އުމުރު ދުވަހު ޖަލުގައި ބޭއްވިއަސް ސަރުކާރު ކުރިމަތީ ކުޑަކަކޫ ނުޖަހާނަން: ރައީސް ޔާމީން

ރައީސް ޔާމީން މިހެން ވިދާޅުވިކަން ހާމަކުރެއްވީ އިދިކޮޅު ކޯލިޝަން ވަަތުގީ ގޮތުން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އިދިކޮޅު ކޯލިޝަނަށް ބިރު ދެއްކުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށާއި އެގޮތުން ތަފާތު އެކި ތުހުމަތުތައްކޮށް ފުލުސް އޮފީހަށް ހާޒިރުކުރަން ފަށާފައިވާ ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ލީޑަޝިޕްގައި ތިއްބެވީ އެހެން ދައްކާ ބިރަކަށް ސިހޭނެ ބައެއް ނޫން ކަމަށާއި އެގޮތުން އެ ބޭފުޅުން ތަރުބިއްޔަތުވީ ރައީސް ޔާމީންގެ އަރިހުން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އަހަރުތަކެއް ވަންދެން ޖަލުގައި ބޭއްވުމުން ބުނާހާ ގޮތަކަށް ރައީސް ޔާމީން ހައްދަވާނެ ކަމަށް ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާނެ ކަމަކަށް އުމުރު ދުވަހުގައި ޖަލުގައި އޮންނަން ޖެހުނަސް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށެވެ.
ދައުލަތުން އުފުލި މަނީ ލޯންޑަރިން ދައުވާ ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ އުމުރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އެފަހުންވެސް އިތުރު ދެ ދައުވާ ދައުލަތުން ވަނީ އެމަނިކުފާނާއި ދެކޮޅަށް އުފުލާފައެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ސަރުކާރުން ވަނީ ރައީސް ޔާމީނަށް ގިނަ ޑީލުތަކެއް ދެއްވާފައެވެ. އެހެން ނަމަވެސް ރައީސް ޔާމީން އެއްވެސް ޑީލެއް ޤަބޫލު ކުރައްވާފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ