ދިވެހިންނަށް އޮސްޓްރޭލިއާގެ ވިސާ ހޯދަން އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި

ދިވެހިންނަށް އޮސްޓްރޭލިއާގެ ވިސާ ހޯދަން އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި އެވެ.
އޮސްޓްރޭލިއަން ވިސާ ބިއުރޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ބުނީ އެ ވިސާ އިން އެއްފަހަރަށް ވުރެ ގިނަ ފަހަރު އޮސްޓްރޭލިޔާ އަށް ޒިޔާރަތްކުރެވޭނެ ކަމަށެވެ. އެގޮތުން ތިން މަހާއި ހަ މަސް އަދި އެއް އަހަރަށް ވެސް ވިސާ ދޫކުރަން ހަމަޖެހިފައިވާ ކަމަށް އެ ބިއުރޯ އިން ބުނެ އެވެ.
އޮންލައިންކޮށް ހުށަހެޅުމުން ވިސާ ލިބެން ގާތްގަނޑަކަށް ވިއްސަކަށް ދުވަސް ނަގާނެ ކަމަށް ނޫސްބަޔާނުގައިވެ އެވެ.
ޓޫރިސްޓް ވިސާ ދޫކުރާ ޝަރުތުތަކުގެ ތެރޭގައި ތިން މަހަށް ވުރެ ގިނަ ދުވަހަށް ކިޔަވަން މަޑުނުކުރުމާއި ވިސާ ދޫކުރާ މުއްދަތަށް ވުރެ އިތުރަށް މަޑުކުރަން ނޭދުން އަދި ވިސާގެ މުއްދަތުގައި ފުރުން ވެސް ހިމެނެ އެވެ.
މީގެ ކުރިން ދިވެހިން އޮސްޓްރޭލިއާގެ ވިސާ ހޯދަން ޖެހެނީ ސްރީ ލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަނަށް ހުށަހަޅައިގެންނެވެ.
އޮސްޓްރޭލިއާ އަކީ މަތީ ތައުލީމު ހާސިލްކުރަން ގިނަ ދިވެހިން ޝައުގުވެރިވާ ގައުމެކެވެ. އަދި މިހާރު ވެސް ގިނަ އަދަދެއްގެ ކުދިން އޮސްޓްރޭލިޔާގެ އެކި ޔުނިވަސިޓީތަކުގައި ގެންދަނީ މަތީ ތައުލީމު ހާސިލްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ