ފިލްމު 'ސައްޔާރާ' ގިނަ ބަޔަކަށް ކަމުގޮސް ފުރަތަމަ ދުވަހު ވެސް ދެ މިލިއަން ޑޮލަރުގެ އާމްދަނީއެއް

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑައިރެކްޓަރު މޯހިތު ސޫރީގެ ފިލްމު "ސައްޔާރާ" ގިނަ ބަޔަކަށް ކަމުގޮސް ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެކަނި ވެސް ދެ މިލިއަން ޑޮލަރުގެ އާމްދަނީއެއް ފިލްމަށް ލިބިއްޖެއެވެ. ވަރަށް ހިތްގައިމު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދި "ސައްޔާރާ"އަކީ ޑައިރެކްޓަރު މޯހިތު ސޫރީ އާއި ޔަޝް ރާޖް ފިލްމްސް(ވައިއާރްއެފް) ގުޅިގެން ގެނެސްދިން ފިލްމެކެވެ. މި ފިލްމުގައި ކުރީގެ މަޝްހޫރު ފިލްމު އެކްޓަރު ޗަންކޭ ޕާންޑޭއަށް ބޮޑު ބޭބެ ކިޔާ އަހާން ޕާންޑޭ ބޮލީވުޑަށް ތައާރަފުކުވެފައި ވެއެވެ. އަލަށް ދާއިރާއަށް ތައާރަފުވި އެކްޓަރެއްގެ ފިލްމެއްގެ ޓިކެޓް އެންމެ ގިނަ އަދަދަކަށް ވިކުނު ފިލްމަށް މި ފިލްމު ވަނީ ވެފައެވެ. ފިލްމު "ސައްޔާރާ"ގެ ލީޑް ތަރިން ކަމަށްވާ އަހާން ޕާންޑޭ އަދި ބަތަލާ އަނީތު ޕައްޑާ އެ ފިލްމުގެ މަންޒަރެއްގައި -- ފޮޓޯ/ ބޮލީވުޑްހަންގާމާ މި ރެކޯޑު މީގެކުރިން ހޯދާފައި ވަނީ 2000ވަނަ އަހަރު ރިލީޒްވި ފިލްމު "ކަހޯނާ ޕިޔާރު ހޭ" އަދި "ރެފިއުޖީ"އެވެ. މި ދެ ފިލްމަކީ އެކްޓަރު ރިތިކް ރޯޝަން، އަމީޝާ ޕަޓޭލް އަދި ބަތަލާ ކަރީނާ ކަޕޫރުގެ އިތުރުން އަބިޝެކް ބައްޗަން އެ އަހަރު ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ދެ ފިލްމެވެ. ފިލްމު "ސައްޔާރާ" ވެފައި ވަނީ ފިލްމު "އާޝިޤީ 2" އަދި "އޭކް ވިލެން"ގެ ކާމިޔާބީއަށްފަހު ޑައިރެކްޓަރު މޯހިތު ސޫރީގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް މިހާތަނަށް ހޯދި ފިލްމަށެވެ. ހަމައެއާއެކު މިއީ ކޮވިޑުގެ ބަލިމަޑުކަމަށްފަހު ރިލީޒްކުރި ފުރަތަމަ ދުވަހު ދެ މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ލޯބީގެ ފިލްމެވެ. މިއީ ހަމައެކަނި އިންޑިއާގައި ފިލްމު ދައްކައިގެން ލިބުނު އާމްދަނީ ކަމަށް ބޮލީވުޑްގެ ރިޕޯޓުތައް ބުނާއިރު ބޭރު ޤައުމުތަކުގައި ފިލްމު އަޅުވައިގެން ލިބޭ އާމްދަނީއާ އެކު މި އަދަދު އިތުރުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަހާން ޕާންޑޭ އަދި ބަތަލާ އަނީތު ޕައްޑާ ލީޑް ރޯލް ކުޅެފައިވާ މި ފިލްމަށް ލިބެމުން އަންނަ ކާމިޔާބީއާ ގުޅިގެން އެ ދެތަރިންނަށާއި މޯހިތު ސޫރީއަށް ގިނަ ބަޔަކު އަންނަނީ ތަހުނިޔާ ކިޔަމުންނެވެ. ފިލްމަށް ގިނަ ބައެއްގެ ސަމާލުކަން ލިބި މި ފިލްމު ކާމިޔާބު ވުމުގެ ސިއްރަކީ "ސައްޔާރާ"ގެ ލީޑް ތަރިން އާއްމުންގެ ތެރެއަށް ނެރުން މަދުކޮށް ފިލްމުގެ ޕްރޮމޯޝަން ޓުއާތަކާ، އިންޓަވިއުތައް އަދި ސޯޝަލް މީޑިއާ ކޮންޓެންޓްތަކާ ވީހާވެސް ދުރުގައި އުޅުމުން ކަމަށް ވައިއާރްއެފްއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ