަށް އެނގޭނެ މަންމަ ބަލިވެ އުޅޭކަން." ރަނީމް ދެފަރާތަށް ބޯ ހޫރައިލިއެވެ. "ނޭނގޭތީތަ އެ؟ ހަމަ އެއްޗެއް ކިޔަންވެގެން." ހައިފާ ބުނެލިއެވެ. "ދެން ތިޔެއް ނޫނޭ... " ކޮން އިރަކުންތަ އޮފީހަށް ނުކުންނާނީ؟ ރަނީމް ނާންނާތީ ވަރަށް ވަޔޭ..." ހައިފާ ޝަކުވާކޮށްލިއެވެ. "ވަރަށް އަވަހަށް ނުކުންނާނަމޭ. މަންމަވެސް މިހާރު ވަރަށް ބޮޑަށް އޯކޭ. އެކަމަކު ތި ޝާރިފްއަކާ ހުރެ ބޮލަށް އުނދަގޫވޭ." ރަނީމް ބުންޏެވެ. ހައިފާ ފޯނު ބޭއްވުމުން ރަނީމް، އަވަސްވެގަތީ މަސައްކަތް އަވަހަށް ނިންމުމަށެވެ. ***** އިޝާނަމާދު ފަހެވެ. ރަނީމް ނާވީއާ ބައްދަލުކުރަން ރުއްފަލަށް ދާން މަޑުކޮށްގެން ހުރީ ސަމްރާ ނިދަންދެނެވެ. ރައާބިލް އައިކަން އެނގުމުން ސަމްރާވެސް ނިދާކަމަށް ހެދުނީއެވެ. ރަނީމްވެސް ނާވީއާ ބައްދަލުކުރަން ރުއްފަލަށް ދިޔައެވެ. ގޮނޑުދޮށުގައި ހުރި ނާވީ ފެނުމުން ރަނީމް، ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އޭނާ ގޮސް ނާވީގެ ފަހަތުގައި ހުއްޓުމަށްފަހު، ގޮވައިލިއެވެ. ނާވީ އެނބުރިލިއެވެ. ރަނީމް ފެނުމުން ހިނިތުންވެލިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި، ނަޒަރު ދަތުރުކޮށްލީ ރަނީމްގެ ފަހަތުން ހުރަސްކޮށްލި ދަނބުކުލައިގެ އަލިގުޅައަށެވެ. އެވަގުތު ޖެހިލި ރޯޅިއާއެކު، ނާވީގެ ދެލޯ ބޮޑުވެގެން ދިޔަތަން ރަނީމްއަށް ރީއްޗަށް ފެނުނެވެ. އޭނަ ފަހަތް ބަލައިލި ނަމަވެސް އިތުރު ކަމެއް ރަނީމްއަކަށް ފާހަގައެއް ނުކުރެވުނެވެ. "ނާވީ... ކިހިނެއްވީ؟" ރަނީމްއަށް ސުވާލުކޮށްލެވުނެވެ. ނާވީ ހަމައެކަނި ދެފަރާތަށް ބޯ ހޫރައިލިއެވެ. "ނާވީ... " ދެފަނަ ފަހަރަށް ޖެހިލި ރޯޅިއާއެކު ރަނީމް ޖެހިލުންވިއެވެ. ކޮންމެވެސް ގޯހެއް އުޅޭކަމުގައި ހަވަނަ ހިއްސު ބުނެދޭން ފެށުމުން ނާވީގެ ހިމާޔަތަށް އެދެވުނެވެ. އޭނައަށް ނާވީއާ ގާތަށް ޖެހިލެވުނެވެ. "ހިނގާ މިތަނުން ދާން." ޖެހިލުންވެ ހުރެ ރަނީމް ބުނެލިއެވެ. "މަންމަ..." ރަނީމްގެ ފުރަގަހުން ދާދިގާތުގައި ހުރި ޝައިސްތާ އަށް ބަލައިލަމުން ނާވީއަށް ބުނެވުނެވެ. "މަންމައޭ..." ރަނީމްއަށް ވެސް ފަހަށް ބަލައިލެވުނެވެ. އެއާއެކު ދިގު ހެދުމެއްގައި ހުރި އަންހެން މީހާ ލޮލުގައި އަޅައިގަތެވެ. އެމީހާގެ ބޮލާ ދިމާލުން ވައްޓާލާފައިވާ ލޭސްފޮތިގަނޑު ބިންމަތީގައި ދެމެއެވެ. ކަރާ އަތުގައި ހުރީ ގަހަނާ އަޅާލާފައެވެ. ހެދުން އެޅުން ބޮޑަށް ވައްތަރީ ޝާހީ އާއިލާތަކުގައި ހެދުން އަޅާ އުޅޭ ގޮތަކާއެވެ. ރަނީމްއަށް ވެސް ސާފުކޮށް އެމީހާގެ މޫނު ފެނުނެވެ. އޭނަ ހުރީ ބާރަކަށް ނާވީގެ އަތުގައި ހިފައްޓާލައިގެންނެވެ. އޭނައާ އެ އަންހެން މީހާގެ ދެލޮލާ ހަތަރު ކަޅި ހަމަވި ވަގުތު، އެ ލޮލުން ދަނބުކުލައިގެ ވިދުވަރެއް ރަނީމްއަށް ފާހަގަވިއެވެ. '"ނާވީ..." އޭނައަށް ގޮވައިލެވުނީ ނާވީއަށެވެ. "މަންމާ... ކީއްކުރަނީތޯ މިތަނުގަ؟" ނާވީގެ އަޑުން ހާސްކަން ފާޅުވެއެވެ. އޭނައަށް ވަށައިގެން ބަލައިލެވުނެވެ. އިތުރު މީހަކު ހުރިތޯއެވެ. "އެކަނި މިއައީ..." ޝައިސްތާ ބުނެލިއެވެ. ކުޑަ ހިނދުކޮޅަކަށް ނާވީއަށް ނަޒަރު ހުއްޓުނު ނަމަވެސް، ޝައިސްތާގެ ނަޒަރު އަނެއްކާވެސް އަމާޒުވީ ރަނީމްއަށެވެ. ރައާބިލް ފިލުމަށްފަހު މިއަދު ގަނޑުވަރަށް ހީވީ ޒަލްޒަލާއެއް އައިސްގެން އުޅުނުހެންނެވެ. އިންޖާބުހުރީ އެހާވެސް ރުޅި އައިސްފައެވެ. ޝައިސްތާއަށް އެއީ ނާވީ ކުރިކަމެއްކަން އެނގުނީ ހަވީރުގެ ވަގުތުގައި ބަތީލާއާ ނަމީރު ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވުނު ހިސާބުންނެވެ. އެއަށްފަހު އޭނާ ނިންމައިގެން ހުރީ ނާވީއަށް ފާރަލުމަށެވެ. އޭނައަށް އެތަނަށް އާދެވުނު ގޮތަކީ އެއީއެވެ. ނާވީ ގެއިން ނުކުތުމުން އޭނަ ފާރަލައިގެން އެހިސާބަށް އައީއެވެ. ނާވީ އެ ލޯބިވާ އަންހެން ކުއްޖާ ދުށުމަށް އޭނާ ބޭނުންވީއެވެ. ވަކީން ޚާއްސަކޮށް އެއީ ރައާބިލްގެ ދަރިފުޅު ކަމުގައިވާތީއެވެ. ޝައިސްތާ ފަރުވާތެރިކަމާއެކު ރަނީމްގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލިއެވެ. ރަނީމްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ