ވަގު ސިނގިރޭޓާއެކު އިމްޕޯޓް ޑިއުޓީ ވަރަށް ބޮޑަށް ދަށަށް, އަންނަ އަހަރަށް ލަފާ ކުރާ އަދަދު 32 ޕަސެންޓް ދަށްކޮށްފި

މި އަހަރު ސިނގިރޭޓު އެތެރެކުރި އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔައިރު، އިމްޕޯޓް ޑިއުޓީއަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދުން މިހާތަނަށް ލިބުނީ 61 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީން ތަފާސްހިސާބުން ދައްކައިފިއެވެ. ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފުސީލާއެކު މިއަދު ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މި އަހަރު އިމްޕޯޓް ޑިއުޓީން 4.58 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް މިދިޔަ މަހުގެ 27އާ ހަމައަށް ލިބިފައިވަނީ 2.79 ބިލިއަން ރުފިޔާއެވެ. އަހަރު ނިމެން ބާކީ އެއް މަސް ދުވަސް އޮތްއިރު، އިމްޕޯޓް ޑިއުޓީގެ އަންދާޒާއާ އެއްވަރު ކުރަން 1.78 ބިލިއަން ރުފިޔާ ބޭނުންވެއެވެ. އަދި މިހާތަނަށް ލިބިފައިވާ އަދަދަކީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 12.8 ޕަސެންޓްގެ ދަށްވުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 3.20 ބިލިއަން ރުފިޔާ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވެއެވެ. އިމްޕޯޓް ޑިއުޓީ ދަށްވި މައިގަނޑު އެއް ސަބަބަކީ، މި ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމުން، ސައްހަ ގޮތުގައި ސިނގިރޭޓު އެތެރެކުރާ މިންވަރު މަދުވުން ކަމަށް އިދިކޮޅުންނާއި ސަރުކާރުގެ ބައެއް ބޭފުޅުން ވެސް ވިދާޅުވެއެވެ. އެގޮތުން ގިނަ ބަޔަކު، ވަގަށް ސިނގިރޭޓު އެތެރެކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުތައް ވެސް ވަނީ އިތުރުވެފައެވެ. މީހަކު ސިނގިރޭޓެއް ބޮނީ: އަގު ބޮޑުކުރި ދުވަސްކޮޅު، ސިނގިރޭޓު ވިކޭ މިންވަރު މަދުވި ކަމަށް ވިޔަފާރިވެރިން ބުނި -- ސަން ފޮޓޯ/ ނާއިޝް ނާހިދު މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31ގައެވެ. އެގޮތުން 20 ސިނގިރޭޓް ހިމެނޭ ފޮއްޓަކަށް ޑިއުޓީގެ ގޮތުގައި ނަގަމުން އައި 60 ރުފިޔާ ވަނީ، 160 ރުފިޔާއަށް ބޮޑުކޮށްފައެވެ. އެ ބަދަލާއެކު، ސިނގިރޭޓުގެ އަގުތައް ވަރަށް ބޮޑަށް އުފުލުނެވެ. އެގޮތުން ކުރިން 110 އަށް ލިބުނު ސިނގިރޭޓް ފޮށީގެ އަގު 250އަށް އެރިއެވެ. އޭގެ ފަހުން ސިނގިރޭޓު ވިކޭ މިންވަރު ދަށްވި ކަމަށް ވިޔަފާރިވެރިން ރިޕޯޓުކުރިއެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވިއެވެ. އެގޮތުން މި އަހަރު ތެރޭގައި، ބޮޑެތި އަދަދުތަކުން ސިނގިރޭޓު ވަގަށް އެތެރެކުރުމާއި ވަގަށް ނެގުން ފަދަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. https://sun.mv/213511 ކަސްޓަމްސްގެ ތަފާސްހިސާބުން ވެސް ވަނީ ކުރީ އަހަރުތަކާ އަޅައިބަލާއިރު ސިނގިރޭޓު އެތެރެކުރިން ދަށްވެފައިވާކަން ދައްކައިފައެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހަށް، 167 މިލިއަނަށް ވުރެ ގިނައިން ސިނގިރޭޓު އެތެރެކުރި ކަމަށް ތަފާސްހިސާބުން ދައްކައެވެ. ނަމަވެސް މި އަހަރުގެ ޖަނަވަރީން ޖުލައި މަހަށް އެތެރެކޮށްފައިވަނީ 41 މިލިއަން ސިނގިރޭޓު ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ. އެއީ 126 މިލިއަންގެ ފަރަގެކެވެ. ޑިއުޓީ ބޮޑުކުރިތާ ގާތްގަނޑަކަށް ހަތަރު މަސް ފަހުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ، މި އަހަރުގެ ކުރީކޮޅު ދައުލަތުގެ އާމްދަނީ ދަށްކަން ފާހަގަކުރައްވައި، އެ ތަފާތު ފެންނަނީ ސިނގިރޭޓު އެތެރެކުރުން މަޑުޖެހިފައި އޮތުމުން ކަމަށް ވިދާޅުވެފައެވެ. https://sun.mv/202750 ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ނާޒިމް އެހެން ވިދާޅުވިއިރު، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް އެ ވާހަކައަށް ބާރުދެއްވައިފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ، 2024 ވަނަ އަހަރު ޖަނަވަރީ މަހު ސިނގިރޭޓުން އިމްޕޯޓް ޑިއުޓީއަށް 100 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، މި އަހަރުގެ ޖަނަވަރީ މަހު ލިބުނީ ފަސް މިލިއަން ރުފިޔާ ކަމަށެވެ. އަމީރު ވިދާޅުވީ މިދިޔަ އަހަރު ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީން 1.04 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު އިތުރަށް 1.1 ބިލިއަން ލިބި، އެ އަދަދު ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން ލަފާކުރި ކަމަށެވެ. މި ސަރުކާރުން މި އަހަރު ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތްއިރު، މިހާތަނަށް 35 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ޓެކްސްއިން ލިބުނު 26.1 ބިލިއަން ރުފިޔާ ހިމެނެއެވެ. ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކޭސްތަކެއް ނައްތާލުން: ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރި ފަހުން، ސިނގިރޭޓު ވަގަށް އެތެރެކުރުމާއި ވަގަށް ނެގުމުގެ މައްސަލަތައް ގިނަ އަދަދަކަށް ރިޕޯޓުކޮށްފައިވޭ --- ސަން ފޮޓޯ/ މާނިއު މުހައްމަދު ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ އަންނަ އަހަރަށް، 64 ބިލިއަން ރުފިޔާގެ ރެކޯޑް ބަޖެޓެއް ފާސްކޮށްފައެވެ. އެ ބަޖެޓުގައި ވަނީ އަންނަ އަހަރު އާމްދަނީއާއި ހިލޭ އެހީއަށް 40 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައެވެ. އެ އާމްދަނީގެ ތެރެއިން ޓެކްސްއިން 31.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓު ފޮތުގައި ޖަހައިފައިވެއެވެ. އެއީ މި އަހަރުގެ އަންދާޒާއަށް ވުރެ ދެ ބިލިއަން އިތުރު އަދަދެކެވެ. ނަމަވެސް އިމްޕޯޓް ޑިއުޓީން ލިބޭނެ ކަމަށް ލަފާކުރި އަދަދު ވަނީ 3.13 ބިލިއަނަށް ދަށްކޮށްފައެވެ. އެއީ 32 ޕަސެންޓުގެ ދަށްވުމެކެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، އަންނަ އަހަރު އެކަނި ވެސް 1.1 ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އެއާއެކު، މި އަހަރު ފާސްކުރި ބަޖެޓުގައި އާމްދަނީ ހޯދަން ކަނޑައަޅައިފައިވާ ގޮތްތަކަށް އިދިކޮޅުންނާއި ބައެއް އިދާރާތަކުން ފާޑުކިޔައިފައިވެއެެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވަނީ، މި އަހަރު ވެސް އިމްޕޯޓް ޑިއުޓީ އަންދާޒާކުރި ވަރަށް އިތުރުނުވާ ކަމަށާއި، ޓެކްސް ބޮޑު ކުރި ނަމަވެސް އާމްދަނީ ބަޖެޓު ކުރި މިންވަރަށް ނުލިބޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އަންނަ އަހަރު ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދު އިތުރުވާނެ ކަމަށެވެ. https://sun.mv/214283 މީގެ އިތުުރުން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ވަނީ، 2026ގެ ބަޖެޓުގައި އާމްދަނީ އިތުރުކުރާނެ ގޮތުގެ ސިޔާސަތެއް ކަނޑައަޅާފައި ނެތް ކަމަށާއި، މާލީ ޚަރަދު ކުޑަކުރާނެ ތަފުސީލުވެސް ހިމަނާފައި ނެތް ކަމަށް ބުނެ ފާޑުކިޔައިފައެވެ. އަދި ދައުލަތަށް ލިބެންޖެހި ނަމަވެސް ނުލިބި ހުންނަ ފައިސާ އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށާއި އޭގެ ތެރޭގައި، ކަސްޓަމްސްއަށް ދުންފަތުގެ އިމްޕޯޓް ޑިއުޓީއާއި ޖޫރިމަނާގެ އެކި މައްސަލަތަކުގައި ލިބެން ޖެހޭ 606 މިލިއަން ރުފިޔާ ހިމެނޭ ކަމަށް އެ އޮފީހުން މަޖިލީހުގައި ބުނެފައިވެއެވެ. މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން، ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ