ވިލިވަރުގެ ޖޫރިމަނާ ނުދެއްކި މައްސަލައިގެ ޝަރީއަތުގެ އަޑު އެހުމެއް ބާއްވަވައިފި

ހުއްދަ ނުހޯދައި ވިލިވަރު ފަޅުން ބިންހިއްކި މައްސަލައިގެ ޖޫރިމަނާ ނުދެއްކުމުން އެ ފައިސާ ހޯދަން މއ. އަތަމާގޭ އިބްރާހިމް އަބްދުއްލަތީފުގެ މައްޗަށް ދައުލަތުން ކުރައްވާފައިވާ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް ބުރާސްފަތި ދުވަހު ބާއްވަވައިފި އެވެ.
ގަވައިދާ ހިލާފަށް ވިލިވަރު ފަޅުން ބިން ހިއްކާފައިވާ މައްސަލާގައި އިބްރާހިމް އަބްދުއްލަތީފު ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ދޭން ޖެހޭ ޖޫރިމަނާ އަށްވާ ދިހަ މިލިއަން ރުފިޔާ އޭނާގެ އަތުން ހޯދަން ޝަރީއަތަށް މައްސަލަ ފޮނުއްވެވީ މި އަހަރުގެ ފެބްރުއަރީގަ އެވެ.
މަދަނީ ކޯޓުގައި އޮތް ޝަރީއަތުގައި ބުރާސްފަތި ދުވަހު އޮތީ އިބްރާހިމް އަބްދުއް ލަތީފުގެ ފަރާތުން ޖަވާބުދާރީ ވުމެވެ. ނަމަވެސް އޭނާގެ ވަކީލު ވިދާޅުވީ މައްސަލައިގެ ލިޔެކިޔުންތައް އެ ފަރާތަށް ލިބޭ ގޮތްވީ ބުރާސްފަތި ދުވަހު ކަމަށާއި އެ މައްސަލައާ ގުޅުންހުރި ބައެއް މައްސަލަތައް ދިރާސާކުރަން ބޭނުންވާތީ ފަހުން ޖަވާބު ދިނުމަށް ފުރުސަތެއް ދެއްވުމަށެވެ.
ގާޒީ ވިދާޅުވީ މި މައްސަލައަކީ ގިނަ ދުވަސްވެފައިވާ، އަދި އަވަހަށް ނިންމަން ބޭނުންފުޅުވާ މައްސަލައެއް ކަމަށާއި ދެން މި މައްސަލައިގައި ތިން އަޑު އެހުން ބާއްވާ ގޮތަށް ހަމަޖައްސައި ފަހުން ޖަވާބު ދާރީވުމުގެ ފުރުސަތު ދެއްވީ ކަމަށެވެ.
ދައުލަތުން އަތަމާ އިބްރާހިމް އަބްދުއް ލަތީފުގެ މައްޗަށް ދައުވާކުރެއްވެވީ ޖޫރިމަނާ ފައިސާ ދައްކަން ތަކުރާރުކޮށް އެނގުމުން ވެސް އެ ފައިސާ ނުދައްކައި ދިގުލާތީ މައްސަލަ ޝަރީއަތަށް ފޮނުއްވައި ދެއްވުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެދިވަޑައިގަތުމުންނެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގެ )ހ( އާ ހިލާފަށް ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ނުހައްދައި ވިލިވަރުގެ ފަޅުން ބިން ހިއްކާފައިވާތީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިދިއަ އަހަރުގެ އޯގަސްޓް މަހު އިބްރާހިމް އަބްދުއްލަތީފު ޖޫރިމަނާކުރައްވާފައި ވަނީ 100 މިލިއަން ރުފިޔާ އިންނެވެ. ނަމަވެސް މިދިއަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ޖޫރިމަނާގެ އަދަދު 10 މިލިއަން ރުފިޔާ އަށް ކުޑަކޮށްދެއްވައި 45 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ތަކުރާރުކޮށް އެންގުމުން ވެސް އޭނާ ވަނީ ޖޫރިމަނާ ނުދައްކައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ