ދައުލަތުގެ މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު ހެޔޮ ކުރި ނަމަވެސް އަންނަ އަހަރު ވެސް ސަރުކާރުން އެ ކުންފުންޏަށް ބޮޑު ސަބްސިޑީއެއް ދޭން ނިންމައިފި އެވެ.
ސަރުކާރުން އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ހިފެހެއްޓުމަށްޓަކައި މިފްކޯއަށް 280 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ. އެއީ މި އަހަރު މިފްކޯއަށް ދިން ސަބްސިޑީއާ އަޅާބަލާއިރު 61.8 މިލިއަން ރުފިޔާ [18 ޕަސެންޓު] މަދު އަދަދެކެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު މަސް މިފްކޯއަށް މަސް ކިލޯއެއް ގަތީ 22 ރުފިޔާއަށެވެ. އެކަމަކު ޖޫން، 2024، ގައި ސަރުކާރުން ވަނީ ގަނޑުކުރި މަސް ކިލޯއެއް ގަންނަ އަގު 16 ރުފިޔާއަށް ތިރިކޮށްފަ އެވެ.
އެހެންކަމުން، މަސް ގަންނަ އަގު 27 ޕަސެންޓު ކުޑަވި ނަމަވެސް މިފްކޯއަށް ސަރުކާރުން ދޭ ސަބްސިޑީ ކުޑަވީ އެންމެ 18 ޕަސެންޓެވެ. މިފްކޯއަށް ދޭ 280 މިލިއަން ރުފިޔާގެ ސަބްސިޑީއަކީ މުޅި ސަބްސިޑީ ބަޖެޓުގެ 9.6 ޕަސެންޓެވެ. ހުރިހާ ސަބްސިޑީއަކަށް ސަރުކާރުން 2.8 ބިލިއަން ރުފިޔާ ހަރަދު ކުރަން ބަޖެޓުކޮށްފައި އެބަ އޮތެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، މަހުގެ އަގު ކުޑަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދުނިޔޭގެ ބާޒާރުގައި ހުންނަ އަގަށް މަސް ގަތުމާއި މިފްކޯއަށް ސަރުކާރުން ދޭ ސަބްސިޑީ ކުޑަ ކުރުން ކަމަށެވެ.
"މަހުގެ އަގު އެއީ ދުނިޔޭގެ ބާޒާރާ ގުޅިގެން ކަނޑައެޅޭ އަގަކަށް ވާންޖެހޭ. އެހެންނޫނިއްޔާމު ދެމެހެއްޓެނިވި ގޮތަކަށް ދިވެހިރާއްޖޭގައި މަސްވެރި ސިނާއަތެއް ނޯންނާނެ. މަހުގެ އަގަށް އޭރު އަޅުގަނޑުމެން ބަދަލު ނުގެނައި ނަމަހީ ދިވެހިރާއްޖޭގައި މި ސިނާއަތެއް މިއަދު ނޯންނާނެ،" އޮކްޓޯބަރު، 2024، ގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވި އެވެ.
"[ދުނިޔޭގެ ބާޒާރުގައި ހުންނަ އަގަށް މަހުގެ އަގު ތިރިނުކޮށްފި ނަމަ] މިފްކޯ ކިޔާ ކުންފުންޏެއް ދިވެހި ރައްޔިތުންގެ ހުރިހާ ފައިސާއެއް، ދިވެހި ރައްޔިތުންގެ ހުރިހާ ޓެކްސް ފައިސާއެއް، މިފްކޯ ހިންގަން ހޭދަކޮށްގެން އަޅުގަނޑުމެން ތިބެންޖެހޭނީ އިތުރު އެއްވެސް ކަމެއް މަސްވެރި ސިނާއަތަށް ނުކޮށް.
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި މިފްކޯއަށް 280 މިލިއަން ދޭން ނިންމިއިރު، ބަޖެޓުގައިވާ ގޮތުން އޭގެ ކުރިއަށް އޮތް ދެ އަހަރު ވެސް މިފްކޯއަށް ފައިސާ ދޭނީ ހަމަ އެ އަދަދަށެވެ. އެކަމަކު މަހުގެ އަގު އަނެއްކާ ވެސް 20 ރުފިޔާއަށް ވުރެ ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މަހުގެ އަގު ބޮޑުކޮށްފި ނަމަ މިފްކޯއަށް ސަރުކާރުން ދޭ ސަބްސިޑީ ވެސް އިތުރު ކުރަންޖެހޭނެ އެވެ.
މަހުގެ އަގު ބޮޑު ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު މ. ދިއްގަރުގައި ސެޕްޓެމްބަރު 22، ގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މަހުގެ އަގު 20 ރުފިޔާއަށް ވުރެ ކުޑަނުވެ، ސްޓޭބަލް އަގުތަކެއްގައި އަބަދު ހުންނާނެ ގޮތެއް ހަދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ހަމަ އެގޮތަށް، މި 20 ރުފިޔާގެ ކަންތައް ވެސް މިދަނީ ތަރުތީބު ކުރަމުން. އިރާދަކުރެއްވިއްޔާ އެކަން ވެސް ހަމަޖެހިގެންދާނެ. ހަމަޖައްސަން މި މަސައްކަތް ކުރަނީ، މެދުނުކެނޑި ދެން ދާނެ ގޮތަކަށް،" މުއިއްޒު ވިދާޅުވި އެވެ.
މަހުގެ އަގު ބޮޑު ކުރައްވަން ރައީސް މަސައްކަތް ކުރައްވާއިރު، އެމަނިކުފާނުގެ ވެރިކަމެއްގައި މަހުގެ އަގު 20 ރުފިޔާއަށްވުރެ ކުޑަ ނުކުރައްވާނެ ކަމަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި އެމަނިކުފާނު ވިދާޅުވި އެވެ. އެއީ މަސްވެރިކަމުގެ ދާއިރާއަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދެވެ.
އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނ،ީ އަޅުގަނޑުމެން ގަސްތުކުރާ ގޮތަކ،ީ ރާއްޖޭގައި މަސް ގަންނ،ަ ރޯމަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހެދުން. އެއީ އަޅުގަނޑުމެން ގަސްދުކުރާ ގޮތް ކަން އަޅުގަނޑު އިއުލާންކުރަން،" އޯގަސްޓު 19، 2023، ގައި މ. ދިއްގަރުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވެ އެވެ.
އަގުހެޔޮކޮށް މަސް ގަތް ނަމަވެސް މިފްކޯއަށް ސަރުކާރުން އަދިވެސް ބޮޑު ސަބްސިޑީއެއް އަގުހެޔޮކޮށް މަސް ގަތް ނަމަވެސް މިފްކޯއަށް ސަރުކާރުން އަދިވެސް ބޮޑު ސަބްސިޑީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ