ފައްރަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ސޮއިކޮށްފި

ޓީސީ ސްޕޯޓްސް ކްލަބުގެ އެންމެ ކާމިޔާބު ކެޕްޓަން ފައްރާހް އަހުމަދު (ފައްރަ) އެ ކްލަބު ދޫކޮށް، ސުޕަ ޔުނައިޓެޓް ސްޕޯޓްސްއާ ގުޅިއްޖެއެވެ.
ފައްރަ ސޮއިކުރިކަން ކްލަބުން އިއުލާން ކޮށްފައިވާއިރު، މި ސީޒަނަކީ ސުޕަ ޔުނައިޓެޑް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި ފައްރަ އަކީ އެ ކްލަބުން އިއުލާން ކުރި ފުރަތަމަ ވަރުގަދަ ޓްރާންސްފާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ފުޓުބޯޅަ މައިދާނަށް ވަރަށް ހަލުވިކަމާއެކު ކުރިއަރައިގެން އައި ޓީސީގެ އެންމެ ކާމިޔާބު ކެޕްޓަނަކީ ފައްރައެވެ. ހަ އަހަރަށްފަހު އޭނާ ކްލަބު ދޫކޮށްލަން ނިންމީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ޓީސީއާ އެކު ފައްރަ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ބަންގްލަދޭޝްގައި ބޭއްވި އިންވިޓޭޝަނަލް ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ޓީސީން ހޯދީވެސް ފައްރަގެ ކެޕްޓަން ކަމުގައެވެ. ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑްވެސް ފައްރަ ވަނީ ޓީސީއާއެކު ކާމިޔާބު ކޮށްފައެވެ.
ދެމެހެއްޓެނިވި ގޮތުގައި ކްލަބު ހިންގުމަށް ސުޕަ ޔުނައިޓެޑުން ހާއްސަ މަސައްކަތްތަކެއްވެސް ކުރަމުން އަންނަކަން ފާހަގަކޮށްލެވޭއިރު، ރާއްޖޭގައި އުފެދުނު އެންމެ ހުނަވެރި ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)ގެ ހިއްސާ ވެސް އޮންނަ ގޮތަށް އެ ކްލަބުން ވަނީ ސްޕޯޓްސް ކެފޭއެއްވެސް މާލޭގައި ހުޅުވާފައެވެ. ދަގަނޑޭގެ "ގޭދަށު" ކްލަބެއްގެ ގޮތުގައި އޭނާ ސުޕަ ޔުނައިޓެޑް ސިފަކޮށްފައިވާއިރު، އަންނަ ސީޒަންގައި ދަގަނޑޭ އެ ކްލަބުން ފެނުން ވަރަށް ގާތެވެ.
އަންނަ ސީޒަނަށް ކްލަބުތަކުން ތައްޔާރުވަމުން އަންނައިރު، މިހާތަނަށް ފަރިތަކުރުންތައް ފަށާފައި ވަނީ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ކްލަބު ގްރީން ސްޓްރީޓްސްގެ އިތުރުން ކްލަބު ވެލެންސިއާއެވެ. އާ އާންމު ހާލަތުގައި ފަރިތަކުރުންތަކަށް ހުއްދަ ދީފައިވާއިރު، އަދި އޮތް ގޮތުން ސީޒަން ހުޅުވާނީ އަންނަ ޑިސެންބަރު މަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ