ރިސޯޓެއް ނުހުޅުވެނީސް އެ ތަނެއް ވިއްކާލުން މަނާކުރާ މާއްދާ އުވާލަން ވިސްނަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެ

ޓޫރިސްޓް ރިސޯޓެއް ހެދުމަށް ކުއްޔަށް ދޫކުރައްވާފައިވާ ރަށެއް ނުހުޅުވެނީސް ތިން ވަނަ ފަރާތަކަށް އެ ރަށެއް ކުއްޔަށްދީ ނުވަތަ ވިއްކާލުން މަނާކުރާ މާއްދާ އުވާލައްވަން ވިސްނަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ ވިދާޅުވެއްޖެ އެވެ.
ހަވީރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި ތިން ވަނަ މާސްޓަ ޕްލޭންގެ މަޝްވަރާތައް ހިނގަމުން ދިޔަ އިރާއި 11 ރަށުގެ މައްސަލާގައި ވެސް އަދި އޭގެ ފަހުގެ ރަށްރަށުގެ މައްސަލާގައި ވެސް ގިނަ ފަރާތްތަކުން އެގްރީމަންޓްގެ އެ މާއްދާ އުނިކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
"އަދި މީގެ ކުރީގައި މި ކްލޯސް (މާއްދާ) ހިފަހައްޓާފައި އޮތުމުގެ ސަބަބުން ދަތިތަކެއްވެފައިވާ ފަރާތްތަކެއް ވެސް އެބަހުރި. މިގޮތަށް ހުށަހަޅާ ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ބިޑްކުރި ރަށެއް (ބިޑުން) ކާމިޔާބު ކުރި ކުރުމަކީ ވިޔަފާރީގެ މުދަލެއްގެ ގޮތުގައި ލިބޭ އެއްޗެއް. އެހެންވީމާ އެ ޓްރޭޑް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެކަށް އެ ފަރާތްތަކުން ދެކެމުން މިދަނީ. އެހެންވީމާ މުޅި އިންޑަސްޓްރީ އަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ އާއި އިގްތިސާދަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ވިސްނާފަައި ގޮތެއް ނިންމާނީ. އެކަމާ ދޭތެރޭ ވިސްނަމުން އެބަގެންދަން،" ޑރ. ޝައުގީ ވިދާޅުވި އެވެ.
ރަށްތަކެއް ބީލަމަށް ލައްވާއިރު އެ ފުރުސަތު ހުޅުވާ ނުލައްވައި އަދި ގިނަ އަދަދެއްގެ ރަށްތަކެއް އެވޯޑް ކުރެއްވުމަށް ފަހު، އެ މާއްދާ އުވާލެއްވުމުން އެއީ، ބަޔަކަށް ވިޔަފާރީގައި ލިބެން އޮތް ފުރުސަތެއް ގެއްލުނީ ނޫންތޯ ދެންނެވުމުން، ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ދެ ފަރާތް ދެމެދުގައި ކުރެވިފައިވާ އެގްރީމަންޓް ބަދަލުކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވާ ކަމަށެވެ.
"ބިޑްކުރި ފަރާތްތަކުގައި ބިޑް ވަޒަން ކުރުމުގައި އެއްވެސް ގޮތަކުން ޕޮއިންޓް ދީފައިވާ ނުކުތާއެއް ނޫން އެކަމަކީ. އެ އެގްރީމަންޓަކީ ސަރުކާރާއި އެ ފަރާތަކާ ދޭތެރޭގައި ކުރެވިފައިވާ އެގްރީމަންޓެއް. ދެ ފަރާތް އެއްބަސްވެގެން އެ އެގްރީމަންޓަށް ބަދަލު ގެނައުމުގެ އިހުތުޔާރު ސަރުކާރަށް އެބަ އޮތް،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ. "ބިޑް ކުރި އިރު، ކުރިމަތިލި ފަރާތްތަކަށް އެ އިހުތިޔާރު ސަރުކާރަށް އޮތްކަން އެނގިވަޑައިގަންނަވާނެ. ބިޑް ވަޒަންކުރުމުގެ ޕޮއިންޓް ދީފައިވާ ނުކުތާއަކަށް ނުވާތީ، އަދި މި އެގްރީމަންޓްގައި ސަރުކާރަށް އިހުތިޔާރު އޮތް ކަމަކަށް ވާތީ، މި ކަމުގައި (ބައެއްގެ) ހައްގެއް ސީދާ އޮތޭ ދަންނަވަން ދަތި،" ޓޫރިޒަމް މިނސްޓަރު ވިދާޅުވި އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ރިސޯޓް ހަދާނެ ރަށް ކުއްޔަށް ދެއްވާ އެގްރީމަންޓްގެ އެ މާއްދާ ބަދަލުކުރެއްވުމަށް ސަރުކާރުން މިހާރު ވަނީ ނިންމަވައިފަ އެވެ.
ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ބުރާސްފަތި ދުވަހު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ވިޔަފާރީގެ ސިޔާސަތުތައް އިތުރަށް މިނިވަން ކުރެއްވުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި ބުރާސްފަތި ދުވަހު މަޝްވަރާ ކުރެއްވި ކަމަށެވެ.
ރިސޯޓް ހަދާނެ ރަށްތައް ކުއްޔަށް ދެއްވުމާ ބެހޭ އެގްރީމަންޓްގައި ރަށެއް ނުހުޅުވެނީސް އެ ރަށެއް ތިން ވަނަ ފަރާތަކަށް ކުއްޔަށްދީ ނުވަތަ ނުވިއްކޭނެ ކަމަށް ބުނާ މާއްދާގެ ސަބަބުން ހުދުފުށި ވަނީ އެހެން ފަރާތަކަށް ކުއްޔަށްދީ އަދި ވިއްކައި ނުލެވިފަ އެވެ. އަދި އެކަމާ ގުޅިގެން އެ ރަށް 100 މިލިއަން ރުފިޔާ އަށްވުރެ ބޮޑު އަދަދަކުން ސަރުކާރުން ޖޫރިމަނާ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ