ނޫސްވެރިކަމުގެ ތައުލީމީ ޕްރޮގްރާމްތަކުގައި ނޫސްވެރިން ބައިވެރިވާންޖެހޭ: މިނިސްޓަރު އަސްވާޑް

ނޫސްވެރިކަމާއި ގުޅުންހުރި ޕްރޮގްރާމުތަކާއި ކޯސްތަކުގައި ނޫސްވެރިން ބައިވެރިވުމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާރޓްސް އިބްރާހިމް ވަހީދު އެދިވަޑައިގެންފިއެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއާއި ޔޫތު މިނިސްޓްރީ އާ ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ އެކިއެކި އިންސްޓިޓިއުޝަންތަކުން ހިންގާ ތައުލީމީ ޕްރޮގްރާމުތަކުން ދަސްވާ އެއްޗަކާއި، މަސައްކަތުގެ ތަޖުރިބާގައި ދަސްވާ އެއްޗަކާއި ވަރަށް ތަފާތުވާނެ ކަމަށެވެ.
ރާއްޖޭގެ ގާތްގަނޑަކަށް 90 އިންސައްތަ ނޫސްވެރިންނަކީ ސްކޫލް ނިންމާ ގޮތަށް މި ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން ނޫސްވެރިކަމަށް ވަދެ، އެ ކަމުގެ ތެރެއިން ދަސްވާ އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ ކުދިންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފަދައިން ދަސްވާ އެއްޗަކާއި، ތައުލީމް ލިބިގަތުމަށްފަހު އެއިން އެނގޭ އެއްޗަކުން ކުރެވޭ މަސައްކަތް ތަފާތުވާނޭކަމަށެވެ. ނަމަވެސް ތަޖުރިބާތަކާއެކު ނޫސްވެރިކަން ކުރުމަކީވެސް ގޯސްގޮތެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ނޫސްވެރިންނަށް އެއްޗެއް ދަންނަވާނަމަ ދަންނަވާނީ މި ޕޮރޮގުރާމުތަކުގައި ބައިވެރިވާށޭ، ތިބޭފުޅުންނަށް ދަސްވާ އެއްޗެހި ތަފާތު ވާނެ، ތިބޭފުޅުންނަށް އެނގޭ މިންވަރު ތަފާތު ވާނެ، ތިބޭފުޅުން ކޯސް ނިންމާފައި ދެން ޖެހިގެން އަންނަ ދުވަހު ޕްރެކްޓިސް ކުރާ އެއްޗާއި ލިޔާ އެއްޗާއި ހަމަ ތަފާތުވާނެ.
މިނިސްޓަރު އިބްރާހިމް ވަހީދު
މިނިސްޓަރ ވިދާޅުވީ އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްއާއި އެކު އެއްބަސްވެވުނު ކަންތައްތަކުގެ ތެރެއިން ފަސް ޕްރޮގްރާމެއް ކުރިއަށް ގެންދާނޭކަމަށެވެ. މީގެ ތެރޭގައި މާސްޓާސް ޕްރޮގްރާމެއް ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ އާއިޝަތު ޝެހެނާޒު އާދަމްއާ ހަވާލާދެއްވާ، މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ނޫސްވެރިކަމުގެ މާސްޓަސް ޕްރޮގްރާމެއް ފެށުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.
މިނިސްޓަރ ވަނީ މީޑިއާގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުން ކުރު ކޯސްތަކާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ އިތުރުން ޑިގްރީ، މާސްޓާސް އަދި ފައުންޑޭޝަން ކޯސްތަކުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ސަރުކާރުގެ ފަރާތުން ކޯސް ފީއަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ވެސް ހިމެނޭ ގޮތަށް، މިކަމުގައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެމްއެންޔޫގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގާ ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާރޓްސް އިބްރާހިމް ވަހީދުއެވެ. އަދި ނެޝަނަލް ޔުނިވަރސިޓީގެ ފަރާތުން މި ފަހުނާމާގާ ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ އާއިޝަތު ޝެހެނާޒު އާދަމްއެވެ.
މި ޕްރޮގްރާމްތަކުގެ ސަބަބުން މީޑިއާގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނޭކަމަށް މިނިސްޓްރީން ބުނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ