ސަރުކާރުގެ ޅަފަތުގައި ހިންގާ ކޮރަޕްޝަންތައް ބަލާނެ ކޮމިޝަނެއް އުފެއްދުމަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ޔާމީން ވިދާޅުވެއްޖެ

މިހާރުގެ ސަރުކާރުގެ ޅަފަތުގައި ހިންގަމުންދާ ކޮރަޕްޝަންތައް ބަލައި ފައިސަލާ ކުރާނެ ކޮމިޝަނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ހުކުރު ވިލޭރޭ ވިދާޅުވެއްޖެ އެވެ.
ތިމަރަފުށީ ދާއިރާގެ ޑީއާރްޕީ ކެންޑިޑޭޓް ގައްސާން މައުމޫނަށް ތާއީދު ހޯދައިދިނުމަށް ހެދިގޮނޑުދޮށުގައި ޑީއާރްޕީ އާއި ޕީއޭ އަދި އައިޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ކޮރަޕްޝަން މައްސަލަތައް ބަލާތީ އެމަނިކުފާނު ހުންނެވީ ހިތްޕުޅުހަމަޖެހިވަޑައިގެން ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ނަމަ އެ ފައިސާތައް އަނބުރާ ހޯދަން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އެހެންނަމަވެސް ޔާމީން ވިދާޅުވީ އެކަމުގައި ސިއްރެއްވާ ކަމަށާއި ރިޔާސީ ކޮމިޝަންގެ މެންޑޭޓްގައި އޮންނަނީ ވަކި މައްސަލަތަކެއް ބަލައި ވަކި މައްސަލަތަކެއް ދޫކޮށްލުން ކަމަށެވެ.
"ރައްޔިތުން ހޭލުންތެރިވާން ވެއްޖެ ނޫންތޯ މިގޮތަށް ފަސާދައިގެ ތެރެއިން ދައުލަތުގެ ބައިތުލްމާލުން ނަގާފައި ހުރި ފައިސާ އަނބުރާ އިއާދަކުރަން އުޅޭއިރު ބައެއް މައްސަލަތައް ދޫކޮށްލާފައި އަނެއް ބައި މައްސަލަތަކެއްގެ ފައިސާ ހޯދަން މަސައްކަތް މިކުރަނީ ކީއްވެގެންތޯ،" ޔާމީން ސުވާލު ކުރެއްވި އެވެ.
އެގޮތަށް ކަންތައްތައް ހުރި ކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ޑީއާރްޕީ އާއި ޕީއޭ އަދި އެމްޑީޕީގެ މެންބަރުން ވެސް ހިމަނައިގެން މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަވާނެ ކަމަށާއި އެއީ މިހާރު މިއޮތް ސަރުކާރުގެ ޅަފަތުގައި ހިންގާ ކޮރަޕްޝަންތައް ވެސް ބަލާނެ ކޮމިޝަނެއް ހެދުމުގެ މައްސަލަ ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން މިހެން ގެއްލިފައި ހުރި ފައިސާގެ އެއްވެސް މައްސަލައެއް ދޫކޮށްލާކަށް. އެހެންވީމާ މިހާރުގެ ސަރުކާރަށް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކަ އަކީ އަޅުގަނޑާއި އަޅުގަނޑަށް ތާއީދުކުރާ މެންބަރުން އެމްޑީޕީގެ މެންބަރުން ވެސް ހިމެނޭ ގޮތަށް، އަޅުގަނޑު މިއުޅެނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދާށޭ،" ޔާމީން ވިދާޅުވި އެވެ. "މައްސަލައިގެ ސުރުހީ އަކީ މި ސަރުކާރުގެ ޅަފަތުގަ މި ހިނގާދާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައްޔިތުންގެ މަޖިލީހުން ކޮމިޝަނެއް އުފެއްދުން. އެ ކޮމިޝަން ނުވަތަ ކޮމެޓީގެ ބޭނުމަކަށް ވާނީ މިހާރު މިއޮތް ސަރުކާރުގެ ޅަފަތުގައި މިދިޔަ ހުރިހާ ކަމެއް ބެލުން."
ޔާމީން ވިދާޅުވީ އެފަދަ މައްސަލަތައް ބަލަން އެންމެ ބޮޑަށް ތާއީދު ކުރައްވާނީ ވެސް އެމްޑީޕީގެ ބޭފުޅުން ކަމަށެވެ.
ދައުލަތުގެ ފައިސާ އާއި މުދާ ނާޖާއިޒު ގޮތުގައި ބޭނުންކޮށް، އަދި ކުރި ލޯންޗު ދަތުރުތަކުގެ ވާހަކަތައް ހައި ކޯޓަށް ހުށަހަޅައި އެ ކޯޓުގެ ފަނޑިޔާރުންނަށް އުނދަގޫކުރަން ބޭނުންނުވާ ކަމަށާއި އެ މައްސަލަ ފައިސަލާ ކުރަން ވައްދަން ބޭނުން ވަނީ ސީދާ ރައްޔިތުންގެ މަޖިލީހަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އެ މައްސަލަތައް ބަލާފައި ރައްޔިތުންގެ މަޖިލީހުން އެއާ ދޭތެރޭ ގޮތެއް ނިންމަން ބޭނުންވަނީ. އަޅުގަނޑުމެނަށް ވުރެ ވަކި އެކަން ކުރާކަށް ލާއިގު ބައެއް ނެތް. އަޅުގަނޑުމެނަކީ ރައްޔިތުން މި މެންޑޭޓް ދީފައިވާ މީހުން. މި މެންޑޭޓަށް މިހާރު މިއޮތް ރިޔާސީ ކޮމިޝަނުން އެކަމެއް ނުކުރާނެ. އެހެންވީމާ އަޅުގަނޑުމެން އެބަ ޖެހޭ އެކަން ބަލައިލަން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ ކޮމިޝަނުން ނުބަލާ ދޫކޮށްފައި ހުރި މައްސަލަތައް ބައްލަވާނެ ކަމަށާއި އެއީ އޭނާގެ ވައުދެއް ކަމަށެވެ. އަދި ވިދާޅުވީ މިހާރު މިއޮތް ރިޔާސީ ކޮމިޝަނަށް މައްސަލަ ހުށަހަޅުއްވަން ބޭނުންވާ ކަމަށާއި އެ ކޮމިޝަނަށް ފުރަތަމަ ވެސް ހުށަހަޅުއްވާނީ ރިޔާސީ ކޮމިޝަނުގައި މައްސަލަތައް ފައިސަލާ ކުރައްވަން ތިއްބެވި ބޭފުޅުންގެ މައްސަލަތައް ކަމަށެވެ.
"މިއީ އަޅުގަނޑުމެން ކުރަން ޖެހިއްޖެ ކަމެއް. މިއުޅެނީ ކޮރަޕްޝަނާއި ފަސާދައިގެ ވިޔާނުދާ އަމަލުތައް ފޮހެލައި ދިވެހި ރާއްޖެ ސަލާމަތް ކުރަން،" ރިޔާސީ ކޮމިޝަނަށް ހާޒިރުވެ ވަޑައިނުގެންނެވުމުން ދާދި ފަހުން ފުލުހުންގެ އިދާރާ އަށް ހާޒިރުކުރި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ގައްސާނުގެ ކެމްޕޭނުގެ ހުރިހާ ކަމެއްގައި ބައިވެރިވެ އޭނާ އަށް ތާއީދު ހޯއްދަވައި ދެއްވާނެ ކަމަށެވެ. މަޖިލީހުގެ ހުރިހާ ގޮނޑިތަކަށް ވުރެ ތިމަރަފުށީ ދާއިރާގެ ގޮނޑި މިހާރު މުހިންމު ވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ގައްސާނު މި ގޮނޑީގައި ބައިންދަން،" ޔާމީން ވިދާޅުވި އެވެ.
އައިޑީޕީގެ ރައީސް އުމަރު ނަސީރު ވިދާޅުވީ ގައްސާނުގެ ކެމްޕޭން ޓީމާ އޭނާ ގުޅިވަޑައިގަތީ އިންތިހާބުގައި އާދަޔާ ހިލާފު ކަންތައްތަކެއް ހިންގައި ބޭއިންސާފުން އެތައް ކަމެއް ކުރުމުން ކަމަށެވެ.
އުމަރު ވިދާޅުވީ ގައްސާނު ކެމްޕޭނުގައި އޭނާ އުޅުއްވާތީ އެކަމަށް ހުރަސް އަޅަނީ އޭނާގެ އަތުގައި ވަރަށް މުހިންމު މައުލޫމާތުތަކެއް ހުރިކަން އެނގޭތީ ކަމަށެވެ.
"އެބޭފުޅުންނަށް ހީވޭ އަޅުގަނޑު އެ މައުލޫމާތުތައް ކިޔައިފާނޭ. އެހެންނަމަވެސް އެވާހަކަތައް ދައްކާކަށް އަދި ނެތިން. އެކަމަކު އެ މައުލޫމާތުތައް ދާން ޖެހޭ ފަރާތަށް ހުށަހަޅާނަން. އަޅުގަނޑު ދަންނަވާލަން އޮތީ ]އެމްޑީޕީގެ ކެންޑިޑޭޓުގެ[ ކެންޑިޑެންސީ ބާތިލުކުރެވޭ ވަރަށް އަޅުގަނޑުގެ އަތުގައި ހެކި އެބަ ހުއްޓޭ. އަޅުގަނޑުގެ އަތުގައި މިހިރަ ހެކިތައް، އެ ގޮނޑީގައި އީށީނަސް ހުށަހަޅާނަން،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ