އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވާތީ ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދުއާ ހަވާލުކުރަނީ
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭ.އެސް.ސީން ނިންމަވައިފި އެވެ.އުއްތަމަ ފަނޑިޔާރު މުއުތަސިމް މާދަމާއިން ފެށިގެން ރިޓަޔާ ކުރައްވަން ހުށަހެޅުއްވުމުން އެ މަނިކުފާނަށް އެ ފުރުސަތު ދެއްވަން ޖޭއެސްސީން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ. އެހެންވެ، މިއަދަކީ މުއުތަސިމް ރަސްމީކޮށް މަސައްކަތަށް ނިކުމެވަޑައިގަންނަވާނެ އެންމެ ފަހު ދުވަހެވެ.އެހެންވެ، މާދަމާއިން ފެށިގެން އުއްތަމަ ފަނޑިޔާރުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރެވެންދެން ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދުއާ ވަގުތީ ގޮތުން ހަވާލުކުރަން ޖޭއެސްސީން ނިންމާފައިވާ ކަމަށް އެނގިފައިވެ އެވެ.މުއުތަޞިމް އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން އަދި ރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން 9 އަހަރާއި 7 މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ހިދުމަތް ކުރައްވާފައިވެ އެވެ.އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވުމާއެކު، އެ މަނިކުފާނު ވެވަޑައިގަންނަވާނީ ރާއްޖޭގައި ޝަރަފްވެރިކަމާ އެކު މަގާމުން ރިޓަޔާ ކުރައްވާ ފުރަތަމަ އުއްތަމަ ފަނޑިޔާރަށެވެ. އެ މަނިކުފާނު 2019 ވަނަ އަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ.ފަނޑިޔާރު ހަމީދު ވަނީ ޑިސެމްބަރު 9، 2007 އިން ފެށިގެން ޖޫން 6، 2022 ވަނަ ދުވަހާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ފުރުއްވާފަ އެވެ. އެކަމަކު ހަމީދަކީ ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގައި މަގާމުން ވަކިކުރައްވާފައިވާ ބޭފުޅެކެވެ.ރައްޔިތުންގެ މަޖިލީހުން އޭރު އެގޮތަށް ނިންމީ ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނަވައި 2015 ވަނަ އަހަރު ސަރުކާރުން ފަނޑިޔާރުންނަށް ފްލެޓްތަކެއް ދޭން ނިންމުމުން އޭގެ ތެރެއިން ފްލެޓަކާ އޭނާ ހަވާލުވި ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ