ގިނަ އަދަަދެއްގެ ބަނގުރަަލާއެކު 2 ދިވެހިން ހައްޔަރުކޮށްފި

ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ދެމީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ދެ ފްލެޓެއް ބަލައިފާސްކޮށްފައި ވާއިރު އެތަނުން އެއް ފްލެޓަކުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ހޭކިފަައިހުރި 8 ރަބަރު ޕެކެޓާއި ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން މި އޮޕަރޭޝަނުގައި 5 ކާރެއް ބަލައިފާސްކޮށްފައިވާ ކަމަށާއި، ބަލައިފާސްކުރި 5 ކާރުގެ ތެރެއިން އެއްކާރުން ގިނަ އަދަދެއްގެ ބަނގުރާލާއި މަސްތުވާތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެެވެ.
އެގޮތުން އެކާރުން 34 ދަޅު ބިޔަރާއި ބޮގަރުކަމަށް ބެލެވޭ އެއްޗެއްހުރި 33 ފުޅިއާއި 58 ފުޅި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްކަމަށް ބެލެވޭ އެއްޗެއްހުރި 51 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެް ފުލުހުން ބުނެފައި ވެއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިމަހުގެ 20 ވަނަ ދުވަހުވެސް ފުލުހުން ވަނީ، ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު މާލެއިން ދެދިވެހިން ހައްޔަރު ކޮށްފައެވެ.
އެ އޮޕަރޭޝަންގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ޖޫސްޕެޓީ ކޮތަޅާއި 75 ރަބަރު ޕެކެޓާއި 841 ގުޅަ މަނާބޭސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ