ޓީޗަރުންގެ މުސާރައިގެ މައްސަލަ: ޓީޗަރުންގެ އަސާސީ މުސާރަ 33 ޕަސެންޓުން ފެށިގެން 42 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބޮޑުކޮށްފި

ޓީޗަރުންގެ އަސާސީ މުސާރަ 33 ޕަސެންޓުން ފެށިގެން 42 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބޮޑުކޮށް، ސާވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 2،500ރ. ދޭން ހަމަޖައްސައިފި އެވެ.
މުސާރައިގެ މައްސަލައިގައި ޓީޗަރުން އިހުތިޖާޖު ކުރުމަށް ތައްޔާރުވަމުން ދަނިކޮށް، ޓީޗަރުންގެ މުސާރަ ބޮޑުކުރިކަން ސިވިލް ސާވިސް ކޮމިޝަނުން މިއަދު ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައި ސިވިލް ސާވިސް ކޮމިޝަނުން ފާސްކޮށްފައިވާ އޮނިގަނޑުގައި ޓީޗަރުން ދަރަޖަކޮށްފައި ވަނީ ޓީޗިން ސާވިސް އޮފިސަރު (ޓީއެސްއޯ) 2 އިން 4 އަށެވެ. މި ގޮތަށް ހެދި އިރު ކުރީގެ އޮނިގަނޑުގައި ހިމެނޭ ގްރޭޑް 3 ގެ މަގާމުގައި ތިބި ޓީޗަރުން ބަދަލުވީ ޓީއެސްއޯ 2 އަށެވެ. އަދި ގްރޭޑް ،4 ޓީއެސްއޯ 3 އަށް، ގްރޭޑް ،5 ޓީއެސްއޯ 4 އަށް ބަދަލުކޮށްފައިވެ އެވެ.
ކުރިން ގްރޭޑް 3 ގެ ދަރަޖާގައި ހިމެނޭ ޓީޗަރުންގެ އަސާސީ މުސާރަ އަކީ 4،195ރ. އެވެ. އަދި ޓެކްނިކަލް އެލަވަންސްގެ ގޮތުގައި 839ރ.އާ އެކު ޖުމްލަ 5،034ރ. ޖެހެ އެވެ. ނަމަވެސް އެ ގިންތީގެ ޓީޗަރުން ޓީއެސްއޯ 2 އަށް ބަދަލުކޮށް، ފެށޭ މުސާރަ ކުރިއަށް ވުރެ 33 ޕަސެންޓް ބޮޑުކުރުމުން މިހާރު 5،610ރ. ލިބެ އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 2،500ރ. އާ އެކު މަހަކު 8،110ރ. ލިބޭނެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ ދިގު މުއްދަތުގެ އެލަވަންސާއި ޕެންޝަން ލިބޭ މުވައްޒަފުންގެ މުސާރަ ހަމަޖައްސާފައި ވަނީ މުސާރައިގެ ސްޓެޕްތަކަކުން ކުރިއެރުން ދީގެން ކަމަށެވެ. އެގޮތުން ޓީއެސްއޯ 2 އަކަށް ފެތޭ މުވައްޒަފަކަށް 10 އަހަރުގެ ދިގު މުއްދަތުގެ އެލަވަންސް ލިބޭ ނަމަ އަސާސީ މުސާރަ އަކީ 6،610ރ. އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި 2،500ރ. ހިމެނުމުން ޖުމްލަ މުސާރަ އަކީ 9،110ރ. ކަމަށް އާ އޮނިގަނޑުގައި ވެ އެވެ.
ގްރޭޑް ހަތަރެއްގެ ޓީޗަރެއްގެ ކުރީގެ މުސާރަ އަކީ 4،490ރ. އެވެ. ޓެކްނިކަލް އެލަވަންސްގެ ގޮތުގައި 898ރ. ނުވަތަ ޕްރޮޕެޝަނަލް އެލަވަންސްގެ ގޮތުގައި 1،796ރ. އާ އެކު ޖުމްލަ 5،388ރ. ނުވަތަ 286` 6ރ. ކުރިން ޖެހެ އެވެ. އާ އޮނިގަނޑުގެ ދަށުން ގްރޭޑް ހަތަރެއްގެ ޓީޗަރުން ޓީއެސްއޯ 3 އަށް ބަދަލުވެ ފެށޭ މުސާރަ ވަނީ ކުރިއަށް ވުރެ 40 ޕަސެންޓް ބޮޑުކޮށް، 6،295ރ. އަރުވައިފަ އެވެ. އަދި ސާވިސް އެލަވަންސަށް 2،500ރ. އެކު ޖުމްލަ 8،795ރ. ޖެހެ އެވެ. އެ އޮނިގަނޑުގައިވާ ގޮތުން ދިގު މުއްދަތުގެ އެލަވަންސް ލިބޭ ނަމަ، އަސާސީ މުސާރަ އަކީ 7،795ރ. އެވެ. އަދި ސާވިސް އެލަވަންސްގެ 2،500ރ. އާ އެކު ޖުމްލަ 9،795ރ ލިބެ އެވެ.
ގްރޭޑް 5ގެ ޓީޗަރުން އާ އޮނިގަނޑުގެ ދަށުން ބަދަލު ކުރީ ޓީއެސްއޯ 4 އަށެވެ. ކުރިން ގްރޭޑް 5 ގިންތީގެ ޓީޗަރުންގެ އަސާސީ މުސާރަ އަކީ 4،940ރ އެވެ. ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި 1،976ރ ލިބުނެވެ. އެހެންކަމުން ކުރިން މަހަކު ލިބެނީ 6،916ރ އެވެ. އެ ޓީޗަރުން ޓީއެސްއޯ 4 އަށް ލުމުން ފެށޭ މުސާރަ 42 ޕަސެންޓް ބޮޑުކޮށް މިހާރު 7،035ރ. ޖެހެ އެވެ. އަދި 2،500ރ. އާ އެކު، އެ ގިންތީގެ ޓީޗަރުންނަށް މަހަކު ޖުމްލަ 9،535ރ. ލިބެ އެވެ.
އާ އޮނިގަނޑުގައިވާ ގޮތުން ޓީއެސްއޯ 4 އަށް ފެތޭ މުވައްޒަފަކަށް 10 އަހަރުގެ ދިގު މުއްދަތުގެ އެލަވަންސް ލިބޭ ނަމަ އަސާސީ މުސާރަ އަކީ 8،035ރ. އެވެ. ސާވިސް އެލަވަންސް 2،500ރ ހިމެނުމުން ޖުމްލަ މުސާރަ އަކީ 10،535ރ. އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް އަމަލު ކުރަމުންދިޔަ ޓީޗަރުންގެ އޮނިގަނޑުގައި ހިމެނެނީ ފަސް ގްރޭޑެވެ. މީގެ ތެރެއިން ގްރޭޑް އެކަކާއި ދޭއްގައި ހިމެނެނީ ތަމްރީނު ލިބިފައި ނުވާ އެސިސްޓެންޓް ޓީޗަރުންނާއި ވަގުތީ ޓީޗަރުންނެވެ. އެހެން ނަމަވެސް އަލަށް އެކުލަވާލި އޮނިގަނޑުގައި ހިމެނޭ 11 ގްރޭޑްގެ ތެރޭގައި ކުރީގެ އޮނިގަނޑުގައި ހިމެނޭ ތަމްރީނު ލިބިފައި ނުވާ ގްރޭޑް އެކެއް އަދި ދޭއްގެ ޓީޗަރުން ހިމަނައިފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސިވިލް ސާވިސްގެ ވަޒީފާގެ އޮނިގަނޑަށާއި މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން ޓީޗަރުންގެ މުސާރަ އަށް އެކަށީގެންވާ ބަދަލެއް އައިސްފައި ނުވާ ކަމަށް ޓީޗަރުން މައުލޫމާތު ފެތުރި ނަމަވެސް ވަކި އިސްތިސްނާއެއް ނެތި ޓީޗަރުންގެ މުސާތައް ވެސް ވަނީ ބޮޑުކޮށްފައި ކަމަށެވެ.
"މި ބޮޑުވި ނިސްބަތަކީ މިހާރު ގައުމުގެ އިގްތިސާދީ ހާލަތަށް ބަލާއިރު އެއްގޮތަކަށް ވެސް ބަޔަކު ޝަކުވާކުރުން ހައްގު ނިސްބަތެއް ކަމަކަށް މި ކޮމިޝަނުން ނުދެކެ އެވެ. އަދި ސިވިލް ސާވިސްގެ އެހެނިހެން މުވައްޒަފުންގެ ނިސްބަތުގައި ވެސް ޓީޗަރުންގެ މުސާރަ އަށް ހެޔޮ ބަދަލު އައިސްފައިވާ ކަމުގައި ދަންނަވަމެވެ. ސިވިލް ސާވިސްގެ އެހެނިހެން މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް ނުވަތަ އެހެނިހެން މުވައްޒަފުންނާ އާދަޔާހިލާފު ތަފާތުތަކަކާ އެކު ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ވެސް ހަމަޖެހޭ ކަމެއް ކަމަކަށް މި ކޮމިޝަނުން ނުދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިތުރަށް ބުނީ މުސާރަ ބޮޑުކުރުމަށް އެ ކޮމިޝަނުން މައިގަނޑު ގޮތެއްގައި ބޭނުންކުރީ އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅައިފައިވާ މަގާމާއި ޝަރުތުގެ އޮނިގަނޑާއި މަގާމްގެ ދަރަޖަތައް ކަމަށެވެ. އަދި ޓީޗަރުންގެ އެންމެ ގިނަ އަދަދެއްގެ މުވައްޒަފުންގެ ގިންތިކަމުގައިވާ އެޑްވާންސް ސެޓްފިކެޓް އޮތް ގިންތީގެ ޓީޗަރުން ކޮމިޝަނުން ފައްތާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފައިވާ އާ އޮނިގަނޑުގައި ހަމަޖައްސާފައިވާ ވަރަށް ވުރެ ވެސް މަތީ ހަރުފަތަކަށް ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.
ޓީޗަރުންގެ ޖަމިއްޔާ އިން މިއަދު ބުނީ އާ އޮނިގަނޑުގެ ދަށުން މުސާރަ އަށް ގެނެސްފައިވާ ބަދަލުތަކާ މެދު 90 ޕަސެންޓް ޓީޗަރުން ހިތްހަމަނުޖެހޭކަން އެ ޖަމިއްޔާ އަށް އެނގިފައިވާ ކަމަށެވެ.
"ޓީޗަ ގްރޭޑް ތިނެއްގެ މީހުން ޓީއެސްއޯ 2 އަށް އާ އޮނިގަނޑުގައި ހިޖުރަކުރުވައިފައި ވަނީ. ހަމަ އެގޮތަށް ހަތަރެއް މީހުން ތިނަކަށް އަދި ފަހެއްގެ މީހުން ހަތަރަކަށް. އަސްލުގައި އަޅުގަނޑުމެން ދެކޭ ގޮތުގައި ގްރޭޑް ފަހެއްގައި ހުރި ޓީޗަރެއް ވެއްޖިއްޔާ ބަދަލުވާން ޖެހޭނީ ޓީއެސްއޯ 5 އަކަށް،" އެސޯސިއޭޝަންގެ މެމްބަރު އަބްދުﷲ މުހަންމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓީޗަރުންގެ އެއް ދަރަޖަ ދަށްކޮށް މުސާރައިގެ އޮނގަނޑު ހަމަޖައްސައި ޓީޗަރުންނަށް ލިބޭ އެލަވަންސްތައް ކަނޑާލުމުން މި ދާއިރާގައި ގިނަ މުއްދަތެއް ވަންދެން މަސައްކަތްކޮށްފައި ތިބި މީހުންގެ މުސާރަ ވަނީ ހަގީގަތުގައި ދަށްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ