ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޚާއްސަ މުޝީރުކަމަށް، އުތީމު އާދަމްބެ

ސާޅީސް ދެ އަހަރު ދައުލަތަށް ޚިދުމަތްކޮށްދެއްވި، ހއ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އަދި މަޝްހޫރު އަދީބު އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) އަށް ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވުޒާރާގެ ޚާއްސަ މުޝީރުކަމުގެ މަގާމު އިއްޔެ އައްޔަނުކުރައްވައިފިއެވެ.
މި މަގާމު އޭނާއަށް ދެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައެވެ. އާދަމްބެ ވަނީ އިއްޔެއިން ފެށިގެން އެ މަގާމުގެ މަސައްކަތްތައް ފައްޓަވާފައިކަމަށްވެސް މައުލޫމާތު ލިބެއެވެ.
އުތީމު އާދަމްބެއަކީ ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި އޭގެ 12 އަހަރު ފަހުން، 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، މި އަހަރު އޭނާއަށް ވަނީ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ވެސް ލިބިވަޑައިގެންފައެވެ.
އާދަމް އަބްދުއްރަހްމާނަކީ ހއ. އަތޮޅުވެރިކަމާއި، އަތޮޅުތެރޭ ކިޔަވައިދޭ ތަންތަނުގެ ނާޒިރުކަމާއި، އުތީމު ގަނޑުވަރުގެ މުދީރުކަމާއި އަދި މިނޫން ވެސް ގިނަ ދައުލަތުގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ލިޔުންތެރިއެއްގެ އިތުރުން މޮޅު ވާހަކަދެއްކުންތެރިއެއް އަދި މޮޅު އަދީބެކެވެ.
ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ މިނިސްޓްރީގައި މިހާރު ވެސް ޚާއްސަ މުޝީރުންގެ މަގާމުގައި 20،000 ރުފިޔާގެ މުސާރައަކާ އެކު ހަތަރު ބޭފުޅަކު މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އެއީ، އަބްދުﷲ ޞާދިގު (ޞާދުބެ)، ޝާހިދު ޙަލީމް، އައްބާސް އިބްރާހިމާއި، އަބްދުއްރަޝީދު ހުސައިނެވެ. މިނިސްޓްރީގައި މިހާރު ވެސް ގިނަ އަދަދެއްގެ ސިޔާސީ މަގާމުތަކާއި ކޮންޓްރެކްޓް މުވައްޒަފުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ޚާއްސަ މުޝީރެއްގެ ގޮތުގައި އުތީމު އާދަމްބެ އައްޔަންކުރިއިރު، ތަރިކައާއި، ސަގާފަތާއި ބަހާ ބެހޭ ކަންކަން ކުރިއަރުވައި ދިރާސާކުރުމަށް ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ނަމުގައި ވެސް ބޭފުޅުންތަކެއް އެ މިނިސްޓްރީގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ