ޓްވިންކަލްގެ އާ ފޮތެއް މި މަހު ކިޔުންތެރިންނަށް
ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުން އަދި ކުރީގެ ބަތަލާ ޓުވިންކަލް ކަންނާ އާ ފޮތެއް ލިޔެ ބާޒާރަށް ނެރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުނެފިއެވެ. މި މަހުގެ ފަހުކޮޅު ނެރެން ނިންމާފައިވާ މި ފޮތުގެ ނަމަކީ "މިސިޒް ފަނީބޯންސް ރިޓާންސް"އެވެ. ކިޔުންތެރިންނަށް ފޮތުގެ ކަވަރުވެސް ދައްކާލާފައިވާއިރު މިއީ ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޓުވިންކަލްގެ ފަސް ވަނަ ފޮތެވެ. އަލަށް ނެރެން ތައްޔާރުވަމުން އަންނަ ފޮތަކީ 2015 ވަނަ އަހަރު ޓުވިންކަލް ނެރުނު "މިސިޒް ފަނީބޯންސް"ގެ ސީކުއަލްއެއް ކަމަށް ކުރީގެ ބަތަލާ ވަނީ ބުނެފައެވެ. ޓުވިންކަލް އެންމެފަހުން ކިޔުންތެރިންނަށް ގެނެސްދިން ފޮތަކީ 2023ގައި ނެރުނު "ވެލްކަމް ޓު ޕެރެޑައިސް" ފޮތެވެ. ޓުވިންކަލް އަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާކުރުމަށް ޝައުގުވެރިވާ މީހެއް ކަމަށާއި އެ ހުރިހާ ކަމަކާ އެކުވެސް ބަދަލެއް ނައިސް ކުރާ އެއް މަސައްކަތަކީ ލިޔުން ކަމަށް ޓުވިންކަލް ވަނީ ބުނެފައެވެ. ބަތަލާ ޓުވިންކަލް ކަންނާ ފިރިމީހާ އަކްޝޭ ކުމާރުއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް އަކްޝޭ އާއި ކައިވެނި ކުރުމަށްފަހު ފިލްމު އިންޑަސްޓްރީއާ މުޅިން ދުރުވި ޓުވިންކަލް ބުނިގޮތުގައި އޭނާގެ އާ ފޮތަކީ ވަރަށް ގިނަ ކިޔުންތެރިންގެ އެދުމުގެ މަތިން ގެނެސްދޭން ނިންމި ފޮތެއް ކަމަށެވެ. ޓުވިންކަލް އާ ފޮތެއް ނެރޭނެ ކަމަށް ސޯޝަލް މީޑިއާގައި ބުނުމާ އެކު ގިނަ ބަޔަކު ބުނެފައި ވަނީ އެ ފޮތަކީ "މިސިޒް ފަނީބޯންސް"ގެ ސީކުއަލްއަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އާ ފޮތެއް ނެރޭނެކަން އިއުލާނު ކުރިނަމަވެސް އެ ފޮތް ބާޒާރަށް ނެރޭނެ ސީދާ ތާރީޚެއް ޓުވިންކަލް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ