އަމްބިކާ ކޮލެޖުން ނާސިން ނުހެދިގެން އެނބުރި އައި ކުދިންނާ ރައީސް ބައްދަލުކުރައްވައިފި

އިންޑިއާގެ ބެންގަލޫރުގެ އަމްބިކާ ކޮލެޖަށް ނާސިން ހެދުމަށް އުތުރު ޕްރޮވިންސް އޮފީހުން ފޮނުވި ވަރަށް ގިނަ އަދަދެއްގެ ކުދިންނަށް މައްސަލަތައް ދިމާވެ ކޯސް ފުރިހަމަނުކޮށް އެނބުރި އަންނަން ޖެހުމާ ގުޅިގެން އެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މިފަދަ ގޮތަކަށް މިކަން ހިނގީތީ ވަރަށް ހިތާމަ ކުރައްވާ ކަމަށާއި އެ ކުދިންނާ ދޭތެރޭގައި ސަރުކާރުން ދެން ކަންތައް ކުރެވެން އޮތް ގޮތެއް ބަލައި އެ ކުއްޖަކު ކުރިއަށްދާން އެދޭ ރޮނގަކުން ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ. އަދި މިކަން މި ގޮތަށް ހިނގީ ރަނގަޅު ފުރިހަމަ މައުލޫމާތު ނުލިބިގެންކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ފެންވަރު ނެތިގެން ނާސިން ހެދެން ނެތް ކުދިންނަށް އިތުރަށް ކިޔަވައިދީގެން އެ ރޮނގުން ކުރިއަށް ދިއުމުގެ ފުރުސަތު ސަރުކާރުން ދޭން ބޭނުންވާ ކަމަށާއި ނާސިން ހަދަން ބޭނުންނުވާ ކުދިންނަށް ވެސް އެ ނޫން ރޮނގަކުން ކުރިއަށް ދެވޭނެ ގޮތް ތަނަވަސްކޮށްދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އަދި "ކޮންމެވެސް އެއްކޮޅެއްގައި ޖެހެންދެން" މި ކުދިންގެ ކަންތައް ސަރުކާރުން ބަލަމުން ގެންދާނެ ކަމުގެ ޔަގީންކަން ކުދިންނަށާއި ބެލެނިވެރިންނަށް ރައީސް ދެއްވި އެވެ.
މިއަދުގެ ބައްދަލުވުމުގައި، އަމްބިކާ ކޮލެކަށް ކިޔަވަން ދިޔަ ބައެއް ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ކަން ހިނގި ގޮތް ރައީސް ނަޝީދު އަރިހު ދެންނެވި އެވެ. އަދި ރައީސް މި ކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އިސްނަންގަވައިގެން މަސައްކަތްޕުޅު ކުރައްވާތީ އެ މަނިކުފާނަށް ޝުކުރު ދެންނެވި އެވެ.
ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްބާރީ އަބްދުﷲ އާއި ޑެޕިއުޓީ މިނިސްޓަރު ލުބްނާ ޒާހިރު ހުސައިނާއި މިނިސްޓަރ އޮފް ސްޓޭޓް، އުތުރު ޕްރޮވިންސްގެ ނާއިބު އާމިނަތު ޖަމީލް ބައިވެރިވެވަޑައިގެންނެވި އެވެ.
އިންޑިއާގެ އަންބިކާ ކޮލެޖާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އުތުރު ޕްރޮވިންސް އޮފީހުން ނާސިން ހަދަން އެ ކޮލެޖަށް ފޮނުވި ކުދިންގެ ތެރޭގައި ކޯހަށް ޝަރުތު ހަމަނުވާ ގިނަ ކުދިންތަކެއް ފޮނުވާފައިވާ ކަމަށާއި އެކަމުގައި ހެލްތު މިނިސްޓްރީގެ ބަޔަކު އިހުމާލުވެފައިވާ ކަމަށް ޕްރޮވިންސް އޮފީހުން ވަނީ ބުނެފަ އެވެ.
އެ އޮފީހުން ބުނީ އަމްބިކާ ކޮލެޖުގައި ދިވެހި 67 ކުއްޖަކު ކިޔަވަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަނުވާ 56 ކުއްޖަކު ހިމެނޭ ކަމަށެވެ.
އޭގެ ތެރެއިން 14 ކުއްޖަކަށް އިތުރު ހަރަދަކާ ނުލައި ކިޔެވުމަށް ފަހު ކޯސް ފުރިހަމަ ކުރަން ފުރުސަތު ދީފައިވާ ކަމަށާއި ބާކީ ތިބި 42 ކުއްޖަކު "އެއްވެސް ކޯހަކަށް ޝަރުތު ފުރިހަމަ ނުވާ" ކަމަށް ވެސް ޕްރޮވިންސް އޮފީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ